ރާއްޖެ ކުޅިވަރު

ސުއަރޭޒް ރާއްޖެ އަތުވެއްޖެ

ބާސެލޯނާއާއެކު ކާމިޔާބު ސީޒަނެއް ހޭދަކުރުމަށް ފަހު އުރުުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުުނު ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޔުވެންޓަސް އަތުން 3-1 އިން ބާސާ މޮޅުވި މެޗުގައި ބާސާގެ ދެވަނަ ލަނޑު ޖެހީ ސުއަރޭޒް ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އައީ އޭނާގެ އަންހެނުންނާއި ދެ ދަރިންނާއެކު އެވެ.

"ޗުއްޓީ ހޭދަކޮށްލަން މި ދަނީ. ހުރިހަ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރަން ތި ދޭ ސަޕޯޓަށް،" ފްލައިޓް ތެރޭގައި އާއިލާއެކު ނަގާފައިވާ ފޮޓޯއެއް ޕޯސްޓްކޮށް، ސުއަރޭޒް އޭނާގެ ފޭސްބުކް ޕޭޖުގައި ބުނެފައިވެ އެވެ.

ލިވަޕޫލް އިން ބާސާ އަށް މިދިޔަ އަހަރު ބަދަލުވެ، ސުއަރޭޒް ވަނީ މި ސީޒަންގައި ބާސާއެކު ޗެމްޕިއަންސް ލީގުގެެ އިތުރުން ސްޕެއިން ލީގާއި ސްޕެނިޝް ކަޕް ކާމިޔާބުކޮށްފަ އެވެ. މި ސީޒަންގައި ސުއަރޭޒް ވަނީ ބާސާގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ސުއަރޭޒް ރާއްޖޭގައި ޗުއްޓީ ހޭދަކުރާއިރު، އުރުގުއޭގެ ގައުމީ ޓީމު ދަނީ ކޮޕާ އެމެރިކާ އަށް ތައްޔާރުވަމުންނެވެ. މިދިޔަ އަަހަރު ބްރެޒިލްގައި އޮތް ފީފާ ވޯލްޑް ކަޕްގައި އިޓަލީގެ ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީގެ ގައިގައި ދަތްއެޅި މައްސަލައިގައި ސުއަރޭޒް އަށް ދިން ސަސްޕެންޝަންގެ ސަބަބުން، ބުރާސްފަތި ދުވަހު ފަށާ ކޮޕާ އެމެރިކާގައި އުރުގުއޭގެ ޓީމަށް ސުއަރޭޒް އަށް ނުކުޅެވޭނެ އެވެ.

ޔޫރަޕްގެ ފުޓްބޯޅަ މޫސުން ނިންމާލުމަށް ފަހު، ގިނަ ކުޅުންތެރިންތަކެއް ޗުއްޓީ ހޭދަކުރަން ރާއްޖެ އާދެ އެެވެ.