12 މެންބަރުންގެ މައްސަލަ

ސުޕްރީމް ކޯޓްގެ އަމުރަށް ބޯލަބަން އީސީއިން ޕާޓީތަކަށް އިލްތިމާސްކޮށްފި

Oct 4, 2018
4

ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރަކުން 12 މެންބަރުންގެ ގޮނޑިއާ މެދު އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމި ނިންމުންތައް ބާތިލްކޮށްފައި ވާތީ، އެ އަމުރަށް ފުރިހަމަޔަށް ބޯލެބުމަށް އެންމެހާ ސިޔާސީ ޕާޓީތަކަށް އިލެކްޝަން ކޮމިޝަނުން މިރޭ އިލްތިމާސްކޮށްފި އެވެ.

އީސީއިން މިއަދު ނިންމީ، 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލްކޮށް، އެ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އެންގި އެންގުން އަނބުރާ ގެނައުމަށެވެ. އަދި އެ 12 ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމުގެ މަސައްކަތްތައް ވެސް އީސީ އިން މަޑު ޖައްސާލި އެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން މިރޭ އަމުރެއް ނެރެ ބުނީ، 12 މެންބަރުންގެ ގޮނޑީގެ މައްސަލަ އެ ކޯޓުން ބަލަމުން ދާތީ އެ ކަމާ މެދު އެ ކޯޓުން ހުކުމެއް ކުރަން ދެން އެ މެންބަރުން ޖަލްސާތަކުގައި ބައިވެރި ނުކުރެވޭނެ ކަމަށާއި އީސީގެ ނިންމުންތައް ބާތިލް ކުރާ ކަމަށެވެ.

އެ އަމުރު އެގޮތަށް ނެރުމާ ގުޅިގެން، އީސީ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ އަމުރުގައިވާ އެންމެހާ ކަންކަމަށް ފުރިހަމައަށް ބޯލަނބައި، އެ ކަންކަން އެމަގުން ހިންގުމުގައި އިލެކްޝަންސް ކޮމިޝަނުގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ސުޕްރީމް ކޯޓަށާއި ކަމާ ބެހޭ އެންމެހާ މުއައްސަސާތަކަށް ފުރިހަމައަށް ދޭނެ ކަމަށެވެ.

"ހަމައެހެންމެ، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިޞިއްޔަތުން، ހުރިހާ ސިޔާސީ ޕާޓީތަކުންނާއި ރައްޔިތުންގެ މަޖިލީހުގެމެންބަރުން މި ޢަމުރަށް ބޯލަނބައި، ޢަމުރާ އެއްގޮތަށް ޢަމަލުކުރުމަށް މިކޮމިޝަނުން އިލްތިމާސް ކުރަމެވެ،" އީސީގެ ބަޔާނުގައިވެ އެވެ.