ލައިފްސްޓައިލް

މޭގަން ކާރެއްގެ ދޮރު ލެއްޕެވުން ބޮޑު ހަބަރަކަށް!

މިއީ ކޮންމެ ދުވަހަކު އަހަރެމެން އެންމެވެސް ކުރާ ކަމެކެވެ. ޓެކްސީއެއް ނުވަތަ އަމިއްލަ ކާރެއްގައި ވިޔަސް ދަތުރުކޮށްފައި ދޮރު ލައްޕަނީ އަމިއްލަ އަށެވެ. ދޮރު ހުޅުވާކަށް އަދި ލައްޕައިދޭކަށްވެސް މީހަކު ނާދެ އެވެ. އަހަރެމެން އަމިއްލައަށް ކާރުގެ ދޮރު ލައްޕައިގެން އެކަން ހަބަރަކަށްވެސް ނުވާނެ އެވެ.

އެކަމަކު އިނގެރޭސިވިލާތުގައި ޝާހީ އާއިލާއަށް ނިސްބަތްވާ ކަނބަލަކު އަމިއްލައަށް ކާރުގެ ދޮރު ލެއްޕުމަކީ ބޮޑު ހަބަރެކެވެ. ދުނިޔޭގެ ބޮޑެތި ނޫސްތަކާއި ފެޝަން މަޖައްލާތަކުގެ ބޮޑު ސުރުހީއަށް މި ހަބަރު އޮތީ އަރާފައި އެވެ.

އިނގެރޭސި ޝާހީ ދަރިކަލުން ޕްރިންސް ހެރީގެ އަނބިކަނބަލުން އަދި ކުރީގެ މަޝްހޫރު އެކްޓްރެސް މޭގަން މާކަލް ރޯޔަލް އެކަޑެމީ އޮފް އާޓްސްއަށް ކާރުގައި ވަޑައިގަތް، ކާރުން ފަައިބައިވަޑައިގެން ކާރުގެ ދޮރު ލެއްޕެވީ އަމިއްލަ އަށެވެ. ދޮރު ހުޅުވީ އެކަމަށް ހާއްސަކޮށް އެ ވަގުތު އެތަނުގައި ހުރި މީހެކެވެ.

ޝާހީ އާއިލާގެ ބޭފުޅުން ކާރަށް އަރުއްވަން ދޮރު ހުޅުވައިދީ އަދި ކާރުން ފައިބަން ދޮރު ހުޅުވައިދީ އަދި ފޭބުމުން ދޮރު ލައްޕައިދެނީވެސް އެކަމަށް ހާއްސަކޮށްފައި ތިބޭ ސެކިއުރީޓީ ގާޑުންނެވެ. މިއީ ޝާހީ އާއިލާގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތުން ކަނޑައަޅާފައި އޮންނަ ގަވާއިދެކެވެ. އެކަމަކު މިފަހަރު ކަން ހިނގައި ދިޔައީ މުޅިން ތަފާތުކޮށެވެ.

އެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާއެކު ގިނަ ބައެއް ފާޑުކިޔުންތައް ވަނީ އަމާޒުވެފައި އެވެ.

ބައެއް މީހުންގެ ތައުރީފު ލިބުނުއިރު، މަލާމަތްވެސް ރައްދުވި އެވެ. ކުއްލިއަކަށް މަތީ މީހަކަށްވުމުން މޭގަންގެ ފަރާތުން ބޮޑާވެރިކަން ނުފެންނަކަމަށް ބައެއް މީހުން ބުނިއިރު، މިއީ ޝާހީ އާއިލާގެ ސެކިއުރިޓީގެ ފެންވަރު ދަށްކަން ފެންނަ މަންޒަރެއް ކަމަށް ބައެއް މީހުން ތުހުމަތުކުރި އެވެ.