ހަބަރު

ފަތުރުވެރިންނާއެކު ދިޔަވަމުން ދިޔަ ސަފާރީއަކަށް އެހީވެއްޖެ

Oct 2, 2018

ފަތުރުވެރިންނާއެކު ދަތުރުކުރަމުންދިޔަ "އީކުއޭޓާ" ނަމަކަށް ކިޔާ ސަފާރީއެއް ދިޔަވަމުން ދިއުމާ ގުޅިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.

މާލެއަތޮޅު ރިހިވެލި ރިސޯޓް ގެ ދެކުނުން 2.5 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުން ދިޔަ އެ ސަފާރީ ދިޔަވާން ފެށި އިރު އޭގައި 12 ފަތުރުވެރިން ތިއްބެވެ. އަދި ފަޅުވެރިންނާއެކު ޖުމްލަ 20 މީހުން ތިއްބެވެ. މި ހާދިސާގައި ސަފާރީގައި މަސައްކަތްކުރާ ބިދޭސީ ފަޅުވެރިއެއް ފިޔަވައި އެހެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

ސަފާރީ ދިޔަވެފައިވަނީ ކަނޑު ގަދަވެ، ސަފާރީގެ ތެރެއަށް ރާޅު އަރައިގެންނެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު މެންދުރު ފަހު 14:00 ހާއިރު ސަފާރީ ދިޔަވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެއާއެކު ސަފާރީ އޮތް ސަރަޙައްދަށް ގޮސް އެމްއެންޑީއެފްގެ އެހީތެރިކަން ދޭން ފަށާފައިވާ ކަމަށެވެ. އެގޮތުން ސަފާރީގެ ފަޅުވެރިންނާއި ގުޅިގެން އޭގެ ދިޔަ ހިއްކުމުގައި ކޯސްޓުގާޑުން އެހީތެރިވެފައިވާ ކަމަށް ބުންޏެވެ.

މި ހާދިސާގައި ފަޅުވެރި ބިދޭސީއަކަށް އަނިޔާވެފައިވަނީ ޕެޓްރޯލް ޕަމްޕް ހިންގާފަ ހުއްޓާ ޕެޓްރޯލް އަޅަން އުޅުމުގެ ތެރޭގަ އެވެ. އޭނާގެ ހަށިގަނޑުން ބައެއް ފިހިފައިވީ ނަމަވެސް ސީރިއަސް އަނިޔާތަކެއް ނުލިބެ އެވެ.

މި ސަފާރީ މިހާރު ދަނީ، އޭގެ ވެރިފަރާތުން ހަމަޖެއްސި އުޅަނދެއްގެ އެހީގައި ކަފުޖަހައިގެން މާލެ ދަތުރުކުރަމުންނެވެ.

މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވިއްސާރަ ދުވަސްވަރެކެވެ. އެމްއެމްޑީއެފުންނާއި މެޓުން ވަނީ މިދުވަސްވަރު ކަނޑު ދަތުރުކުރާއިރު މޫސުމަށް ސަމާލުކަންދީ ރައްކާތެރިވެތިބުމަށް އިލްތިމާސްކޮށްފަ އެވެ.