ރާއްޖެ ކުޅިވަރު

ގަތަރު ޓީމު މާލެ އަތުވެއްޖެ

ވޯލްޑް ކަޕް ކޮލިފައިންގައި ބުރާސްފަތި ދުވަހު ދިވެހިރާއްޖެއާ ދެކޮޅަށް މާލޭގައި ކުޅޭ މެޗަށް، ގަތަރުގެ ގައުމީ ފުޓްބޯޅަ ޓީމު މިރޭ މާލެ އަތުވެއްޖެ އެވެ.

އުރުގުއޭގެ ކޯޗު ހޯސޭ ޑެނިއެލް ކަރޭނޯގެ އިރުޝާދުގެ ދަށުން ރާއްޖެއާ ދެކޮޅަށް ކުޅެން ގަތަރުން ނަގާފައިވަނީ ވަރުގަދަ ސްކޮޑެކެވެ. އެ ގައުމުގައި މަޝްހޫރު ކުޅުންތެރިން ކަމަށްވާ ކަރިމް ބުއިދަފް އާއި މުހައްމަދު މުންޓާރީ އާއި މުހައްމަދު ކަސޯލާ ރާއްޖެއާ ދެކޮޅަށް ނުުކުންނަ ޓީމުގައި ހިމެނެ އެވެ. އެކަމަކު އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދައިފައިވާ މުހައްމަދު ހަލްފާން މި ފަހަރު ގަތަރުގެ ސްކޮޑަކަށް ނުނަގަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ނުކުތުމުގެ ކުރިން މެދުއިރުމަތީގެ ފުޓްބޯޅައިގައި ވަރުގަދަ ޓީމެއް ކަމަށްވާ ގަތަރުން ވަނީ އުތުރު އަޔަލޭންޑާއި ސްކޮޓްލޭންޑާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ކުޅެފަ އެވެ. އަޔަލޭންޑާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، ސްކޮޓްލޭންޑް އަތުން ގަތަރު ވަނީ 1-0 އިން ބަލިވެފަ އެވެ.

ގަތަރާއި ރާއްޖެ ބައްދަލުކުރާ މެޗު ކުޅޭނީ ބުރާސްފަތި ދުވަހުގެ ރޭ އެވެ. އެ މެޗުގެ ޓިކެޓު މިރޭ ވަނީ ވިއްކަން ފަށައިފަ އެވެ.