ހަބަރު

މަޖިލިސް އިންތިހާބު: މާލެއަށް ދެ ގޮނޑި އިތުރު، ޖުމްލަ 87 ދާއިރާ

އަންނަ އަހަރު ބާއްވާ ރައްޔިތުން މަޖިލީސް އިންތިހާބުގެ އިދާރީ ދާއިރާތައް ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓު އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ނެރެފި އެވެ.

އިދާރީ ދާާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ އެ އަދަދަށް މީހުން ހަމަނުވާ ދާއިރާއަކަށް ދެ މެންބަރުން ކަނޑައަޅަން ޖެހެ އެވެ. އަދި ދާއިރާގައި ރަޖިސްޓާކޮށްފައިވާ އާބާދީ 5000 އަށް ވުރެ އިތުރު ވާނަމަ އިތުރުވާ ކޮންމެ 5000 އަކަށް މެންބަރަކު ކަނޑައަޅަން ޖެހެ އެވެ.

އީސީ އިން މިއަދު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ މެއި މަަހު 31 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓާކޮށްފައިވާ އާބާދީއަށް ރިއާޔަތް ކުރުމަށް ފަހު އަންނަ އަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޖުމުލަ 87 ގޮނޑިއަށް މެންބަރުން އިންތިހާބު ކުރަން ޖެހެ އެވެ. މިހާރު މި ހިނގާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިންތިހާބުކޮށްފައި ވަނީ 85 މެންބަރުންނެވެ. އީސީ އިން ބުނީ އިދާރީ ދާއިރާތައް ބެހުމަށް މުރާޖައާ ކުރިއިރު ދާއިރާތަކަށް އައިސްފައިވާ ބަދަލާ ގުޅިގެން ދެ އިންތިހާބީ ދާއިރާ މާލެ ސިޓީއަށް އިތުރުވެފައިވާ ކަމަށެވެ.

މާލޭގެ އާބާދީގައި 65،000 އަށް ވުރެ ގިނަ މީހުން ހިމެނޭ އިރު އީސީ އިން ބުނީ ގޮނޑި ބަހާފައި ވަނީ ކޮންމެ 4300 އެއްހާ މީހުންނަށް ބަލާފައި ކަމަށެވެ. މީގެ ކުރިން މާލޭގައި އޮންނަނީ 13 ދާއިރާ އެކެވެ. އީސީ އިން ބުނީ އެ އަދަދު މުރާޖާ ކުރުމަށް ފަހު ފަހުން ދާއިމީ ރިޕޯޓު ނެރޭނެ ކަމަށެވެ.