ރިޕޯޓް

ވޯޓް ދުވަސް: ރަށު ބައްދަލުވުން!

Sep 23, 2018

މާލޭގެ އާބާދީގެ ބޮޑު ބަޔަކީ ރަށްރަށުގެ ހިޖުރަވެރިންނެވެ. ނޫނީ ހިޖުރަކޮށްގެން ތިބި މީހުންނެވެ. ތަފާތު ސަބަބުތަކާ ހެދި އެވެ. ރަށް ދޫކޮށް މާލޭގައި އުޅެން ޖެހުމުގެ ނަތީޖާއަކީ ރަށުގެ ގިނަ މީހުން ދިމާ ނުވެ އަހަރުތަކެއް ވުމެވެ. އެކަމަކު ވޯޓުލާ ދުވަހާ އެކު އެތައް ޒަމާންތަކެއް ވަންދެން ބައްދަލު ނުވެ ތިބި ރަށުގެ އެތައް ބަޔަކާ ބައްދަލުވެ އެވެ. ވޯޓުލާން ގިނަ ބަޔަކު ހެނދުނުން ފެށިގެން ގޮސް ކިޔޫގައި ތިބިއިރު ފެންނަނީ ރަށުގެ ގިނަ ބަޔަކާ ބައްދަލުވާ ބޮޑު ރަށު ބައްދަލުވުމެއްގެ ގޮތަށެވެ.

"ވަރަށް ދުވަސްވެއްޖެ ބައްދަލުނުވާތާ މިހެން. ވޯޓު ދުވަހު މި ބައްދަލުވީ،" މ. އަތޮޅުގައި ރަށްޔިތުން ވޯޓުލާން ގޮސް ހުރި މުލީ މީހަކު ބުންޏެވެ.

އެހެން މީހަކު ބުނި ގޮތުގައި ވޯޓްލާ ދުވަސް ވެގެންދަނީ އާދަޔާ ހިލާފު އުފަލެއް ލިބޭ ދުވަހަކަށް ކަމަށެވެ.

"ދެ އުފާ މި ލިބެނީ. އެއް އުފަލަކީ ވެރިއަކު ހޮވަން ފުރުސަތު ލިބުން. އަނެއް އުފަލަކީ ރަށު މީހުންނާ ދިމާވެ، ބައްދަލުވުން،" ގިޔާސުއްދީން ސްކޫލްގައި ހުރި ވިލިނގިލީގެ ރައްޔިތުން ވޯޓުލާ ފޮށީގައި ހުރި މީހަކު ބުންޏެވެ.

ރަށުގެ އެންމެން ފޯޓު ފޮށި ދޮށަށް ޖަމާވުމާއެކު އަހަރެއް ނުވެ، ދިމާނުވެތިބި އެތަށް ބަޔަކު ދަނީ ބައްދަލުވަމުންނެވެ.

"ދެ އުފާ މި ލިބެނީ. އެއް އުފަލަކީ ވެރިއަކު ހޮވަން ފުރުސަތު ލިބުން. އަނެއް އުފަލަކީ ރަށު މީހުންނާ ދިމާވެ، ބައްދަލުވުން،"
ވިލިނގިލީ ޒުވާނެއް

"އެންމެ ފަހުން އަހަރެންގެ ރައްޓެއްސަކާ ދިމާވީ މީގެ ދެ އަހަރު ކުރިން. މިހާރު އަނެއްކާ މި ދިމާވީ. ވަަރަށް ބޮޑަށް އުފާވެއްޖެ،" މަގީދީއްޔާގައި ހުރި ވޯޓު ފޮއްޓަކަށް ވޯޓުލާން ގޮސްހުރި މީހަކު ބުންޏެވެ.

ކޮންމެއަކަސް ވޯޓުލުން އަދި އޮތީ އެވެ. ކިޔޫތައް ދަނީ ފުރެމުންނެވެ. އެކަމަކު މި ކިޔޫތައް މިހާރު ވެގެން ގޮސްފައިވަނީ ރަށު ބައްދަލުވުމުގެ ގޮތުގައި ދިމާވާ ތަނަކަށެވެ.