ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގަތް ޕީޕީއެމްގެ މުޒާހަރާއަށް ދިޔަ ބަޔަކު ރާއްޖެ ޓީވީގެ ނޫސްވެރިންނާ ދިމާކޮށް ބިރު ދައްކައި އިންޒާރު ދީފި އެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ރޭ ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ބޭއްވި މުޒާހަރާ ކަވަރު ކުރަން ދިޔަ ހުސެއިން ހަސަން އޮންކެމެެރާގައި ހުއްޓާ މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު އައިސް، "ތިއީ ވަގުންނޭ"، "އަދިވެސް އަހަރުމެންނަކީ ވަގުންހޭ" ކިޔައި ހަޑިހުތުރު ބަސްތައް ބޭނުންކޮށް ހަޅޭއްލަވަ އެވެ. އަދި ހުސެއިންއާ ދިމާލަށް އިނގިލި ދިއްކޮށް އިންޒާރުތައްދެ އެވެ. ހުސެއިންއަށް އޭނާގެ އޮން ކެމް ކުރިއަށް ނުގެންދެވި އިރުގަނޑެއްގައި ހުއްޓާ ހުސެންގެ ކައިރިން އެ މީހުން ދުރުކުރީ އެ ސަރަހައްދުގައި ތިބި ބައެއް މީހުންނާއި ދެ ފުލުހަކު އެ ސަރަހައްދަށް ގޮހެވެ.
ރައީސް ޔާމީން ބައިވެރިވެގެން ހެންވޭރުގައި ހުންނަ ޕީޕީއެމްގެ އޮފީސް ކުރިމަތީ ރޭ މުޒާހަރާއެއް ބޭއްވީ، އިލެކްޝަންސް ކޮިމިޝަންގެ މެންބަރުން ހައްޔަރު ކުރުމަށް ގޮވާލަ އެވެ. އަދި ވޯޓް އޮޅުވާލި ކަމަށް އެ މީހުން ތުހުމަތު ކުރަމުން ދިޔަ އެވެ. އެހެން ނަމަވެސް އެކަމަށް އެއްވެސް ހެއްކެއް މިހާތަނަށް ޕީޕީއެމް އިން ނުދައްކަ އެވެ.
ރައީސް ޔާމީން ރޭ މުޒަހަރާގައި ބައިވެރިވެ ވަޑައިގަތް އިރު، އެ ސަރަަހައްދަކީ މުޒާހަރާ ކުރުން މަނާ ސަރަހައްދެކެވެ. ގާނޫނު އޮންނަ ގޮތުން މުޒާހަރާ ކުރެވޭނީ، ކާނިވާ ސަރަހައްދުގަ އެވެ. އަދި އެތަނުގައި ވެސް މުޒާހަރާ ކުރެވެނީ ދުރާލާ ފުލުހުންގެ ހުއްދަ ހޯދައިގެން އެވެ. އެކަމާ ގުޅިގެން ރައީސް ޔާމީން ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށް ފުލުހުން މުޒާހަރާ ކުރާ ސަރަހައްދަށް ގޮސް އެތަނުން ދިޔުމަށް މެގަފޯނުން ގޮވި އެވެ. އޭރު ރައީސް ހުންނެވީ ވާހަކަ ދައްކާށެވެ. އެއާ އެކު ރައީސްގެ ވާހަކަފުޅު ހުއްޓަވާ ލައްވައި އެ ސަރަހައްދު ދޫކޮށްދިޔަ އެވެ. މުޒާހަރާގެ ބައެއް ބައިވެރިން އެސްއޯ ފުލުހުންނަށް ހުރަސްވެސް އަޅާފައިވެ އެވެ.