އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށް ކުރިން ކުޅުނު ބްރެޒިލްގެ ފޯވަޑް އެވަޓަން ސޫޒާ ސަންތޯސް ނިއު ރޭޑިއަންޓަށް ސޮއިކޮށްފި އެވެ.
އޭވައިއެލް އަށް އެވަޓަން ކުޅުނީ 2012 ވަނަ އަހަރުގެ ސީޒަންގެ ފަހު ބައިގަ އެވެ. އެ އަހަރުގެ އެފްއޭ ކަޕްގެ ތިން ވަނަ އޭވައިއެލް އަށް ހޯދައިދިނުމުގައި އެވަޓަން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެވަޓަން ފާހަގަވެފައިވަނީ ހުނަރުވެރި ކުުންތެރިއެއްގެ ގޮތުގަ އެވެ.
ބަންގްލަދޭޝް ލީގުގައި ވެސް ކުރިން ކުޅެފައިވާ އެވަޓަން ގެންނަން ނިއު އިން މީގެ ކުރިން ވެސް މަސައްކަތްކުރި އެވެ.
އެވަޓަން އަކީ ކުރިއަށް އޮތް ސީޒަނަށް ނިއު އިން ގެނައި ދެވަނަ ބިދޭސީ ކުޅުންތެރިއާ އެވެ. އެކަމަކު ކްލަބުން ވަނީ ސްޕެއިންގެ ގޯލްކީޕަރެއް ކަމަށްވާ ޕެޑްރޯ މަރެންކޯ އެ ކްލަބަށް ސޮއިކޮށްފައިވާކަން އިއްޔެ އިއުލާންކޮށްފަ އެވެ. މަރެންކޯ އަކީ ފިލިޕީންސްގައި ކުރިން ކުޅުނު ކީޕަރެކެވެ.
ނިއު އިން ބިދޭސީ ގޯލްކީޕަރެއް ހޯދީ ފާއިތުވި ތިން ސީޒަންގައި އެ ޓީމަށް ކުޅުނު ރާއްޖޭގެ އެއްވަނަ ގޯލްކީޕަރު އިމްރާން މުހައްމަދު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ބަދަލުވުމުންނެވެ.
އިތުރު ބިދޭސީ ކުޅުންތެރިއެއް ވެސް ވަނީ ނިއު އަށް ސޮއިކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި އެއީ ވެސް ބްރެޒިލްގެ ފޯވަޑެކެވެ. އެކަމަކު ނިއު އިން އަދި އެ ކުޅުންތެރިއާގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ފާއިތުވި ތިން އަހަރު ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި ނިއު އިން ވަނީ ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އައްސަދު އަލީ (އަޑުބަރޭ) އާއި ރިލްވާން ވަހީދު (ރިލޭ) އަދި ގޯލްކީޕަރު މުހައްމަދު ޔަމާން ވެސް ގެނެސްފަ އެވެ.