އަބްދުﷲ ޖާބިރު

ޑީއާރުޕީގެ ލީޑަރުކަމުންނާއި މެންބަރުކަމުން ޖާބިރު އިސްތިއުފާ ދެއްވައިފި

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނިކޮށް އެ ޕާޓީގެ ލީޑަރުކަމުންނާއި މެންބަރުކަމުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިސްތިއުފާ ދެއްވައިފި އެވެ.

ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ސިޔާސީ ޕާޓީގެ ގާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ޑީއާރްޕީއަށް ގާނޫނުގެ ދަށުން ދެވުނު ތިން މަސް ދުވަހުގެ މުއްދަތު އޮކްޓޫބަރު 25، 2022 އަށް ހަމަވިއިރު 3،000 މެންބަރުން ޑީއާރްޕީގައި ހަމަވެފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި އެކޮމިޝަނުން ޑީއާރްޕީ އުވާލަން ނިންމީ މި ސަބަބާ ހުރެ އެވެ.

މިގޮތުން ޑީއާރްޕީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށާއި ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ ގޮތުގެ މަތީން ޕާޓީ އުވާލުމުގެ އިޖުރާއާތު ފުރިހަމަކުރުމަށް އެ ޕާޓީއަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ލިޔުމުން އަންގާފަ އެވެ.

ޑީއާރުޕީއިން ވަނީ އެ ޕާޓީ އުވާލަން ނިންމި މައްސަލަ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ހައި ކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލައަކީ އެބާވަތުގެ މައްސަލައެއް ނޫން ކަމަށް ނިންމާ ހައިކޯޓުން އެ މައްސަލަ ރަޖިސްޓްރީ ބަލައިގަނެފައިނުވެ އެވެ.

ޑީއާރްޕީ އުފެއްދީ 2005 ވަނަ އަހަރުގެ ޖުލައި 21 ގައެވެ. އެ ޕާޓީ އުފެއްދީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމެވެ.