ކަފާލާތުގެ ދަށުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައިކޯޓުން މިރޭ މިނިވަންކޮށްފި އެވެ. ރައީސް މައުމޫން މިހާރު ހުންނެވީ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމުގަ އެވެ.
ތަހުގީގަށް ފޯނު ނުދިން މައްސަލައިގަ ރައީސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި މައުމޫންގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހާއި ހަދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
އެ ހުކުމް އިއްވުމާއެކު މައްސަލަ އިސްތިއުނާފު ކުރުމަށްފަހު މިދިޔަ ޖުލައި މަހުގެ ތެރޭގައި އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ހައިކޯޓުގައި އެދުނެވެ. ރައީސް މައުމޫން ޖަލުގައި ހޭދަ ކުރެއްވި ދުވަސްތަކުގައި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ވެސް ވަނީ ގޯސްވެފަ އެވެ.
މިފަހުން ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން ވަނީ ރައީސް މައުމޫން ގެއަށް ބަދަލުކުރުމަށް ލަފާ ވެސް ދީފަ އެވެ. ނަމަވެސް އެ ލަފަޔާ އެއްގޮތަކަށް ސަރުކާރުން އަމަލެއް ނުކުރެ އެވެ.
އެމަނިކުފާނު ހައިކޯޓުން މިރޭ ކަފާލާތުގެ ދަށުން މިނިވަންކުރީ އެމަނިކުފާނު އެ ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލާގެ ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެންނެވެ. އަދި އެ މައްސަލާގެ ޝަރީއަތް ނުފަށަ އެވެ. ކަފާލާތުގެ ދަށުން މިނިވަން ކުރުމަކީ ވަކި އަދަދަކަށް ފައިސާ ބެހެއްޓުމަށް ފަހު އެ މީހަކު ހުރި ބަންދަކުން ވީއްލުމެވެ.
ރައީސް މައުމޫން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދިފައިވަނީ ކުރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމަކީ ގާނޫނު އަސާސީއާ ގާނޫނީ އިޖްރާއަތްތަކާއި ޝަރުއީ އިޖްރާއަތްތަކާއި ހިލާފަށް އިއްވާފައިވާ ހުކުމެއް ކަމަށް ފެންނާތީ އިސްތިއުނާފް މައްސަލާގައި ހައި ކޯޓުން ވަކި ގޮތެއް ނިންމަވަންދެން ޖަލު ބަންދުގައި ހުންނެވުމަކީ އިއާދަ ނުކުރެވޭނެ ގެއްލުން ތަކެއް ލިބިގެންދާނެ ކަމެއް ކަމަށްވާތީ ކަމަށް ވަކީލުން ވަނީ ވިދާޅުވެފަ އެވެ.