ރާއްޖެ ކުޅިވަރު

ރާއްޖެ އަށް ގެއްލޭނެ އެއްޗެއް ނެތް، ޕްރެޝަރު އޮތީ ގަތަރަށް: ޕޮޕޯފް

ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ ރޭ ގަތަރާ ދެކޮޅަށް ދިވެހިރާއްޖެ ނުކުންނައިރު، ރާއްޖެ އަށް ގެއްލޭނެ އެއްޗެއް ނެތް ކަމަށާއި ހުރިހާ ޕްރެޝަރެއް އޮތީ ގަތަރަށް ކަމަށް ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ވެލީޒާ ޕޮޕޯފް ބުނެފި އެވެ.

"މި މެޗަށް ނުކުންނައިރު ފޭވަރިޓަކީ ގަތަރު. ހުރިހާ ގޮތަކުން ވެސް ގަތަރު އަހަރެމެންނަށް ވުރެ ވަރުގަދަވާނެ ކަމަށް އެންމެންް ވެސް ގަބޫލްކުރާނީ،" މެޗުގެ ކުރިން މިއަދު މެންދުރު ގަލޮޅު ދަނޑުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮޕޯފް ބުންޏެވެ. "އެކަމަކު އެއީ އަހަރެެމެންނަށް ލިބޭ އެޑްވާންޓޭޖެއް. މި މެޗުގައި ހުރިހާ ޕްރެޝަރެއް އޮންނާނީ ގަތަރަށް. ރާއްޖެ އަތުން ގަތަރު މޮޅުނުވެއްޖެ ނަމަ، އެއީ އެ ޓީމަށް ލަދުވެތި ނަތީޖާއެއް. އެކަމަކު ރާއްޖެ އަށް މި މެޗުން ގެއްލޭނެ އެއްވެސް އެއްޗެއް ނެތް."

މެދުއިރުމަތީ ފުޓްބޯޅައިގެ ވަރުގަދަ ޓީމެއް ކަމަށްވާ ގަތަރުން ރާއްޖެއާ ދެކޮޅަށް ނުކުންނަނީ ވަރުގަދަ ސްކޮޑަކާއެކު އެވެ. މި މެޗަށް ތައްޔާރުވުމުގެ ގޮތުން ގަތަރުން ވަނީ އުތުރު އަޔަލޭންޑާއި ސްކޮޓްލޭންޑާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ކުޅުނެވެ. އުތުރު އަޔަލޭންޑާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، ސްކޮޓްލެންޑް އަތުން ގަތަރު ވަނީ 1-0 އިން ބަލިވެފަ އެވެ.

އެކަމަކު ގަލޮޅު ދަނޑުގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗު ގަތަރަށް ފަސޭހަކޮށްލެވޭކަށް ނެތެވެ. ވޯލްޑް ކަޕް ކޮލިފައިންގައި މީގެ ކުރިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުތަކުގައި ރާއްޖޭން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރިފަ އެވެ. އެންމެ ފާހަގަކޮށްލެވެނީ 2004 ވަނަ އަހަރު ވަރުގަދަ ދެކުނު ކޮރެއާއާ އެއްވަރުކުރި މެޗެވެ.

މީގެ ކުރިން ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭން އަމިއްލަ ދަނޑުގައި ކުޅެފައިވަނީ ޑިފެންސިވް ގޭމެކެވެ. އެކަަމަކު ޑިފެންސްކޮށްގެން، ޕޮއިންޓާކާއެކު ނަމަވެސް ފުއްދާލަން ކުޅުމަކީ ޕޮޕޯފްގެ ވިސްނުމެއް ނޫނެވެ.

"އެއްވަރުވުމަކީ ނުވަތަ 1-0 އިން ބަލިވުމަކީ އަހަރެން ދެކޭގޮތުގައި ކާމިޔާބެއް ނޫން. ކާމިޔާބަކަށް ވާނީ މޮޅުވުމުން،" މީގެ ކުރިން ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖޭން ނެރުނު ނަތީޖާތަކަށް އިޝާރާތްކުރަމުން ޕޮޕޯފް ބުންޏެވެ. "އަހަރެން ބަލާނީ ރަނގަޅު ފުޓްބޯޅައެއް ކުޅެން. އަހަރެމެން ޖެހިލުންވާންޖެހޭ އެއްވެސް ސަަބަބެއް ނެތް."

ކުރިން ނިއު ރޭޑިއަންޓަށް ކޯޗުކޮށްދިން ޕޮޕޯފް ބުނީ މިއީ އޭނާގެ ކޯޗިން ކެރިއަރުގައި އެންމެ ބޮޑު މެޗު ކަމަށެވެ.

"ގަތަރު ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅުމަކީ އަހަރެމެންނަށް ލިބޭ ޝަރަފެއް. ގަތަރާއި ޗައިނާ ކަހަލަ ޓީމުތަކަކީ ވަރަށް މަތީ ފެންވަރުގެ ޓީމުތައް. މި ކަހަލަ ޓީމުތަކާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ޝަރަފެއް. އަހަރެމެން ގަތަރަށް އިހުތިރާމްކުރަންު. އަހަރެމެން މި ނިކުންނަނީ ވަރުގަދަ ޗެލެންޖަކަށް. މިއީ އަހަރެންގެ ކެރިއަރުގައި ވެސް އެންމެ ބޮޑު އެއް މެޗު،" ޕޮޕޯފް ބުންޏެވެ.

ޕޮޕޯފް ބުނީ އަމިއްލަ ދަނޑުގައި ކުޅުމަކީ ރާއްޖެ އަށް ލިބޭ އެންމެ ބޮޑު އެޑްވާންޓޭޖް ކަމަށާއި ވީހާ ވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަދެ، ގައުމީ ޓީމަށް ތަރުހީބު ދޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ގަތަރާއި ރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ރޭ 2100ގަ އެވެ.