ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި އެވެ.
އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި މަލީހު މިރޭ ވިދާޅުވީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައިވާ ކަމަށެވެ. މަލީހުގެ މި ނިންމުން މި އައީ އިދިކޮޅު ކޯލިޝަންގެ ކެންޕެއިންގައި ބައިވެރިވެވަޑައިގަތުމާއި ގުޅިގެން މަލީހުއާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވުމާއި ގުޅިގެންނެވެ. ގާސިމް ވަނީ މަލީހުއާ ދެކޮޅަށް އަޅާ ފިޔަވަޅަކީ އޭނާ ޕާޓީން ވަކިކުރުން ކަމަށްވެސް ވެދާނެ ކަމަށާ އަޅާނެ ފިޔަވަޅެއް ނިންމާނީ ކައުންސިލުން ކަމަށެވެ.
މަލީހު މިރޭ ވިދާޅުވީ ސަރުކާރުތެރޭ ޖޭޕީގެ އަޑު އެންމެ އިހުލާސްތެރިކަމާއި އެކު އުފުލި މީހާ އާއި ދޭތެރޭ ބޭއިންސާފު ހުސްކޮށް އެމްޑީޕީއިން ކަންކުރަމުން ދިޔަ އިރު ގާސިމް ހުންނެވީ ހަނު ކަމަށެވެ.
"ބޮޑެތި ތުހުމަތުތަކާއި އެކު ވަކި ކުރެވުނެ ފަރާތްތަކާއި މެދު ފިޔަވަޅު ނާޅާ. ކޯލިޝަންގައި ދަލު ބޭރުން. މިވަގުތު ޖޭޕީއާއި ފެޔަށް ޖެހިލާނަން،" މަލީހު ވިދާޅުވިއެވެ.
މަލީހު އެ އިޝާރާތް ކުރައްވަނީ ބޮޑެތި ތުހުމަތުތަކެއްގައި މަގާމުން ވަކިކުރި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދަށެވެ. އޭނާ މަގާމުން ވަކިކޮށް ހަތް ދައުވާއެއް އުފުލިއިރުވެސް ޖުމްހޫރީ ޕާޓީން އަލީ ވަހީދަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ގާސިމްގެ އަނބިކަނބަލުން އަދި ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ނިސްބަތްކޮށް އަލީ ވަހީދު ހުތުރު ބަހުން ވާހަކަ ދައްކާ އަޑުއިވޭ އޯޑިއޯއެއް ލީކުވިއިރުވެސް އެ މައްސަލާގައިވެސް ވާހަކަ ދައްކަވަން ގާސިމް ދެކޮޅު ހެއްދެވިއެވެ. އަދި އަލީ ވަހީދު ޕާޓީން ވަކިކުރަން ކައުންސިލަށް މައްސަލަ ހުށައެޅުމުން އެ މައްސަލަ އެޖެންޑާ ކުރުމަށްވެސް އަދި ކައުންސިލް ބައްދަލްވުމެއް ބޭއްވުމަށްވެސް ގާސިމް ފުރުސަތު ނުދެއްވިއެވެ.