ރާއްޖެ ކުޅިވަރު

ރާއްޖެ - ގަތަރު މެޗުގެ ޓިކެޓު ވިކި ހުސްވެއްޖެ

ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ ރޭ ގަތަރާއި ދިވެހިރާއްޖެ ބައްދަލުކުރާ މެޗުގެ ޓިކެޓު ވިކި ހުސްވެއްޖެ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ގުރޫޕް ސީގައި ރާއްޖެ ކުޅޭ ފުރަަތަމަ މެޗުގެ ސިޑިބަރީގެ ޓިކެޓު ވިއްކަން ފެށީ ރޭގަ އެވެ. ގޮނޑިބަރީގެ ޓިކެޓު ވިއްކަން ފެށީ މިއަދު ހެނދުނެވެ.

އެފްއޭއެމްގެ އޮފިޝަލެއް މިރޭ ވިދާޅުވީ މެޗަށް ވިއްކަން ނެރުނު ގޮނޑިބަރީގެ ޓިކެޓު މިއަދު މެންދުރު ފަހު ވަނީ ވިކި ހުސްވެފަ އެވެ. އަދި ގޮނޑިބަރީގެ ޓިކެޓު މިއަދު ހަވީރު ވަނީ ހުސްވެފަ އެވެ.

ޓިކެޓު ގަތުމަށް މިއަދު ގިނަ ބަޔަކު ވަނީ ގަލޮޅު ރަސްމީ ދަނޑުގެ (އޮލިމްޕަސް ކުރިމަތީ) ޓިކެޓު ކައުންޓަރު ދޮށުގައި ކިއޫ ޖެހިފަ އެވެ.

މި މެޗަށް ގޮނޑިބަރީގެ ޓިކެޓެއް ވިއްކީ 100ރ. އަދި 150ރ. އަށެވެ. ސިޑިބަރީގެ ޓިކެޓެއް ވިއްކީ 50ރ އަށެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މާދަމާ ރޭ ކުޅޭ މެޗު ފަށާނީ 2100ގަ އެވެ.