ހަބަރު

ހަތަރު މެންބަރެއްގެ ގޮނޑީގެ މައްސަލަ ތާވަލު ކޮށްފި

ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ ގޮނޑި އިލެކްޝަން ކޮމިޝަނުން ގެއްލުވާލި މައްްސަލާގެ އަޑުއެހުންތައް ސްުޕްރީމް ކޯޓްގައި ތައާވަލް ކޮށްފި އެވެ.

އެގޮތުން ވައްޑެގެ މައްސަލަ ތައާވަލް ކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށެވެ. އަދި ސައުދުގެ މައްސަލަ ތައާވަލް ކޮށްފައިވަނީ އެދުވަހުގެ މެންދުރުފަހު 1:30 އަށެވެ. އަބްދުލް ލަތީފްގެ މައްސަލަ އަންގާރަ ދުވަހުގެ 10:30 އަށް ތައާވަލް ކޮށްފައިވާއިރު، އަމީތުގެ މައްސަލަ ތައާވަލް ކޮށްފައިވަނީ އެދުވަހުގެ މެންދުރުފަހު 1:30 އަށެވެ.

ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން އެންމެ ފަހުން އިއްވި ހުކުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅަށް ނިސްބަތްވާ 12 މެންބަރުންގެ ގޮނޑީގެ މައްސަލައިގައި ވަކި ގޮތެއް ނުނިންމާ، އެ މައްސަލާގައި އެކެއް ފެބުރުއަރީ އަމުރުގައި ހުރި ބައިތައް ސުޕްރީމް ކޯޓުން ބާތިލު ކުރާ ކަމަށެވެ.

ނަމަވެސް 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކަކީ ވަކިވަކިން ސުޕްރީމް ކޯޓްގެ ބެންޗުން ބަލައި މަޖިލިސް މެންބަރުންގެ ގޮނޑިތަކާ މެދު ގޮތެއް ނިންމަން ޖެހޭ ފަދަ މައްސަލަތަކެއް ކަމަށް ވެސް ހުކުމުގައި ވެއެވެ. އަދި މަޖިލިސް މެންބަރުންގެ ގޮނޑިތަކުގެ މައްސަލައިގައި ދުސްތޫރީ މައްސަލައެއް އުފެދިފައި އޮތް ކަމަށް ސުޕްރީމް ކޯޓުން ގަބޫލު ކުރާ ކަމަށްވެސް ހުކުމުގައި ވެއެވެ.