ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީނާއި ނުލާ ޕީޕީއެމް އަށް ފުރުސަތު ބޮޑު

Sep 21, 2022
17

ރައީސް އަބްދުﷲ ޔާމީނަކީ ސިޔާސީ ގޮތުން މިއަދު ވަރަށް ވަރުގަދަ ޝަހްސިއްޔަތެކެވެ. ދިވެހިން މިދެކޭ ފަހުގެ ތަރައްގީގެ އެއް ބާނީ އެވެ. އެމަނިކުފާނުގެ ވެރިކަމުގައި ގެނެސްދިނީ އިންގިލާބީ ތަރައްގީ އެކެވެ. ރައީސް ޔާމީނަކީ ސިނަމާލެ ބްރިޖާއި، ދަރުމަވަންތަ ހޮސްޕިޓަލާއި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކާ އެ ބިމުގައި އިމާރާތް ކުރެވުނު 7،000 ފްލެޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މޭސްތިރިޔަކީ ވެސް ރައީސް ޔާމީނެވެ. އެއީ އެއްވެސް ސުވާލެއް އޮތް ކަމެއް ނޫނެވެ.

ރައްޔިތުންގެ ލޮލަށް ފެންނަ، ރައްޔިތުންނަށް އަތްލެވޭ، ތަރައްގީގެ އެންމެ ބޮޑެތި ބިޔަ މަޝްރޫއުތައް މިހާތަނަށް އެންމެ ރަގަޅަށް ފުރިހަމަ ކުރެއްވި ރައީސް އަކީ ވެސް ރައީސް ޔާމީން އެވެ. އެކަމާމެދު ދެބަސްވާނެ މީހަކު ހުންނާނެހެނެއް ހިއެއް ނުވެ އެވެ. މިވެސް ހަގީގަތެކެވެ. މިއީ ބައެއް މީހުންނަށް ބަލައިގަންނަން އުދަނގޫ ވާހަކައަކަށްވީ ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތެވެ. ކަމުގެ އަސްލު އޮތް ގޮތެވެ.

ކުރިން މި ފާހަގަކުރި ތަރައްގީގެ ހަގީގަތްތަކަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބް ރައީސް ޔަމީނަށް ކާމިޔާބު ކުރެއްވޭނެ ކަމަށް ނިންމިދާނެ އަސާސެއް ހެއްޔެވެ. އެ ދުވަހު އެކުރެވުނު ތަރައްގީގެ މަސައްކަތްތަކަށް ބަލާ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް އިންތިހާބު ކާމިޔާބު ކުރެއްވޭ ވަރަށް ރައްޔިތުން ވޯޓް ދީފާނެ ހެއްޔެވެ.

މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީ އުފަންވި ފަހުން ޖެހިޖެހިގެން ދެ ދައުރު ވެރިކަން ކުރެވުނު ބޭފުޅަކު އަދި ނެތެވެ. ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވި ކެންޑިޑޭޓަކު އަލުން ރިޔާސީ އިންތިހާބެއްގައި ވާދަކުރައްވައިގެން ކާމިޔާބު ހޯދިފައެއް ވެސް ނުވެ އެވެ. ވިއްޔާ ވީ ފެއިލް އެވެ.

މިއަދުގެ ސިޔާސީ މާހައުލަށް ބަލާއިރު ސިޔާސީ އޮއިވަރު ހުރީ ޕީޕީއެމްއާއި ދިމާލަށް ހުރި ކަމާ މެދު ޝައްކެއް ނެތެވެ. ސަބަބުތައްވެސް ބައިވަރެވެ.

އެއް ކަމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ރައްޔިތުން ބޭނުންވާ "ސްޕީޑް" ގައި މަސައްކަތް ނުކުރެވުމުވެ. ހާއްސަކޮށް ނަތީޖާ ނެރެ ރައްޔިތުންގެ ލޮލަށް ދެއްކުމުގައި ބޮޑުތަނުން ލަސްވުމެވެ. އިގްތިސޯދަށް އަންނަމުންދާ ހީނަރުކަމެވެ. ކޮރަޕްޝަންގެ މައްސަލަތައް އިތުރުވެ އެ މައްސަލަތައް ކޮޅެއްގައި ނުޖެހި ދިގުލައިގެން ދިއުމެވެ. ދިނީ މައްސަލަތަކުގައި އެންމެ އެދެވޭ ހައްލަކަށް ނާދެވޭ ތަނުގައި އާންމު ބުއްދީގެ ހަމަތަކުން ގަބޫލު ނުކުރާ ހިސާބުން ބައެއް މައްސަލަތައް ނިމިގެންދާ ދިއުމަކީ ވެސް ޕީޕީއެމްއާ ދިމާލަށް އޮއިވަރު ހުރި ސަބަބެވެ.

ދެން އޮތީ ރައީސް ޔާމީނަށް އަލުން ވެރިކަން ލިބިދާނެ ކަމާ ދޭތެރޭ އޮތް ސުވާލެވެ. އެކަމާ މެދު ވިސްނާލާއިރު ރައީސް ޔާމީންގެ ވެރިކަމުގެ "އަނދިރި" ފަރާތެއް އެބައޮތެވެ. އެކަމަށް ވިސްނާލާއިރު ކަންކަން ހުރީ ރައްޔިތުންނަށް ރައީސް ޔާމީނަށް ވޯޓު ދޭން ފަސްޖެހޭ ގޮތަށެވެ.

ދިވެހިރާއްޖޭގެ ފަހުގެ ތާރީހެއްގައި ހިންގި އެންމެ ބޮޑު ވައްކަމުގެ މައްސަލަ -- އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ހިންގާފައިވަނީ ރައީސް ޔާމީނުގެ ވެރިކަމުގަ އެވެ. އެ މައްސަލައާއި ގުޅުންހުރި ކަޅު ފައިސާ، ކަޅު ދަބަސް ދަބަހުގައި ވަނީ ހަމައެކަނީ "ދޫވެއްސަށް" ނޫން ކަމުގައި އާންމު ބައްދަލުވުންތަކުގައި ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ. އެމައްސަލަތަކާ ގުޅޭ އެތައް ޝަރީއަތްތަކެއް މިހާރުވެސް ކްރިމިނަލކް ކޯޓުގައި ހިނގަމުން އެދަނީ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ނޫސްވެރިޔާ ރިލްވާން ހަމަހިމޭން ރެއެއްގެ ދަންވަރު ގެއްލުނު ގޮތަށް އަދި އަދާ ޖެހެން ދެންވެސް ވީނުވީއެއް ނޭގެ އެވެ. މަރާލީއެއް ކަމެއް، ކޮށާލީއެއްކަމެއް ނުވަތަ ކަނޑުފެއްތީއެއް ކަމެއް ސާފެއް ނޫނެވެ. ރިލްވާނުގެ އާއިލާއިން މިއަދުވެސް ދަނީ އިންސާފު ގާއިމުކޮށްދިނުމަށް އެދި އަދުގެ ސަރުކާރަށް އާދޭސް ކުރަމުންނެވެ.

ރައީސް ޔާމީނުގެ ފުރަތަމަ ދިފާއީ ވަޒީރު ކާނަލް މުހައްމަދު ނާޒިމު ނިދިކުރައްވާ ކޮޓަރިކޮޅުން ފިސްތޯލައެއް ފެނި، ނާޒިމު "ފްރޭމް" ކުރެވި ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހުމަކީ އެތައް ސުވާލުތަކެއް ހުރި އެއަށް ޖަވާބެއް ނުލިބިވާ ސީރިއަސް މައްސަލަ އެކެވެ. ރައީސް ޔާމީނުގެ އޭރުގެ ދާހިލީ ވަޒީރު އުމަރު ނަސީރު އޭރުވެސް އަދި މިހާރުވެސް ގަބޫލުކުރައްވާ ގޮތުގައި އެއީ ބޭއިންސާފުން، ނުހައްގުން ދައުލަތުގެ ބައެއް އިދާރާތުގެ ވެރިންގެ ބައިވެރިވުމާއެކު ހިންގުނު "ފްރޭމް" ކުރުމުގެ އަމަލެކެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސައްކަތްތަކަށް ހުރަސް އެޅުމާއި ފުލުހުންނާއި ސިފައިން ފޮނުވައިގެން މަޖިލީހުގެ މެންބަރުން މަޖިލިސްކުރާ ގެއަށް ވެންނެވުމަށް ހުރަސް އެޅުއްވުމަކީ ވެސް ކުޑަކަމެއް ނޫނެވެ. ކުޅަދާނަ ކެޔޮޅަކު ދަހި މަސްއައިނަކުން މޮޅަށް ދޮށި އަޅާ ބީދައިން، ފުލުހުންގެ ބޯމަތިންނާއި ސިފައިންގެ އަތްދަނޑިމަތިން މަޖިލީހުގެ މެންބަރުން މަޖިލީހުގެ ފާރުމަތިންނާއި ގޭޓުންބޭރަށް "އުކާލާ" މަންޒަރު ނޫސްވެރިންގެ ލެންސް ތަކުން ހަނދާނާއި ތާރީހަށްޓަކައި އެހުރީ ރައްކާކުރެވިފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވި ނުފޫޒުގަދަ ހުރިހާ ބޭފުޅުން ތިއްބެވީ ޖަލު ބަންދުގައި ހައްޔަރުކޮށްފަ އެވެ. ދެން ތިބި ބޭފުޅުން ތިއްބެވީ ރާއްޖެއިން ބޭރަށް އަރުވާލެވިގެންނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޝައިހް އިމްރާން އަބްދުﷲ އާއި ކާނަލް ނާޒިމް ހުންނެވީ ޖަލު ހުކުމުގަ އެވެ. ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހިމް ހުންނެވީ ރާއްޖެއިން ބޭރަށް އަރުވައިލެވިގެންނެވެ. ހުދު ރައީސް ޔާމީނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ޖަމީލާއި އަދި އޮޑިޓާ ޖެނެރަލް ކަމުން އިސްތިއުފާ ދެއްވި ނިޔާޒު އިބްރާހީމް ވެސް ހުންނެވީ އަމިއްލަފުޅަށް ރާއްޖެއިން ބޭރަށް އަރުވައި ލެވިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ގޮޑި ގާނޫނުއަސާސީއާއި ގާނޫނުގެ ބޭރުން ގެއްލުވާލާ އެކަން ތަންފީޒު ކުރީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. މީގެތެރެއިން ބައެއް މެންބަރުން ތިއްބެވީ "ޓެރަރިޒަމާއި ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމުގެ" ކުށުގައި ޝަރީއަތް ހިންގުމަށް މާފުށީ ޖަލުގައި ބަންދުކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ވެސް ތިބީ ހުރަގޭގެ ކަސްތޮޅުގަ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ބޭއިންސާފާއި އަނިޔާ ވެރިކަން އޮތީ އިންތިހާއަށް އާންމުވެފަ އެވެ. ދޮގު ހެކި ދިނުމާއި ހެކި އުފެއްދުން ރައީސް ޔާމީނުގެ ވެރިކަމުގައި އޮތީ "ބޮޑު މަޖަލަކަށް" ހަދާފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމާ ގުޅޭގޮތުން ފާހަގަކޮށްލި މައްސަލަތައް ރިޔާސީ އިންތިހާބެއްގެ ކެމްޕޭން ފެށުމާ އެކު ވާދަވެރިން ތިލަކުރާނެ އެވެ. ރައްޔިތުންނަށް އެ ހަގީގަތްތައް އިތުރަށް ހަނދާންކޮށްދީ ވިސްނައިދޭނެ އެެވެ.
ކެމްޕޭންގެ ފޯރިއާއި ޖޯޝް ގަދަވެންގެންދާ ވަގުތު ސަރުކާރަށް ދެވޭ ހަމަލާތަކަށް ވުރެ ޕީޕީއެމްގެ ކެމްޕޭން ޓީމު ބިޒީވެގެން އުޅެންޖެހޭނީ ރައީސް ޔާމީނުގެ ދިފާއުގައި ޑިފެންސަަށް ކުޅޭށެވެ. ކެމްޕޭންގައި ފައިސާ އާއި ވަސީލަތް ބޭނުންކުރަން ޕީޕީއެމްއަށް ޖެހޭނީ ރައީސް ޔާމީންގެ "އަނދިރި" ފަރާތް އަލިކުރުމަށެވެ. އޭރުން ރައީސް ޔާމީން ވިއްކަވަން ބޭނުންވާ ސިޔާސަތާއި ވައުދުތައް ވިއްކަވަން އޮންނާނީ ވަގުތު ނުލިބިފަ އެވެ.

ރައީސް ޔާމީނުގެ "އެ ފައިސާ" އާއި "މި ފައިސާ"އާ ދެމެދު ޕީޕީއެމް ތާށިވެ، އާންމު ރައްޔިތު މިހާގެ ބުއްދި ގަބޫލުކުރާ ހަމަޖެހޭ ޖަވާބުތަކެއް ނުދެވިއްޖެނަމަ ޕީޕީއެމްއަށް ވެރިކަމަށް އައުމަށް ހުޅުވިފައި އޮތް ފަހި ފުރުސަތު ރައީސް ޔާމީނާ އެކު ބީވެގެން ދިއުން ނުވަތަ ބަންދުވުން ވަރަށް ކައިރި އެވެ. އަދި ވަކިން ހާއްސަކޮށް ރިޔާސީ އިންތިހާބެއްގެ ދެވަނަ ބުރުގައި ކޯލިޝަނެއް ހަދަން ޖެހިއްޖެނަމަ ރައީސް ޔާމީންގެ އަތްޕުޅުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާނާއި އެމްޑީއޭގެ ލީޑަރު އަހްމަދު ޝިޔާމް މުހައްމަދާއި އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ފަދަ ބޭފުޅުން ހިއްޕަވާނެ ކަމާ ދޭތެރޭ ސުވާލު އުފެދެ އެވެ.

މި ސުވާލުގެ ޖަވާބަކީ ރައީސް ޔާމީނަށް ވުރެ ޕީޕީއެމްއަށް މުހިއްމު ޖަވާބެކެވެ. އަދި އަމްދުން ޕީޕީއެމްގެ ވަކިވަކި މެންބަރުންނަށް މި ސުވާލުގެ ޖަވާބު ލިބިފައި އޮތުން މާމުހިއްމެވެ. ރާއްޖޭގައި އެކަނި ނުކުންނަވައިގެން އެއްވެސް ބޭފުޅަކަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން އެއީ ފެންނަން އޮތް ހަގީގަތެކެވެ. އެހެންވެ ކޯލިޝަނެއްގެ ބޭނުމާއި މުހިއްމުކަން ސިޔާސީ ކޮންމެ ބޭފުޅަކަށް ބޮޑެވެ. އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ކޮންމެ ބޭފުޅަކަށްވެސް އޮތީ އެހެން ޕާޓީތަކުގެ ލީޑަރުންގެ ތާއީދާ އެކު އެވެ.

ތެދުފުޅެކެވެ. ޕީޕީއެމްއަށް އިންތިހާބް ކާމިޔާބު ކުރުމަށް އޮތް ފުރުސަތު ބޮޑެވެ. އެކަމަކު ޕީޕީއެމްއިން ރައީސް ޔާމީން ކުރިއަށް ނެރުއްވައިގެން އިންތިހާބު ކާމިޔާބު ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. ހަގީގަތް ގަބޫލުކުރަން ޕީޕީއެމްގެ ލީޑަރުންނަށް އުދަނގޫވި ނަމަވެސް މިއީ ހަގީގަތެވެ.