ރާއްޖެ ކުޅިވަރު

ރާއްޖެ މެޗު ފަސޭހައެއް ނުކުރާނަން: ގަތަރު ކޯޗު

ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ ރޭ ދިވެހިރާއްޖެއާ ދެކޮޅަށް ނުކުންނައިރު، ގަތަރުން މެޗު ފަސޭހައެއް ނުކުރާނެ ކަމަށް ގަތަރުގެ ކޯޗު އުރުގުއޭގެ ޖޯސޭ ޑެނިއެލް ކަރޭނޯ ބުނެފި އެވެ.

މެޗުގެ ކުރިން މިއަދު މެންދުރު ގަލޮޅު ދަނޑުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކަރޭނޯ ބުނީ ފީފާ ރޭންކިންގައި ދިވެހިރާއްޖެ އަށްވުރެ ކުރީގައި ގަތަރު އޮވެ، ރާއްޖެ އަކީ ގަތަރަށްވުރެ ބަލި ޓީމެއް ކަމަށް ބެލެވުނު ނަމަވެސް، ގަތަރުން ރާއްޖެ ފަސޭހަނުކުރާނެ ކަމަށެވެ.

"މެޗުގެ ކުރިން އަހަރެމެންނަށް މެޗު ކާމިޔާބެއް ނުކުރެވޭނެ. ދަނޑުމަތީގައި ކުޅެގެން އަހަރެމެންނަށް މޮޅުވެެވޭނީ،" އުރުގުއޭގެ ނެޝިއޮނާލްއާއެކު ކުޅުންތެރިއެއްގެ ގޮތުގައި ކޮޕާ ލިބެޓަޑޯރަސް އާއި އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބުކުރި ކަރޭނޯ ބުންޏެވެ. "އަހަރެމެންނަށް މި މެޗު ފަސޭހައެއް ނުވާނެ. ރާއްޖޭގެ ދަނޑުގައި ކުޅޭއިރު އެ ޓީމަށް ވެސް އެޑްވާންޓޭޖްތަކެއް އޮންނާނެ. އެކަމަކު ރަނގަޅު ނަތީޖާއަކަށް އުންމީދުކުރަން."

މެދުއިރުމަތީ ފުޓްބޯޅައިގެ ވަރުގަދަ ޓީމެއް ކަމަށްވާ ގަތަރުން ރާއްޖެއާ ދެކޮޅަށް ނުކުންނަނީ ވަރުގަދަ ސްކޮޑަކާއެކު އެވެ. މި މެޗަށް ތައްޔާރުވުމުގެ ގޮތުން ގަތަރުން ވަނީ އުތުރު އަޔަލޭންޑާއި ސްކޮޓްލޭންޑާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ކުޅުނެވެ. އުތުރު އަޔަލޭންޑާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، ސްކޮޓްލެންޑް އަތުން ގަތަރު ވަނީ 1-0 އިން ބަލިވެފަ އެވެ.