ގާނޫނާ ހިލާފު ވެގެން ތިން ޕާޓީއަކަށް ފިޔަވަޅު އަޅައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ފިޔަވަޅު އަޅާފައިވަނީ ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ލީޑަރުކަން ކުރައްވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ އިތުރުން ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބް އިސްވެ ހުންނަވާ އުފައްދަވާފައިވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އަށް ކަމަށެވެ.
އެމްޑީއޭއަށް ފިޔަވަޅު އަޅާފައިވަނީ އަސާސީ ގަވާއިދާ އެއްގޮތަށް ގައުމީ ބައްދަލްވުން ބާއްވާފައި ނުވާތީއެވެ. އެޕާޓީ ވަނީ 50،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އަދި މި ޖޫރިމަނާ ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ ދުވަހުން ފެށިގެން މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަންގާފައެވެ. އަދި ވީ އެންމެ އަވަހަކަށް ގައުމީ ބައްދަލްވުން ބޭއްވުމަށްވެސް ވަނީ އަންގާފައެވެ. ބައްދަލްވުން ބޭއްވުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ ސިއްހީ ހާލަތު އިއުލާނުކޮށްފައިވާ ޖުމްލަ ދުވަހުގެ މުއްދަތު ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.
ޑީއާރުޕީއަށް ފިޔަވަޅު އަޅާފައިވަނީ ތަރުކާރުކޮށް ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވެ، އެ ޕާޓީ 2016 އަދި 2019 ގައި ކޮށްފައިވާ ޖޫރިމަނާތަކުގެ ފައިސާ ދައްކާފައިނުވާތީ، ދެ ފަހަރެއްގެ މަތިން އެ ފައިސާ ދެއްކުމަށް އެންގުމުންވެސް ފައިސާ ދައްކާފައިނުވާތީއާއި 2018 އާއި 2019 ގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ހުށައަޅާފައިނުވުމާއި، އެޕާޓީގެ ގައުމީ ޖަލްސާ ބާއްވާފައިނުވުމާއި، އިސްލާހު ކުރަން އަންގާފައިވާ ކަންކަން އިސްލާހު ކޮށްފައިނުވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
އިލެކްޝަނުން ބުނީ ޑީއާރުޕީއަށް އެކި ފަހަރުމަތިން ނަސޭހަތާއި އިންޒާރުދީ އަދި ފިޔަވަޅު އަޅާފައިވާތީ އިތުރަށް އަޅަންހުރި އެންމެ ފަހުގެ ފިޔަވަޅުތަކާބެހޭ ގޮތުން އެ ޕާޓީއާއެކު މަޝްވަރާކޮށް ބައްދަލްވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
އެމްޓީޑީއަށް ފިޔަވަޅު އަޅާފައިވަނީ އެޕާޓީގެ ގައުމީ ބައްދަލްވުން ބާއްވާފައި ނުވާތީއެވެ. އެޕާޓީ ވަނީ 30،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އަދި މި ޖޫރިމަނާ ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ ދުވަހުން ފެށިގެން މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަންގާފައެވެ. އަދި ވީ އެންމެ އަވަހަކަށް ގައުމީ ބައްދަލްވުން ބޭއްވުމަށްވެސް ވަނީ އަންގާފައެވެ. ބައްދަލްވުން ބޭއްވުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ ސިއްހީ ހާލަތު އިއުލާނުކޮށްފައިވާ ޖުމްލަ ދުވަހުގެ މުއްދަތު ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.