ދުނިޔެ

ފަލަސްތީނުގައި ތިން މީހުން ޝަހީދުކޮށް، 24 މީހަކު ޒަހަމްކޮށްލައިފި

Oct 6, 2018

ޣައްޒާ (އޮކްޓޯވަރު 5) - ފަލަސްތީނު ރައްޔިތުންގެ ބިން އަނބުރާ ދިނުމަށް ގޮވާލާ ޣައްޒާއާ އިޒްރޭލު ގުޅޭ ބޯޑަރުގައި މުޒާހަރާތައް ކުރިއަށް ގެންދާތާ ފަސް މަސް ވެފައިވާއިރު، އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގައި އިޒްރޭލު ސިފައިން ނުކުމެ ފަލަސްތީނުގެ ތިން މީހަކު ޝަހީދުކޮށް 24 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި އެވެ.

އިނގިރޭސިން ފަލަސްތީނު ހިފައި، އެ ބިމުގައި ޔަހޫދީން އާބާދުކޮށް އެއަށް ފަހު އެ މީހުންނަށް އެތަނުގައި ދައުލަތެއް ގާއިމު ކޮށްދިނީ މީގެ 70 އަހަރު ކުރިންނެވެ. ފަލަސްތީނުގެ އަސްލު ވަޒަންވެރިން އެމީހުންގެ ގެދޮރުން ނެރެލައި އިޒްރޭލުގެ ދައުލަތް ގާއިމްކުރުމަަށް ފަހު އެކަން ރަސްމީކޮށް އިއުލާނު ކުރީ 1948 ވަަނަ އަހަރުގެ މޭމަހުގެ 14 ވަނަ ދުވަހު އެވެ.

މިއަހަރުގެ މާޗް 30 ގައި ފެށި މުޒާހަރާތަކުގައި މިހާތަނަށް 183 ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާއިރު 18،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

އިއްޔެ ވެސް ކުރިއަށްދިޔަ މުޒާހަރާތަކުގައި އިޒްރޭލު ސިފައިން ބަޑިޖަހާ ތިން މީހަކު ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި 12 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނެ އެވެ.

ފަލަސްތީނު ހެލްތު މިނިސްޓްރީގެ އޮފިޝަލުން ބުނި ގޮތުގައި، މުޒާހަރާގެ ބައިވެރިންނަށް އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި އިއްޔެ ވަނީ އިތުރު 24 މީހުން ޒަހަމްވެފަ އެވެ.