ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް ކުރާ ދައުވާތައް ކްރިމިނަލް ކޯޓުން މިއަދު ބާތިލްކޮށް އެ މައްސަލަތައް ކޯޓުން ބޭރުކޮށްފި އެވެ.
މިއަދު ކުރިމިނަލް ކޯޓުން ބޭރުކުރީ މަހުލޫފްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އާއި ހިނގާފައިނުވާ ކަމެއް ހިނގި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމުގެ ދައުވާ އެވެ. ޓެރަރިޒަމްގެ ދައުވާ ކުރީ މާފުށީ ޖަލު ކުރިމަތީ މުޒާހަރާކުރި މައްސަލާގަ އެވެ. އަނެއް ދައުވާ ކުރީ އަދީބަށް ޒަހަރުދީ މަރާލަން އުޅޭ ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.
މި ދެ މައްސަލާގައި ވެސް މިއަދު ބޭއްވި އަޑުއެހުމަކީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކާމެދު ގޮތެއް ނިންމައި މައްސަލައަކީ މަދަނީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއްތޯ ބެލުމަށް ބޭއްވި އަޑުއެހުމެކެވެ.
ޓެރަރިޒަމްގެ ދައުވާ ބާތިލްކޮށް އެ މައްސަލަ މަދަނީ ގޮތުން ކުރިއަށް ނުގެންދެވޭނެ ސަބަބެއް ކަމަށް މައްސަލަ ބައްލަވާ ގާޒީ، އިބްރާހިމް އަލީ ނިންމެވީ އެ ދައުވާކޮށްފައިވާ އެންމެ އެކަށީގެންވާ ގާނޫނީ މާއްދާއަކުން ނޫން ކަމަށް ވިދާޅުވެ އެވެ. އެ މައްސަލާގައި ދައުވާކޮށްފައިވަނީ ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުންނެވެ.
ނަމަވެސް ގާޒީ ވިދާޅުވީ މައްސަލާގެ ބާވަތުން ދައުުވާ ކުރަން ޖެހޭނީ ގާނޫނުލްއުގޫބާތުގެ ދަށުން، ހުއްދަ ނޫން ތަނަކަށް ވަންނަން އުޅުމުގެ ދައުވާ ނޫނީ ޖަލަކަށް ވަންނަން އުޅުމުގެ ދައުވާ ނޫނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ދަތިކުރުމުގެ ދައުވާ ކަމަށެވެ.
ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އެއްވެސް ވަރަކަށް ގާނޫނުލް އުގޫބާތަށް ރިޔާއަތްނުކޮށް މަހުލޫފްގެ މައްޗަށް ކޮށްފައިވާއިރު ޓެރަރިޒަމްގެ އަމަލެއް ހިންގަން މަހުލޫފް ކުރި އަމަލަކީ ކޮބައި ކަމެއް ވެސް ސާފުނުވާ ކަމަަށް ގާޒީ ވިދާޅުވި އެވެ. ޓެރަރިޒަމްގެ އަމަލުތަކަކީ ކޮބައިކަން ގާނޫނުގައި ބުނެފައިވާއިރު ދައުވާގައި އެއީ ކޮން އަމަލެއް ކަމެއް ބަޔާން ނުކުރާ ކަމަށެވެ.
ހިނގާފައިނުވާ ކަމެއް ހިނގި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމުގެ ދައުވާ ބާތިލުކޮށް މަދަނީ ގޮތުން ކުރިއަށް ނުގެންދެވޭނެ މައްސަލައެއް ގޮތުގައި ނިންމީ ޖިނާއީ އިޖުރާއަތުގައި ބުނާ އިޖުރާއަތުތައް އެ މައްސަލާގައި ފުރިހަމަ ނުވާ ކަމަށް ވިދާޅުވެ އެވެ.
ގާޒީ އިބްރާހިމް އަލީ ވިދާޅުވީ، ޖިނާއީ މައްސަލަތަކުގައި ތަހުގީގު ހިންގަންޖެހޭ މިންވަރަށް މަހުލޫފް ކުރެއްވި ޓްވީޓްގެ މައްސަލާގެ ތަހުގީގު ކުރިއަށް ގެންގޮސްފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި، އެ ޓްވީޓްގައި މަހުލޫފް ދެއްވާފައިވަނީ މައުލޫމާތެއް ނޫން ކަމަށާއި އޭނާ ފުލުހުންގެ އިދާރާއިން ކަމެއް ސާފުކުރަން އެދިފައިވަނީކަން ވެސް ގާޒީ ފާހަގަކުރެއްވި އެވެ.
މަހުލޫފްގެ މައްޗަށް އެ ދެ ދައުވާ ވެސް ކޮށްފައިވަނީ ބޮޑެތި ތުހުމަތުތަކުގައި ދައުވާ ލިބޭ މީހުންނަށް އަދަބު ދިނުމުގައި މުޖުތަމައުގެ ހައްގު ގެއްލިގެންދާ ފަދަ ގޮތަކަށް ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެންމެންނަށް ހަމަހަމަކަމާއެކު ރަނގަޅަށް ކަން ކުރުމުގެ އުސޫލުގެ މަތިން ވެސް ނޫން ކަަމަށެވެ.
މަހުލޫފްގެ މައްޗަށް އިތުރު ދައުވާއެއް ވެސް ކުރެ އެވެ. އެގޮތުން އޭނާ ކުރެއްވި އެހެން ޓްވީޓެއްގެ މައްސަލާގައި އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ވަނީ ނިންމާލާފަ އެވެ. އެ މައްސަލަ ހުކުމާ ހިސާބުގައި އޮންނަތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.