ހަބަރު

ގިނަ އަދަދެއްގެ ޓޫރިސްޓުން ތިބި ދޯންޏެއް ފަރަށް އަރައިފި

Oct 2, 2018

ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު ޑައިވިން ދޯންޏެއް ފަރަށް އަރައިފި އެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެ އެވެ.

މިރޭ 7:19 ހާއިރު ފަރަށް އަރާފައިވަނީ 24 ފަތުރުވެރިންނާއެކު ދަތުރުކުރަމުންދިޔަ "އެމިސް ޑެސް މޯލްޑިވްސް" ނަމަކަށް ކިޔާ ޑައިވިން ދޯންޏެކެވެ. އެ ދޯނި އުރިފައިވަނީ އަނަންތަރާ ދިގު ފިނޮޅު ރެސޯޓްގެ ހުޅަނގަށް އޮންނަ ގިރި އަކަށެވެ.

އެމްއެންޑީއެފުން ބުނީ ފަރަށް އެރި ދޯންޏަށް އެހީތެރިވުމަށް ކޯސްޓުގާޑުން މިހާރު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އަދި ދޯނީގައި ތިބި ފަތުރުވެރިން ޑިންގީއެއްގައި އެތަނާ ކައިރީގައި އޮތް ސަފާރީއަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ދޯނި ފަރަށް އެރި އިރު އޭގައި ފަތުރުވެރިންގެ އިތުރަށް ހަ ފަޅުވެރިއަކުވެސް ތިއްބެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ކަނޑުތައް ވަރަށް ގަދަ އެވެ. މިއަދު ވެސް ފަތުރުވެރިންނާއެކު ދަތުރުކުރަމުންދިޔަ ސަފާރީއެއް ދިޔަވެގެން ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މި ދުވަސްވަރު ކަނޑު ދަތުރުކުރާއިރު މޫސުމަށް ސަމާލުވުމަކީ ރައްކާތެރި ގޮތެކެވެ.