ހަބަރު

ރައީސް އާދޭހާއެކު: ނާކާމިޔާބު ވިޔަސް ޕާޓީ ދޫކޮށް ނުލާ

Sep 29, 2018
13

ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވިޔަސް އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާން ޖެހޭނެ ކަމަށާއި ޕާޓީ އިން އެއްވެސް ބޭފުޅަކު ވަކި ނުވުމަށް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފި އެވެ.

ޕީޕީއެމް އިން ބޭއްވި "އާދަޔާ ހިލާފު" ގައުމީ ޖަލްސާ ނިންމާލުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިންތިހާބުގައި ދިމާވި ނާކާމިޔާބީއަށް ފަހު އެއްވެސް ބަޔަކު އުފާ ފާޅު ކުރާތަނެއް ނުފެންނަ ކަމަށެވެ. ޕީޕީއެމްގެ ސަޕޯޓަރުން ރަށްރަށުގައި ވެސް ކަރުނަ އޮއްސަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން އެ ފަރާތްތަކުގެ ކައިރިޔަށް ގޮސް މަސައްކަތް އިތުރަށް ފޯރިއާއި ވަރުގަދަ ކަމާއެކުގައި ކުރަން ޖެހޭ ކަމަށާއި ކޮންގްރަސް އިން ނަގައިދޭ އެންމެ މުހިންމު ފިލާވަޅަކީ ވެސް ޕީޕީއެމްއަކީ ބަދަހި ޕާޓީއެއްގެ ގޮތުގައި އޮންނަން ޖެހޭ ތަނެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެހެންކަމުން އިންތިހާބުން ނާކާމިޔާބުވުމުން އެކަމާ ހެދި ހިތަށް އަންނަ ނުތަނަވަސްކަމުގެ ސަބަބުން އެއަށް ވުރެ ބޮޑެތި ގޯސްތަކަށް އަރައިގަންނަ ބަޔަކަށް ނުވުމަަށް ރައީސް ޔާމީން މިރޭ ނަސޭހަތް ދެއްވި އެވެ. ބަދަހި ސަފުތަކާއެކުގައި ކުރިޔަށް ދެވޭނީ އެގޮތަށް މަސައްކަތްކޮށްގެން ކަމަށާއި ޕާޓީ ދޫކޮށް ނުދިޔުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ޔަމީން ވިދާޅުވި އެވެ.

"މިއަދު ލޮލުން ކަރުނަ ވެއްޓޭ އިރު ވެސް އަޅުގަނޑު ދަންނަވަން ބޭނުން ވަނީ މިއީތޯއޭ އަޅުގަނޑުމެން ކަންތައްތައް ކުރަންވާ ގޮތަކީ، މި އަޒުމާއި ހިތްވަރުގައި އަޅުގަނޑުމެންނާއެކުގައި ތިއްބަވާ އެއްވެސް ބޭފުޅަކު މި އޮޑިން ފުންމާ ނުލައްވާ، އަޅުގަނޑުމެންގެ އޮޑިއަކީ އިރާދަކުރެއްވީއާ މި ހުރިހާ ކަމަކާ އެކުގައި ވެސް މި ހުރިހާ ބިޔަ ރާޅުތައް ފަތަހަކޮށްފައިވެސް ސަލާމަތުގެ އައްސޭރިއަށް ދިވެހިރާއްޖޭ ގެންދާނީ ހަމަ މި އޮޑި ކަފު ޖަހައިގެން، އެކަމުގައި ތިބޭފުޅުން ތިއްބަވާ،" ރައީސް
ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރު ބަދަލުވުމުން ބައެއް ފަރާތްތަކުގެ ވަޒީފާތައް ވެސް ނެތި ހިނގައިދާނެ ކަމަށާއި އެއީ އިންތިހާބަކަށް ފަހު އެކަންތައް އޮންނަ ގޮތް ކަމަށެވެ. ނަމަވެސް ޕީޕީއެމްގައި އިހުލާސްތެރިކަމާއެކުގައި މަސައްކަތް ކުރާ މީހުން އެ ޕާޓީ ދޫކޮށްލުމުން އެއްވެސް ހައްލެއް ނުލިބޭނެ ކަމަށާއި އެހެންކަމުން ހިތުގައި ޕާޓީއަށާއި ގައުމަށް އޮންނަ ލޯބި ބަދަލު ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މިދިޔަ ފަސް އަހަރު ދުވަސް ނިމިގެން ދިޔައީ ވަރަށް ހިތްދަތިކަމާއެކުގައި ކަަމަށް ރައިސް ޔާމީން ވިދާޅުވި އެވެ. ދެން އިތުރަށް ޕީޕީއެމްގެ މަޖިލީސް މެންބަރުންނާއި ވަޒީރުން، ޕާޓީގެ އޮޑިން ފުންމާލައިފި ނަމަ އެ ގެއްލުން ތަހަންމަލެއް ނުކުރެވޭނެ ކަމަށާއި އެކަން ނުކުރަން ނަސޭހަތްތެރިވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"[މެންބަރުން ޕާޓީ ދޫކުރަން] ފައްޓަވައިފި ކަމަށް ވަންޏާ އެންމެ ފުރަތަމަ މަސައްކަތް ހުއްޓާލާފައި ގެއަށް ދާން އެންމެ ފަސޭހާ މީހަކަށް ވާނީ އަޅުގަނޑު، އެންމެ ފުރަތަމަ ފައިލް ލައްޕާލާފައި ގެއަށް ގޮސް އާއިލާއާ އެކީ ގިނަ ވަގުތު ހޭދަ ކުރަން އެންމެ ވަގުތު ބޭނުންވާނެ މީހަކަށް ވާނީ އަޅުގަނޑު، އެހެންވެ އަޅުގަނޑު އެ އުސޫލުންް ކަންތައްކޮށްފި ނަމަ އަޅުގަނޑުމެންގެ ޕާޓީއެއް ނޯންނާނެ، އިދިކޮޅު ޕާޓީއެއްވެސް ނޯންނާނެ،"

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ތަރައްގީއާއި ހަމަޖެހުމަށް މަސައްކަތް ކުރުން ރައްޔިތުންގެ ބަހާއެކު އެހެން ބައެއްގެ އަތަށް ދޫކޮށްލާފައިވާ ކަމަށެވެ. ދެން އެކަންކަމަށް ފާރަވެރިވާން ޖެހޭނީ ޕީޕީއެމް އިން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޒިންމާދާރު ބޮޑު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމަށާއި މައްސަލަތައް ހައްލު ކުރުމަށް މުޒާހަރާތަކަށް ވެސް ނިކުންނަ ބަޔަކަށް ޕީޕީއެމް އިން ވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމްގެ ފުރަތަމަ ކޮންގްރަސް ބޭއްވީ 11،000 މެންބަރުންނާއެކުގައި ކަމަށާއި މިއަދު 70،000 މެންބަރުން ތިބި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ކުރިޔަށް އޮތް ދޮޅު އަހަރުގެ ތެރޭގައި އެއަށް ވުރެ ވަރުގަދަ ޕާޓީއަކަށް ވެގެން ބޮޑު ކޮންގްރަސްއެއް ބާއްވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.