ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ތަކުރާރުކޮށް ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވެފައި ވާތީ އެ ޕާޓީއަށް އަޅަން އޮތް އެންމެ ފަހުގެ ފިޔަވަޅުތަކާމެދު މަޝްވަރާ ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
ކޮމިޝަނުން ވަނީ ގާނޫނާ ހިލާފު ވެގެން ސިޔާސީ ތިން ޕާޓީއަކަށް ފިޔަވަޅު އެޅުމަށް ނިންމާފަ އެވެ.
އެ ކޮމިޝަނުން ބުނީ ޑީއާރުޕީން ތަރުކާރުކޮށް ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވެ، އެ ޕާޓީ 2016 އަދި 2019 ގައި ކޮށްފައިވާ ޖޫރިމަނާތަކުގެ ފައިސާ ދައްކާފައި ނުވާ ކަމަށެވެ. އަދި ދެ ފަހަރެއްގެ މަތިން އެ ފައިސާ ދައްކަން އެންގުމުން ވެސް ފައިސާ ދައްކާފައި ނުވާ ކަމަށެވެ.
މީގެ އިތުރުން 2018 އާއި 2019 ގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ހުށައަޅާފައި ނުވާ ކަމަށާއި ޑީއާރުޕީގެ ގައުމީ ޖަލްސާ ވެސް ބާއްވާފައި ނުވާ ކަމަށެވެ.
އިލެކްޝަނުން ބުނީ ޑީއާރުޕީއަށް އެކި ފަހަރު މަތިން ނަސޭހަތާއި އިންޒާރުދީ އަދި ފިޔަވަޅު އަޅާފައި ވާތީ އިތުރަށް އަޅަން ހުރި އެންމެ ފަހުގެ ފިޔަވަޅުތަކާބެހޭ ގޮތުން އެ ޕާޓީއާއެކު މަޝްވަރާކޮށް ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އުފެއްދެވި ޑީއާރްޕީއަކީ ފަހުރުވެރި މާޒީއެއް އޮތް ޕާޓީއެކެވެ. އެ ޕާޓީއަކީ މިވަގުތު ސިޔާސީ މައިދާނުން ފެންނަން ތިބި ވަރަށް ގިނަ ބޭފުޅުން ފުރަތަމަ ގުޅިވަޑައިގެންނެވި ޕާޓީއެވެ. ފަހުން އައި ޑިމޮކްރެޓިކް ހަޔާތުގައި ރާއްޖޭގައި ދެވަނައަށް އުފެދުނު ޕާޓީއަކީ ވެސް ޑީއާރުޕީ އެވެ.
ރައީސް މައުމޫނަށް ފަހު ޑީއާރުޕީ ހިންގެވީ ކުރީގެ ހޯމް މިނިސްޓަރު ތަސްމީން އަލީ އެވެ. އަދި އޭގެ ފަހުން ކުރީގެ މަޖިލީސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވެސް އެ ޕާޓީ ހިންގެވި އެވެ. މިހާރު ޑީއާރުޕީގެ ލީޑަރަކީ ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.