ގާސިމް އިބްރާހިމް

އައިޝާގެ މަސައްކަތަށް ގާސިމްގެ ހާއްސަ ޝުކުރު!

އާއިލާއަށް ދިމާވި ހިތްދަތި ދަނޑިވަޅުގައި ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން އަނބިކަނބަލުން އައިޝަތު ނަހުލާ، އައިޝާ ކުރެއްވި މަސައްކަތަށް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް ހާއްސަ ޝުކުރެއް އަދާ ކުރައްވައިފި އެވެ.

އައިޝާ ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގެ ތެރެއިންނެވެ. އޭނާ ޕާޓީ ކައުންސިލްގެ މެންބަރު ކަމަށް އިންތިހާބުވެވަޑައިގެންފައިވާއިރު، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ބުރަކޮށް މަސައްކަތް ކުރައްވާފައިވެ އެވެ.

އެގޮތުން ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއާއެކު އަދި އަމިއްލައަށް ވެސް ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވާފައިވެ އެވެ. ފަސްދޮޅަހަށްވުރެ ގިނަ ރަށްރަށް އޭނާ ވަޑައިގަތެވެ. އައިޝާ ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވީ ދޮން ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ޖަލަށްލުމާ ގުޅިގެން ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އައިޝާ ވިދާޅުވި ގޮތުގައި، ގާސިމް ހައްޔަރުކުރުމަށްފަހު "އަނިޔާވެރިކަން" އޭނާގެ އަނބި ދަރިންނާ ހަމައަށް ދިޔުމަކީ އޭނާއަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އައިޝާ އާއި ގާސިމްގެ ހަ ބޭފުޅުން ވެސް ތިއްބަވަ އެވެ.

އަހަރަކަށްވުރެ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން ގާސިމް ވިދާޅުވީ އޭނާ ނެތް ހާލަތުގައި ކުޑަކުޑަ ހަ ދަރިން ދޫކޮށްލައި އައިޝާ ކުރެއްވީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ.

"ތުއްތު ހަ ކުދިން ދޫކޮށް ބުރަ މަސައްކަތެއް ކޮށް ދިނީތީ އަޅުގަނޑު ދަރާފައި އޮތް ދަރަނި އަދާކުރުމުގެ ގޮތުން ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، އައިޝާ ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވީ "ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެތް ނުކުރެވިގެން" ކަމަށެވެ.

އައިޝާ މިއަދު ވިދާޅުވީ އޭނާގެ ހަ ދަރިންގެ ބައްޕަ ރާއްޖެއަށް ގެނެސް ދިނީ ދިވެހި ރައްޔިތުން ކަމަށާއި އެކަމަށްޓަކައި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި ކޯލިޝަންގެ ތެރެއިން ގެންނަ ސަރުކާރަކީ އުއްމީދީ ސަރުކާރަކަށްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"ގާސިމް ހުންނެވިހާ ދުވަހަކު ރައްޔިތުންނަށް ދެރަ ގޮތެއް ނުވާނެ، އެކަން ވިޔަކަ ވެސް ނުދެއްވާނެ، އެއީ އެ ބޭފުޅާގެ ނެތް ސިފައެއް، މީހުންނަށް ނިކަމެތިކަން ދިނުމަކީ ނެތް ސިފައެއް،" އައިޝާ ވިދާޅުވި އެވެ.