އޮފްބީޓް

ސެލްފީ ނަގަނިކޮށް މަރުވާ މީހުން ގިނަވަނީ

މޮޅު ސެލްފީއެއް ނަގާލަން އެތައް ކަމެއް ކުރާ މީހުން އުޅެ އެވެ. ސެލްފީއެއް ނަގާލުން ހާ ކުޑަކުޑަ ކަމެއް ބޮޑު ކަންތައް ގަނޑަކަށްވީ އެހާ ހިސާބުންނެވެ. ސެލްފީ ނެގުމުގެ ޓްރެންޑް ފުޅާވެ، ހައްޓަށް ނުރައްކާވާ ހިސާބަށް، މޮޅުކަން ދައްކާލުމުގެ ބައި ބޮޑުވެގެން ގޮސްފި އެވެ. އެންމެފަހުގެ ނަތީޖާއަކަށްވީ ނުރައްކާތެރި މަރުތަކެވެ.

އެމެރިކާގެ ނޭޝަނަލް ލައިބްރަރީ އޮފް މެޑިސިންއިން ހެދި ދިރާސާއަކުން ހާމަވި ގޮތުގައި 2011 ވަނަ އަހަރާއި 2017 ވަނަ އަހަރުގެ ދެމެދުގައި ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގައި 259 މީހުން ވަނީ މަރުވެފަ އެވެ.

ސެފްލީ ނަގަން އުޅުމުގެ ތެރޭގައި މަރުވާ މީހުން ރިޕޯޓުކުރާ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން 2011 ވަނަ އަހަރު އެފަދަ ތިން މައްސަލައެއް ހުށަހެޅި ނަމަވެސް 2016 ވަނަ އަހަރާ ހަމަށް އައިއިރު، 98 މަރެއް ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި މިދިޔަ އަހަރު އެކަނި ވެސް 93 މަރެއް ވަނީ ރިޕޯޓުކޮށްފަ އެވެ.

އެ ދިރާސާއަށްފަހު އެ ލައިބްރަރީ ބުނީ ބައެއް ތަންތަނުގައި ސެލްފީ ނެގުން މަނާ ކުރަންޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ފަރުބަދަތަކުގެ މައްޗާއި އިމާރާތްތަކުގެ މައްޗާއި އަދި ކޯރުތައް ހިމެނެ އެވެ. އެ ތަންތަނަކީ ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގައި އެންމެ ގިނައިން މަރުގެ ހާދިސާތައް ހިނގާފައިވާ ތަންތަނެވެ.

އެ ތަންތަނުގައި ސެލްފީ ނަގަން އުޅެގެން މީހުން ގެނބުމާއި އެކްސިޑެންޓުތައްވުމާއި އުސް ތަންތަނުން ވެއްޓުމުގެ ހާދިސާތައް ހިނގާފައިވެ އެވެ. އެހެން ހާދިސާތަކަށް ބަލާއިރު، ސެލްފީ ނަގަން އުޅުމުގެ ތެރޭގައި ޖަނަވާރަކު ހަމަލާދީގެންނާއި ކަރަންޓުގައި ޖެހިގެން އަދި އަލިފާން ރޯވެގެން ވެސް މީހުން މަރުވެފައި އެބަ ތިއްބެވެ.

މަރުތައް އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ރަޝިއާ، އެމެރިކާ އަދި ޕާކިސްތާން ހިމެނެ އެވެ. އަދި މަރުވި މީހުންގެ ތެރޭގައި އެންމެ ގިނައީ ފިރިހެނުންނެވެ. އެގޮތުން 72.5 ޕަސެންޓް މީހުންނަކީ ފިރިހެނުންނެވެ.