ޑީއާރްޕީ

ޑީއާރްޕީ އުވާލަން ނިންމި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމާ ގުޅިގެން އެ ޕާޓީން އެ މައްސަލަ ހައި ކޯޓަށް އިއްޔެ ހުށަހަޅައިފި އެވެ.

މި މައްސަލައާއި މެދު ހައި ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.

ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ސިޔާސީ ޕާޓީގެ ގާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ޑީއާރްޕީއަށް ގާނޫނުގެ ދަށުން ދެވުނު ތިން މަސް ދުވަހުގެ މުއްދަތު އޮކްޓޫބަރު 25، 2022 އަށް ހަމަވިއިރު 3،000 މެންބަރުން ޑީއާރްޕީގައި ހަމަވެފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި އެކޮމިޝަނުން ޑީއާރްޕީ އުވާލަން ނިންމީ މި ސަބަބާ ހުރެ އެވެ.

މިގޮތުން ޑީއާރްޕީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށާއި ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ ގޮތުގެ މަތީން ޕާޓީ އުވާލުމުގެ އިޖުރާއާތު ފުރިހަމަކުރުމަށް އެ ޕާޓީއަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ލިޔުމުން އަންގާފަ އެވެ.

ޑީއާރްޕީ އުފެއްދީ ޖުލައި 21، 2005 ގައެވެ. އެ ޕާޓީ އުފެއްދީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމެވެ. މިހާރު އެ ޕާޓީގެ އިސް ލީޑަރަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.