ހަބަރު

ތުރާ ފިލުވުމުގެ މައްސަލަތައް އަމިއްލަ މީހުންނަށް ކޯޓްތަކަށް ހުށަހެޅޭ ގޮތް ހަދައިފި

ތުރާފިލުވުމުގެ މައްސަލަތައް އަމިއްލަ ފަރުދުންނާއި މުއައްސަސާތަކަށް ވެސް ކޯޓުތަކަށް ހުށަހެޅޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.

ތުރާފިލުވުމުގެ މައްސަލަ އަކީ މީހެއްގެ މުދަލަކުން ނުވަތަ ތަނަކުން އެހެން މީހަކަށް އުނދަގޫވާނަމަ އެކަން ހައްލުކޮށްދިނުމަށްއެދި ކޯޓަށް ހުށަހަޅާ މައްސަލަތަކެވެ. މީގެ ކުރިން އެފަދަ މައްސަލަތައް ކޯޓުތަކަށް ހުށަހެޅޭނީ ބަންޑާރަ ނައިބަށް އެކަންޏެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ ސާކިއުލާއެއްގައި ވަނީ، ތުރާފިލުވުމަށް އެދޭ އަމިއްލަ ފަރުދުން ދައުވާ ކުރުމާއި ދައުވާ ލިބިގަތުުމުގެ ބާރު ގާނޫނޫ އަސާސީއާ ގާނޫނެއްގެ ދަށުން ލިބިފައިވާ ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކުންވެސް ވަކި ވަކި އަމިއްލަ ފަރާތްތަކުން އެފަދަ މައްސަލަތައް ކޯޓަށް ހުށަހެޅޭނެ ކަމަށެވެ.

އެފަދަ މައްސަލައެއްގައި ދައުލަތުގެ މަސްލަހަތެއް އަދި އާންމު މަސްލަހަތެއް ހިމެނޭ ކަމަށް ބަންޑާރަ ނައިބަށް ފެނިއްޖެ ކޮންމެ މައްސަލައެއްގައި ކޯޓުގެ ހުއްދައާއެކު ދައުލަތުގެ ފަރާތުން ބަންޑާރަނައިބު ނުވަތަ އޭނާ ކަނޑައަޅާ މީހަކު ކޯޓަށް ހާޒިރުވެ ތަމްސީލް ކުރެވޭނެ ކަމަށެވެ. އަދި ދައުލަތުގެ މަސްލަހަތެއް އޮތް ކަމަށް ކޯޓަށް ފެނިއްޖެނަމަ ބަންޑާރަ ނައިބްގެ ފަރާތުން ދައުލަތް ތަމްސީލް ކުރުމުގެ ފުރުސަތު ދިނުމުގެ އިހްތިޔާރު އެމައްސަލަ ބަލާ ކޯޓަށް ލިބިގެންވާ ކަމަށްވެސް ސާކިއުލާގައި ވެއެވެ.

ތުރާފިލުވުމުގެ މައްސަލަތައް އަމިއްލަ ފަރާތްތަކުންނާއި މުއައްސަސާތަކުން ހުށަހެޅޭ ގޮތް ހަދާފައިވާއިރު، މިދިޔަ އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ބަންޑާރަ ނައިބު މެދުވެރި ނުކޮށް، މިނިވަން މުއައްސަސާތަކަށް އަމިއްލައަށް ކޯޓުތަކުގައި ތަމްސީލު ކުރެވޭ ގޮތަށް ހަމަޖައްސާ ދެއްވާފަ އެވެ.