ހަބަރު

"ހިޔާ" މަޝްރޫއަށް މަޑު ޖައްސާލަން އޭސީސީއިން އަންގައިފި

ހުޅުމާލޭގައި އިމާރާތް ކުރާ 7000 ފްލެޓަށް ފޯމް ހުށަހެޅުމާއި ބަލައިގަތުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފި އެވެ.

އޭސީސީއިން ހައުސިން މިނިސްޓްރީއަށް މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވެފައިވާ އިރު މިހާތަނަށް ވެރިފައިކޮށް އިވަލުއޭޓު ކުރުމުގެ މަސައްކަތްކޮށްފައި ނުވާ ކަމަށައި ނަމަވެސް ބައެއް ފަރާތްތަކަށް ފްލެޓު ލިބޭނެ ކަމުގެ ލިޔުން ދޫކޮށްފައިވާ ކަމުގެ ލިޔުން ދޫކޮށްފައިވާ ކަމުގެ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ.

ހިޔާ މަޝްރޫއަކީ ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި މަޝްރޫއަކަށްވެފައި ވީހާވެސް ހަރުދަނާ ދެފުށް ފެންނަ ގޮތަކަށް ކޮރޮޕްޝަނަށް މަގުފަހި ނުވާނެ ގޮތަކަށް ކުރިޔަށް ގެންދަން މުހިންމުވާނެ ކަމަށް އޭސީސީ އިން ބުންޏެވެ. އެހެންކަމުން ވަކި އެއްޗެއް އަންގަންދެއް އެ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާ ފަރާތްތަކަށް ފްލެޓު ދޫކުރުމުގެ ގޮތުން ކުރަމުންދާ އެންމެހާ މަސައްކަތްތައް ކުރިޔަށް ނުގެންދިޔުމަށް އަންގާ ކަމަށް އޭސީސީ އިން ބުންޏެވެ.

ހިޔާ މަޝްރޫއަށް ފޯމު ލުން އިއްޔެގެ ނިޔަލަށް ހަމަވެފައިވާ އިރު މިއަދު ވެސް ނަމްބަރު ދޫކުރި ބައެއް ފަރާތްތަކުން ވަނީ ހިދުމަތް ހޯދުމަށް ހައުސިން މިނިސްޓްރީއަށް ގޮސްފަ އެވެ. ނަމަވެސް އެ ހިދުމަތް ނުލިބުމުން އެ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށް މިނިސްޓްރީ ތެރޭގައި އިހުތިޖާޖުކޮށްފަ އެވެ.