ދުނިޔެ

ހެލިކޮޕްޓަރެއްގައި ޖަލުން ފިލި ގޭންގު ލީޑަރު އަތުލައިގެންފި

ޕެރިސް (އޮކްޓޯބަރު 3) - މިދިޔަ ޖުލައި މަހު ފްރާންސްގެ ވެރިރަށް ޕެރިސްގެ ސަރަހައްދެއްގައި ހުރި ޖަލަކުން، ހެލިކޮޕްޓަރެއްގައި ފިލި ބޮޑު ގޭންގް ލީޑަރު އިއްޔެ އަތުލައިގެންފި އެވެ.

ނުރައްކާތެރި ކުށްވެރިއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރީޑުއާން ފާއިދު އަތުލައިގެންފައިވަނީ، އޭނާގެ ގޭންގުގައި މީހުންނާއި ގާތްމީހުންގެ ފޯނު ކޯލުތައް އަޑުއަހައިގެންކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފާއިދު މިހާ ދުވަސް އަތުނުވެ މަގު މައްޗަށް ނުކުމެ އުޅުނީ ބުރުގާ އަޅައިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފާއިދު ހެލިކޮޕްޓަރެއްގައި ފިލާފައިވަނީ، ބަޑި ހިފައިގެން ތިބި ބަޔަކު ޖަލުގެ ދޮރާށި ކައިރިން ހަމަލާދިން ވަގުތު އެވެ. ބޮޑު ވައްކަމެއްގެ ތެރެއިން ހައްޔަރު ކޮށްފައިވާ ފާއިދު، 46 ދަނީ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ފާއިދު ހައްޔަރު ކުރި ވައްކަމުގެ ތެރެއިން ފުލުހެއް މަރުވެފައިވާ ކަމަށް ވެސްވެ އެވެ.

މިއީ ފާއިދު ޖަލުން ފިލި ދެވަނަ ފަހަރެވެ. މީގެ ކުރިން 2013 ވަނަ އަހަރު ފާއިދު ފިލާފައިވަނީ ހަތަރު ގާޑުން ރަހީނު ކުރުމަށްފަހު، ޑައިނަމައިޓް ބޭނު ކޮށްގެން ޖަލުގެ ދޮރުތައް ގޮއްވާލުމަށްފަހު އެވެ. ނަމަވެސް އޭގެ ހަ ހަފްތާ ފަހުން އޭނާ ވަނީ އަލުން ހައްޔަރުކޮށް އަނބުރާ ޖަލަށް ގެންގޮސްފަ އެވެ.

ފާއިދު ފިލާފައިވަނީ ޕެރިސްގެ އުތުރުން އޮންނަ ޖަލަށް ބަދަލު ކުރިތާ ބައިގަޑިއިރު ތެރޭގަ އެވެ. ބަޑި ހިފައިގެން ތިބި ބައެއްގެ އެހީގައި، ފާއިދު ފިލީ، ހެލިކޮޕްޓަރު ޖަލުގެ ގޯތި ތެރެއަށް ޖެއްސުމުންނެވެ.

ފާއިދުގެ އިތުރުން މި މައްސަލާގައި އިތުރު ހަ މީހަކު ހައްޔަރުކުރެވިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ތިންވަނަ ފަހަރަށް ފާއިދު ޖަލުން ފިލާފާނެތީ، ޖަލުގެ ސެކިޔުރިޓީ ވަރުގަދަކޮށް، އޭނާގެ އަމަލުތައް ވަރަށް ގާތުން ބަލަމުން ގެންދާނެކަމަށް ފްރާންސްގެ ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.