ރިޕޯޓް

ނަތީޖާއާއެކު ޕީޕީއެމްގެ "ހިތްވަރު" އެލި، ގެއްލިއްޖެ

Sep 24, 2018
44

ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ ރިޔާސީ އިންތިހާބުން ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ މި ވަނީ ތާރީހީ ބޮޑު މޮޅަކުން ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ މައްޗަށް ކުރި ހޯއްދަވައި، ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސް ކަމަށް ހޮވިވަޑައިގެންފަ އެވެ،

އިދިކޮޅު ކޯލިޝަނަށް ބޮޑު ކާމިޔާބީ ލިބުމާއެކު އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން އަންނަނީ މަގުމައްޗަށް ނިކުމެ އުފާ ފާޅުކޮށް ހިތުގެ ޝުއޫރުތައް ބަންޑުން ކުރަމުންނެވެ. އެއުފަލުގައި އިބޫވެސް ވަނީ އެސަރަހައްދަށްވަޑައިގެން ބައިވެރިންނާއެކު އުފާ ފާޅުކުރަމުން އެވެ.

އިދިކޮޅު ކޯލިޝަނުން "ހެސްކިޔާފަ" އުފާ ފާޅުކުރަމުންގެންދާއިރު އުފެދޭ އެންމެ ބޮޑު ސުވާލަކީ، ރައީސް ޔާމީން ކޮބައިތޯ އެވެ. ރައީސް ޔާމީނާއެކު ސާބިތުވެތިބި އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅުން ކޮބާހެއްޔެވެ؟ އިންތިހާބުން ބަލި ވުމާއެކު އަޑެއް ބަޑެއް ނީވެ ގެއްލިއްޖެ އެވެ. ޓްވީޓެއްހާ ހިސާބު ވެސް ނުފެނެ އެވެ. ހަމައެކަނި ޓްވީޓެއް ވެސް ކުރެއްވީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކެވެ.

ޕީޕީއެމް ބޮޑު ބައްޔަކުން ބަލިވެ، އެޕާޓީގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގަ އެވެ. މިއީ އެޕާޓީގެ ސަޕޯޓަރުންނަށް ލީޑަޝިޕުން އަޅާލައި ހިތްވަރު ދޭންވީ ވަގުތެވެ. ނަމަވެސް ލީޑަޝިޕް ވީތަނެއް ނުވަތަ ގެއްލުނު ތަނެއް އިނގޭ މީހަކު ހަމަ ނެތީ އެވެ.

ރައީސް ޔާމީންގެ ބަސްފުޅަށް އިންތިޒާރު ކުރައްވައިގެން ތިއްބެވި ޕީޕީއެމް ސަޕޯޓަރުން ހަމަގައިމުވެސް މަދެއް ނޫނެވެ. މާޔޫސްކަން ފިލުވާލަދީ ހިތްވަރު ދޭނެ މެސެޖްތަކަށް އެމީހުން ތިބޭނީ އިންތިޒާރުކޮށްގެންނެވެ. އިންތިހާބުގެ ނަތީޖާއާ މެދު ރައީސް ޔާމީންގެ ބަހަކަށް މުޅި ގައުމު އިންތިޒާރު ކުރެ އެވެ. އިންތިހާބު ކާމިޔާބުވިކަން އިއުލާން ކުރުމަށް ބޭއްވި ޕްރެސްގައި އިބޫވެސް ވަނީ ރައީސް ޔާމީންގެ ފޯން ކޯލަށް އިންތިޒާރު ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިހާތަނަށް ގުޅާފައިނުވާ ކަމަށް އިބޫ ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރުންވެސް ވޯޓަށް ފަހު ޓްވީޓްތައް ކުރި ނަމަވެސް އޭގެ ފަހުން ވީނުވީއެއް ނޭންގި ރައްޔިތުން މިވަނީ އެ މީހުން ހޯދަން ޖެހިފަ އެވެ. ވޯޓަށްފަހު ބަހެއް ބުނެލަން ކެރުނީ ޕީޕީއެމްގެ ޕާލިއަމަންޓް ލީޑަރު އަހުމަދު ނިހާން ހުސެން މަނިކަށް އެކަންޏެވެ.

އިންތިހާބުގެ ނަތީޖާއަށްފަހު ނިހާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މޮޅުވިޔަސް ދެރަވިޔަސް، ދިވެހި ރައްޔިތުންގެ ނިންމުން ބަލައިގަނެވޭނެ ހިތްވަރު ޕީޕީއެމްގައި ހުންނާނެ ކަމަށެވެ.

މިއީ ނަތީޖާއާ ގުޅިގެން ޕީޕިއެމްގެ އިސްވެރިއަކު އަދި އެއްޗެއް ވިދާޅުވި ފުރަތަމަ ފަހަރެވެ. ނަމަވެސް އެ ޓްވީޓަށްފަހު ނިހާން ވެސް ގެއްލުނީ އެވެ. ފޯނަށް ގުޅަން މަސައްކަތް ކުރުމުން ގުޅޭ ގޮތްވެސް ނުވި އެވެ. މެސެޖް ކުރުމުންވެސް ރިޕްލައި އެއް ނާދެ އެވެ.

ނިހާން އެކަންޏެއް ނޫނެވެ. އެޕާޓީގެ ދެ ނައިބް ރައީސުން ކަމަށްވާ އަބްދުއްރަހީމް އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ފޯނަށް ގުޅަން މަސައްކަތް ކުރި ނަމަވެސް ގުޅޭ ގޮތެއް ނުވި އެވެ. އަދި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ އަށްވެސް ގުޅުމުންވެސް ފޯނަށް ޖަވާބެއް ނުދެއްވި އެވެ. ސަރުކާރުގެ ވެރިންނާއި ޕީޕީއެމްގެ އިސްބޭފުޅުން މި ވަނީ ގެއްލިފަ އެވެ.