ހަބަރު

ވެރިކަން ކުރާ ކޮންމެ ރަށެއް ސިޓީއަކަށް ރައީސް ހައްދަވާނެ: މުއިއްޒު

ރައީސް އަބްދުﷲ ޔާމީންގެ ދެވަނަ ދައުރެއްގައި އުތުރާއި ދެކުނުގައި ޑިވްލޮޕްމެންޓް ޒޯންތަކެއް ހެދިގެން ދާނެ ކަމަށާއި، ކޮންމެ އަތޮޅެއްގެ ވެރިކަންކުރާ ރަށަކީ ސިޓީ އަކަށް ހައްދަވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ހިޔާ އެކޮމްޕްލިޝްޑް" މަޝްރޫއު އިފުތިތާހު ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި، ލިބިފައިވާ ކުރިއެރުމާއި ތަރައްގީއަކީ ރަން ޒަމާން ކަމަށެވެ.

މުއިއްޒު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލަށް ބަޖެޓް ދޭ ކަމަށާއި، އެހެން ނަމަވެސް ސިޓީ ކައުންސިލުން ވަނީ ރައްޔިތުންނާއި މެދު އިހުމާލުވެފައި ކަމަށެވެ. އަދި ރައީސް ޔާމީނަކީ ރައްޔިތުންނާއި ވަރަށް ގާތުން ކަންކަން ބައްލަވާ ބޭފުޅަކަށްވުމުން، އެކަންކަން ސަރުކާރުން ބަލަހައްޓާ ގޮތަށް ހެއްދެވީ ކަމަށެވެ.

އެމްޑީޕީ ސަރުކާރުގައި ސިޓީ އޮތީ ބޯޑުގައި އެކަނި ކަމަށާއި، ސިޓީތައް ހަގީގަތަކަށް ހެދީ ރައީސް ޔާމީން ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އަދި ރައީސް ޔާމިން މެނިފެސްޓޯ ހެއްދެވި އިރު ވަރަށް ބޮޑަށް ދިިިރާސާ ކުރެއްވި ކަމަށާއި، އެއަށް ބޭނުންވާނެ ފައިސާ ހޯދާނެ ގޮތާއި ހުރިހާ ކަމަކަށް ބެއްލެވި ކަމަށެވެ. މީގެ އިތުރުން، ލޯނު ހޯދުމަށް ބިމާއި، އިމާރާތުގެ ބަދަލުގައި އުފުލޭ މުދާ މޯގޭޖް ކުރެވޭނެ ގޮތް ރައީސް ޔާމީން ހައްދަވާނެ ކަމަށްވެސް މިނިސްޓަރު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، މުއުމިނުން ގަޔަށް އެއް ހޮރަކުން ދެ ފަހަރު ކަށި ޖެހިގެން ނުވާނެ ކަމަށާއި، މިނިވަންކަމާއި އިސްލާމް ދީނަކީ ދިވެހިންނަށް އެންމެ މުހިންމު ދެކަންތައް ކަމަށެވެ.