ރާއްޖެ ކުޅިވަރު

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އަށް ފާހަގަކޮށްލެވޭ މެޗުތައް

ވޯލްޑް ކަޕް ކޮލިފައިންގެ ގުރޫޕް ސީގައި ކުޅެންޖެހޭ ފުރަތަމަ މެޗުގައި މިރޭ ގަތަރާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، މިއީ ރާއްޖޭގެ ގައުމީ ޓީމަށް މުހިންމު ދަތުރެއްގެ ފެށުމެވެ. މި އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން، އޭޝިއަން ކަޕް ކޮލިފައިންއާ އެއްކޮށްލައިގެން ކުޅޭތީ، ރާއްޖެ އަށް ކޮލިފައިންގެ މުހިންމުކަން ބޮޑެވެ.

ރާޢްޖޭން އެންމެ ފުރަތަމަ ވާދަކުރީ 1998 ވަނަ އަހަރު ފްރާންސްގައި އޮތް ވޯލްޑް ކަޕްގެ ކޮލިފައިން ބުރުގަ އެވެ. ކޮލިފައިންގައި ވާދަކުރި ފުރަތަމަ ފަހަރު ރާއްޖެ އަށް "ލަދުވެތި" ނަތީޖާތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ރާއްޖޭން ވަނީ ކޮލިފައިންގައި ފަހުން ރަނގަޅު ނަތީޖާތަކެއް ނެރިފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ވަނީ މިހާތަނަށް 24 މެޗު ކުޅެފަ އެވެ. މީގެ ތެރެއިން ރާއްޖެ މޮޅުވީ ފަސް މެޗުންނެވެ. ދެ މެޗު އެއްވަރުވެފައިވާއިރު، 17 މެޗުން ރާއްޖެ ވަނީ ބަލިވެފަ އެވެ.  ރާއްޖެ ކޮޅަށް ވޯލްޑް ކަޕް ކޮލިފައިންގައި 28 ލަނޑު ޖަހާފައިވާއިރު، ރާއްޖެ ކޮޅަށް 100 ލަނޑު ވަނީ ވަދެފަ އެވެ.

މި ލިއުމުގައި މި ބަލާލަނީ ވޯލްޑް ކަޕް ކޮލިފައިންގައި އަމިއްލަ ދަނޑުގައި ރާއްޖެ ކުޅެފައިވާ މެޗުތަކުގެ ތެރެއިން، އެންމެ ފާހަގަކޮށްލެވޭ މެޗުތަކަށެވެ.

 

ވޯލްޑް ކަޕް ކޮލިފއައިންގައި 2004 ވަނަ އަހަރު ދެކުނު ކޮރެއާއާ ދެކޮޅަށް ރާއްޖެ ނިކުތްއިރު، އޭޝިއާގެ ވަރުގަދަ ބާރެއް ކަމަށްވާ ދެކުނު ކޮރެއާ އަތުން ރާއްޖެ އަށް ޕޮއިންޓެއް ލިބޭނެ ކަމަށް ގަބޫލްކުރާނީ މަދު ބައެކެވެ. ދެހާސް ދެވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަތަރު ވަނަ ހޯދި ދެކުނު ކޮރެއާ މި މެޗަށް ނުކުތީ ވަރުގަދަ ސްކޮޑަކާއެކު އެވެ. ވޯލްޑް ކަޕްގެ ތަރިން ކަމަށްވާ އާން ޖުން ހުވާން އާއި ސިއޯލް ކީ ހިއުން އަދި ލީޔޮންގް ޕްޔޯ ރާއްޖެއާ ދެކޮޅަށް ނިކުތް ޓީމުގައި ކުޅުނެވެ.

ޕޯޗުގަލްގެ ކޯޗު މެނުއެލް ގޯމޭޒްގެ އިރުޝާދުގެ ދަށުން ކުޅުނު ރާއްޖެ ވަނީ އެ މެޗުގައި ދެކުނު ކޮރެއާގެ ވަރުގަދަ ޓީމު ހިފަހައްޓައިފަ އެވެ. މި މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން، ދުނިޔޭގެ ސަމާލުަކަމަށް މި މެޗަށް ލިބުނެވެ. އޭގެ ދެ އަހަރު ކުރިން އޮތް ވޯލްޑް ކަޕުން ވަރުގަަދަ އިޓަލީ އާއި ސްޕެއިން ކަޓުވާލި ޓީމަށް، އޭޝިއާގެ ފުޓްބޯޅައިގެ ނިސްބަތުން އާދައިގެ ގައުމެއް ކަމަށްވާ ރާއްޖެ ބަލިނުކުރެވުމަކީ ހައިރާންކުރެވުނު ނަތީޖާއެކެވެ.

ދެކުނު ކޮރެއާ އަށް ކުރިމަތިވި "ލަދުވެތި" ނަތީޖާގެ ސަބަބުން އޭރު އެ ޓީމުގެ ކޯޗަކަށް ހުރި ޕޯޗުގަލްގެ ކޯޗު ހުމްބޭޓޯ ކޮހޭލޯ ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ދެހާސް ދެވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުގައި ކެމްބޯޑިއާ އަތުން އަމިއްލަ ދަނޑުގައި 6-0 އިން މޮޅުވުމަކީ ރާއްޖެ އަށް ތާރީހީ މެޗެކެވެ. މިއީ ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އަށް ލިބުނު ފުރަތަަމަ މޮޅެވެ. ވޯލްޑް ކަޕް ކޮލިފައިންގައި އޭގެ ކުރިން ލިބުނު ދަށް ނަތީޖާތަކަށް ފަހު، މި މެޗުން މޮޅުވުމަކީ ރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ވަރުގަދަ ޗައިނާ އާއި އިންޑޮނޭޝިއާ ހިމެނުނު ގުރޫޕްގައި ވާދަަކޮށް، ރާއްޖެ ގުރޫޕް ނިންމާލީ ތިން ވަނައިގަ އެވެ.

ވޯލްް ކަޕް ކޮލިފައިންގައި 1997 ވަނަ އަހަރު އީރާން އަތުން 17-0 އިން ރާއްޖެ ބަލިވުމަކީ ދިވެހި ފުޓްބޯޅަ އަށް ލިބުނު ހުތުރު ނަމެކެވެ. އެކަމަކު އެ ނަތީޖާ އަށް ފަހު، ރާއްޖޭން ވަނީ ފުޓްބޯޅައިގައި ބޮޑު ކުރިއެރންތަކެއް ހޯދައިފަ އެވެ. އެކަން ސާބިތުކޮށްދިން އެއް މެޗަށްވީ ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ބުރުގައި މޮންގޯލިއާ އަތުން ދެވަނަ ލެގުގައި 12-0 އިން މޮޅުވެ، 13-0ގެ އެގްރިގޭޓް ނަތީޖާއަކުން ރާއްޖެ ދެވަނަ ބުރުން ޖާގަ ހޯދުމެވެ. މި މެޗުގައި އޭރު އުންމީދީ ފޯވަޑެއްގެ ގޮތުގައި ބެލެވިފައިވާ އަލީ އަޝްފާގް (ދަގަނޑޭ) ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. މިއީ އިންޓަނޭޝަނަލް މެޗެއްގައި ރާއްޖޭގެ ކުޅުންތެރިއެއް ހަތަރު ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. އެ މެޗު ވެގެންދިޔައީ ގައުމީ ޓީމުގައި ވެސް ދަގަނޑޭ އެންމެ ފުރަތަމަ ވިދާލި މެޗަށެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި އީރާންއާ ދެކޮޅަށް ކުޅުނު ދެ މެޗުން 5-0 އެގްރިގޭޓް ނަތީޖާއަކުން ރާއްޖެ ބަލިވި ނަމަވެސް އީރާންއާ ދެކޮޅަށް ކުޅުނު ދެ މެޗު ވެގެންދިޔައީ ރާއްޖެ އަށް މުހިންމު ދެ މެޗަށެވެ. ވޯލްޑް ކަޕް ކޮލިފައިންގައި އީރާން އަތުން 17-0ގެ ލަދުވެތި ނަތީޖާއަކުން ބަލިވެފައި އޮތުމުން، މި މެޗު ވެގެންދިޔައީ ދިވެހި ފުޓްބޯޅަ އަށް ލިބިފައިވާ ކުރިއެރުން ވަޒަންކޮށްލަން ލިބުނު ފުރުސަތަަށެވެ. އީރާންގައި ކުޅުނު ފުރަތަމަ ލެގުން 4-0 އިން ރާއްޖެ ބަލިވިއިރު، މާލޭގައި ކުޅުނު މެޗުން އީރާން މޮޅުވީ 1-0 އިންނެވެ. އަމިއްލަ ދަނޑުގައި ރާއްޖޭގެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، އީރާން ހާސްކޮށްލައިފި އެވެ. މި މެޗުން ރާއްޖެ ބަލިވިޔަސް، ވަރުގަދަ އީރާން ކައިރީގައި ރާއްޖޭގެ ޓީމުން ދެއްކި ރަނގަޅު ކުޅުމުގެ ސަބަބުން ސަޕޯޓަރުން ތިބީ ހިތްހަމަޖެހިފަ އެވެ.