ނިއުމާ މުހައްމަދު ފަދަ ދެ ވަނަ ބަތަލާއަކު ދިވެހި ފިލްމީ އުދަރެހުން ދެން ނުފެންނާނެ ކަމަށް ބައެއް މީހުން ބުނެ އެވެ. ސަބަބަކީ ފާއިތުވި 20 އަހަރު ވެސް އެއް ވަނަ ބަތަލާގެ ތާޖު އޭނާ އަށް ގެއްލިފައި ނުވާތީ އެވެ. ނިއުމާގެ މި ކާމިޔާބީއާ ވާދަކޮށްލެވޭ ވަރުގެ ދެ ވަނަ ބަތަލާއަކު މި ދާއިރާ އިން މިއިން ޒަމާނަކު ވެސް ފެނިފައި ނެތީމަ އެވެ.
ހަގީގަތަކީ އެއީ އެވެ. ނަމަވެސް އޮލިމްޕަހުގައި ބުރާސްފަތި ދުވަހުގެރޭ ސްކްރީންކޮށް ނިންމާލި ދިވެހި ފިލްމު "ހުޅުދާން" ގައި ލީޑް ރޯލު ކުޅެފައިވާ ބަތަލާ، މަރިޔަމް މަޖުދާ (މަޖޫ) އާއެކު މި ހުރިހާ ވާހަކައެއްގެ ރާގު މުޅިން ބަދަލުވެއްޖެ އެވެ. ނިއުމާ ނޫން އެހެން މޫނަކަށް ދިވެހި އޯޑިއެންސް ނުހެއްވޭނެ ކަމަށް އަދި ނުރޮއްވޭނެ ކަމަށް ގަބޫލުކުރި މީހުން އަމާންދީފި އެވެ.
ކޮންމެއަކަސް މިއީ ނިއުމާއާ ގުޅޭ ލިޔުމެއް ނޫނެވެ. އޭނާގެ ރިޕްލޭސްމެންޓްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ މަޖޫގެ ވާހަކަ އެވެ.
ގާތްގަނޑަކަށް މީގެ ދެ އަހަރެއްހާ ކުރިން ސްރީ ލަންކާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އޭނާގެ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާ އެވެ. އެއީ މަރުގެ އެތިފަހަރެކެވެ. އެކްސިޑެންޓުގައި އޭނާ އަށް ލިބުނު ގެއްލުންތައް "ހުޅުދާން" ގެ ބައެއް މަންޒަރުތަކުން ވެސް ފެންނަން ހުއްޓެވެ.
އޭނާ އެ ފިލްމު ކުޅުނުއިރު ވެސް ދިޔައީ އެ އަނިޔާތަކަށް ފަރުވާ ހޯދަމުންނެވެ. ނަމަވެސް އެ އެކްސިޑެންޓަށް ފަހު އެނބުރި ރާއްޖެ އައިސް ފިލްމީ ދާއިރާ އިން ލިބުނު އެކުވެރިންތަކަކާ އެކު އޭނާގެ މުޅި ދިރިއުޅުން މިއަދު މި ވަނީ ބަދަލުވެފަ އެވެ.
މަޖޫ ބުނީ އެކްޓަރެއްގެ ގޮތުގައި ކެމެރާގެ ކުރިމައްޗަށް އެރުމަކީ އޭނާ އެއްގޮތަކަށް ވެސް ދެކެމުން ދިޔަ ހުވަފެނެއް ނޫން ކަމަށެވެ.
"ދުވަހަކު ވެސް ހިތަށް ނާރާ ފިލްމީ ދާއިރާ އަށް ވަންނާނަމެކޭ. ފިލްމީ ދާއިރާ އަކަށް މާ ބޮޑު ސަމާލުކަމެއް ދެވިފައެއް ނެތް،" މަޖޫ ބުނީ މިހެންނެވެ.
"އެއީ އަހަންނަށް ބޮޑަށް ގަބޫލުކުރެވިފައި އޮތީ އަހަންނަށް ކުރެވޭ ވަރަށް ވުރެ ބޮޑު ކަމެކޭ އެކްޓްކުރުމަކީ. އެކަމަކު ފިލްމީ ދާއިރާގެ މީހުންނާ އެކު އެހެން މަސައްކަތްތަކުގައި އުޅެން ފެށީމަ އެނގުނީ އެކްޓް ވެސް ކުރެވިދާނެކަން."
އެކްޓަރެއްގެ ގޮތުގައި ފިލްމީ ދާއިރާ އިން މަޖޫ އަށް ލިބުނު ފުރަތަމަ ފުރުސަތަކީ "ހުޅުދާން" އެއް ނޫނެވެ. އަދި މިއީ އޭނާ ކުޅުނު ފުރަތަމަ ފިލްމެއް ވެސް ނޫނެވެ.
އެ ފިލްމަކީ "ހަތަރު ހަޅަ" އިގެ ނަމުގައި އުފައްދާފައިވާ އެންތޮލޮޖީ ފިލްމުގެ ސެގްމެންޓް "ގާތިލް" އެވެ. އެއީ މަހުދީ އަހުމަދު ލިޔެ ރަވީ ފާރޫގް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ޑާކް ރެއިން އެންޓަޓެއިންމަންޓުން އެ މީހުންގެ އާޓް ފިލްމު "ހުޅުދާން" އަށް ހުނަރުން ފުރިފައިވާ ފްރެޝް މޫނެއް ހޯދަމުން ދަނިކޮށް މަޖޫ ގެނެސް ދެއްކީ ރަވީ އެވެ. ކުރިން އަޅުގަނޑަށް ދިން އިންޓަވިއުއެއްގައި މަޖޫގެ ހުނަރުވެރިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ރަވީ ބުނެފައި ވަނީ "އެ ފެންވަރުގެ ހުނަރުވެރި ބަތަލާއެއް މި ފަހުން ފިލްމީ ދާއިރާ އިން" ނުދެކޭ ކަމަށެވެ.
ސަރަހައްދުން ވަނަ ހާސިލުކޮށްފައިވާ ފިލްމު "އިނގިލި" ގެ ޑައިރެކްޓަރު މަޖޫ އަށް މިފަދަ ތައުރީފުން ސަނާ ކިޔާ ނަމަ މަޖުދާ މިއީ ސަމާސާއެއް ނޫނެވެ.
އަނެއްކޮޅުން ފިލްމީ ދާއިރާ އިން މަޖޫ އަށް ލިބެމުން ދާ އެހެން ފުރުސަތުތަކަކީ ވެސް އޭނާގެ ހުނަރުވެރިކަމާ މެދު މި ދާއިރާގެ އެއްވެސް ބަޔަކު ދެބަސްނުވާ ކަމުގެ ވެސް ހެއްކެކެވެ. ޑާކް ރެއިން އިން އުފައްދަމުން އަންނަ ލޯބީގެ ފިލްމު "އެންމެ ފަހު ވިންދާ ޖެހެންދެން" އަކީ ވެސް މަޖޫގެ ބޮޑު ފިލްމެކެވެ.
ދެން އަނެއްކާވެސް މަޖޫގެ ވާހަކަ އަކަށް ޖެހިލަމާ ހިނގާށެވެ. އޭނާ އަކީ ހަމައެކަނި އެކްޓްރެސްއެއް ނޫނެވެ. ހުނަރުވެރި ޑާންސަރެއް ވެސް މެ އެވެ. ޑީވީޑީ އަލްބަމް "ސޯލް" ގެ ލަވަތަކަށް ކޮރިއޯ ހަދައިދިން އެކަކަކީ ވެސް މަޖޫ އެވެ.
އޭނާ ބުނީ ފިލްމީ ދާއިރާ އަށް ވަނުމުގެ ހިޔާލެއް ފުރަތަމަ ނެތަސް އޭނާ އަކީ މި ދާއިރާގެ ހަވާސާގައި އެނބުރެމުން ދިޔަ އަންހެން ކުއްޖެއް ކަމަށެވެ. އެގޮތުން މޭކަޕްކޮށް ދިނުމާއި ލަވަތަކަށް ކޮރިއޯ ހަދައިދިނުމުގަ އެވެ. އަދި އެންމެ ކުރިން، ކުޑަ ކުއްޖެއްގެ ގޮތުގައި އޭނާ އަކީ އޭރުގެ ލަވަތައް ބަލައިގެން އެ ލަވަތަކަށް ނަށަން އުޅުނު ކުއްޖެކެވެ.
"ކުޑައިރު ވެސް އަޅުގަނޑަކީ ވަރަށް އާޓް ދައްކައިގެން އުޅުނު ކުއްޖެއް. ވަރަށް ނަށާނެ. ފިލްމުތަކާއި ލަވަތަކުން ފެންނަ މީހުން އެކްޓްކުރާ ގޮތަށާއި ނަށާ ގޮތްގޮތަށް ނެށުން އޮންނާނެ އޭރު އަބަދުވެސް ގޭ ތެރޭގައި. ނެށުމަކީ އެންމެ ޝައުގުވެރިވާ ކަންތައް. އެކަމަކު މި ހުރިހާކަމެއް ފެށީ މަޖަލަކަށް،" މަޖޫ ބުންޏެވެ.
"އެކަނި ގޭ ތެރޭގައި އުޅޭއިރު އަހަރެން އުޅޭނީ އަބަދުވެސް ކޮންމެވެސް ކަހަލަ ލަވައެއް ޖަހާލައިގެން. އަބަދު ނަށާލަނަށާލަ ހުރެވޭނީ އެގޮތަށް އުޅޭއިރު. ކަމެއް ކުރާއިރު ވެސް އަބަދުވެސް ލަވައެއް އަޑު އެހުމަކީ ކުރާ ކަމެއް."
ކޮންމެއަކަސް އެންމެފަހުން ދިވެހި ސިނަމާ އަށް އޭނާ ތައާރަފްވެ ގާތްގަނޑަކަށް އެއްގަޑިއިރުގެ ތެރޭގައި ބެލުންތެރިންގެ ހިތްތައް ފަތަހަކޮށްލީ އެވެ. ސިއްރަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟
މަޖޫ އަށް މި ކަމުގައި އެންމެ ބޮޑަށް ހިތްވަރު ދެނީ ކާކުކަން އެނގޭ ހެއްޔެވެ؟ އޭނާގެ އައިޑޮލް އަކީ ކާކުކަން އެނގޭ ހެއްޔެވެ؟
ނިއުމާ މުހައްމަދެވެ.
"އާންމުކޮށް އެޑްވައިސް ހޯދަނީ ނިއުމާ ގާތުން. އޭނާ ކިޔައިދޭނެ ވަރަށް ގަދަ އަށް. ހުރިހާ އެއްޗެއް ކިޔައިދޭނެ،" މަޖޫ ބުންޏެވެ.
ނަމަވެސް އޭނާ ބުނީ އަދި "ނިއުމާމެން ވަރެއް ނުވާނެ" ކަމަށެވެ. ނަމަވެސް އޭނާ ހުރީ ނުގުޑާ ފަދަ އަޒުމެއްގަ އެވެ.
"ނިއުމާމެންގެ ލެވެލް އަށް ދާން ވަރަށް ވަގުތު ނަގާނެ އަދި. އެކަމަކު ދެވެން އޮތް އެންމެ މައްޗަކަށް މި ދާއިރާ އިން ދާން ތައްޔާރު. އެކަމަށް ބޭނުންވާ ގަޓް އެބަހުރި. ދެން ކޮލިޓީ ވެސް އެބަ ބޭނުންވޭ."
މިހާ އިތުބާރާ އެކު ވާހަކަ ދައްކަން އެނގޭ ނަމަ ފިލްމީ ދާއިރާގެ ބޮންތިއަށް އަރަން މަޖޫ އަށް އުނދަގޫވާނެ ކަމަކަށް ނުބެލެވެ އެވެ. އޭނާގެ ފިލްމުތަކެއް އަންނަ އަހަރަށް ރެޑީކޮށްފައިވާއިރު މިހާރު ވެސް ގިނަ މީހުން ބުނަމުން މި ދަނީ އަންނަ އަހަރުގެ އެންމެ ބޮޑު ހިޓަކަށް ވެގެންދާނީ އޭނާ ކަމަށެވެ.
ސަބަބަކީ ކޮބައި ހެއްޔެވެ؟ މިކަމަށް އޭނާ ވަމުން އަންނަ ގުރުބާނީ އެވެ. މަޖޫ އަކީ ވަރަށް ވެސް ޑެޑިކޭޓެޑް އެކްޓްރެސް އެކެވެ.
"ހަތަރު ހަޅަ" އިގެ ޝޫޓިން ފެށުމުގެ މަސް ދުވަސް ކުރިން އޭގެ ސްކްރިޕްޓް އޭނާ ހިތު ދަސްކޮށްލީ އެވެ. އަދި "ހުޅުދާން" ގައި ޑްރަގް އެޑިކްޓެއްގެ ރޯލު ކުޅުމަށް ހަށިގަނޑު ވެސް ވަރަށް ބޮޑަށް ހިއްކި އެވެ. އެ ފިލްމުގެ މަސައްކަތް އޭނާ ފެށީ 31 ކިލޯ އަށް ހިކިގެންނެވެ. ފިލްމުގެ މަސައްކަތް ނިމުނުއިރު ބަރުދަން ވަނީ އަލުން 42 ކިލޯ އަށް އަރުވައިފަ އެވެ.
މިއީ ސީދާ ފިލްމުގެ ރޯލަށް ހާއްސަކޮށްގެން އޭނާ ގެނައި ބަދަލުތަކެކެވެ.
"ހަތަރު ހަޅަ މިއީ ވަރަށް ބޮޑު ތަޖުރިބާއެއް އަލަށް މި ދާއިރާ އަށް ވަންނައިރު. މި ފިލްމަކީ މި ދާއިރާގައި މި ވަގުތު ތިބި އެންމެ މޮޅު ޑައިރެކްޓަރުންގެ ފިލްމެއް. ޑައިރެކްޓަރުންގެ އިތުރުން ވެސް މި ފިލްމުގައި ތިބި އެކްޓަރުންނަކީ ވެސް އެންމެ މަޝްހޫރު އަދި އެންމެ މޮޅު މީހުން. އެހެންވީމަ، މި ފިލްމަކީ މި އެންމެނާ އެއް ސަފެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނު ފިލްމެއް،" ފިލްމުގެ ތަޖުރިބާއާ ބެހޭ ގޮތުން މަޖުދާ ބުންޏެވެ.
"މިވަރުގެ ފިލްމަކުން އަހަރެން ކަހަލަ ކުއްޖަކަށް ފުރުސަތު ދޭނީ، ހީވަނީ އަހަންނާ މެދު ޑައިރެކްޓަރަށް ވެސް އޮތް އުއްމީދު ބޮޑުވީމަހެން. އެކަމަކު ވެސް މީގެ ބަތަލުންގެ މައްޗަށް ކުރި ހޯދުމަކީ އަހަންނަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއް."
ދެން އެންމެ އަވަހަށް އޭނާ ބެލުންތެރިނާ ބައްދަލުކުރާނެ ކަމަށް ބެލެވެނީ "ހަތަރު ހަޅަ" އިންނެވެ. އެ ފިލްމަކީ ރާއްޖޭގެ އެންމެ މޮޅު ދެ އެކްޓަރުން ކަމަށްވާ އިސްމާއިލް ރަޝީދު އާއި ނިއުމާ ވެސް ލީޑް ރޯލު ކުޅެފައިވާ ފިލްމެކެވެ. މަޖޫގެ ހަގީގީ ފެންވަރު ކިރާލަން ލިބޭ ރަނުގެ ފުރުސަތެކެވެ.
ކޮންމެއަކަސް މަޖޫ އަކީ ފިލްމީ ދާއިރާގެ ނިވެމުން ދިޔަ ހުޅުކޮޅު ރޯކޮށްލަ ދިން މޫނެކެވެ. ފާއިތުވި ވިއްސަކަށް އަހަރު އެއް މޫނެއް ފެނި ފޫހިވެފައި ތިބި ބެލުންތެރިންނަށް ހިތްހަމަޖެހުން ގެނެސްދިން މޫނެކެވެ.
"ބައެއް މީހުން ފިލްމީ ދާއިރާ އަށް ވަންނަން ލަދުގަންނަނީހެން ހީވަނީ. އަހަރެން ބަލަނީ އެއްވެސް މީހަކާ މައްސަލައެއް ނުޖެހި ކުރިއަށް ދާން. ބިރުގަނެގެން ޓެލެންޓެއް ނުދެއްކޭނެ. ތިމާގެ މޮޅުކަން ދައްކަން ބޭނުން ނަމަ ގަޓް އެބަ ބޭނުންވޭ. ހަމަ ފިލްމީ ދާއިރާ އަކީ ވެސް ވަރަށް ސަޅި ދާއިރާއެއް މަސައްކަތްކުރަން،" އެކްޓްކުރަން ޝައުގުވެރިވާ އާ ކުދިންނަށް މަޖޫ ބުނެލަން ބޭނުންވަނީ މިހެންނެވެ.