ޓީވީ ސީރީޒް

ވޯކިން ޑެޑްގެ ތަރި، ސްކޮޓް މަރުވެއްޖެ

އޭއެމްސީގެ ޓީވީ ސީރީޒް "ވޯކިން ޑެޑް" އިން ފެނިގެންދިޔަ އެކްޓަރު ސްކޮޓް ވިލްސަން މަރުވެއްޖެ އެވެ. ރިޕޯޓުތައް ބުނާގޮތުން އޭނާ މަރުވީ ކެންސަރަށް ފަރުވާކުރަމުން ދަނިކޮށެވެ.

އުމުރުން 76 އަހަރުގައި ސްކޮޓް މަރުވިކަން "ވޯކިން ޑެޑް" ގެ ޓުވިޓާ ޕޭޖުގައި ވަނީ ކަށަވަރުކޮށްދީފަ އެވެ. އެ ސީރީޒްގެ ކާސްޓާއި ކްރޫ ވަނީ ޓުވިޓާގައި ސްކޮޓްގެ ހަނދާންތައް އާކޮށްފައި އެވެ.

ސްކޮޓް ވަނީ 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް އެ ސީރީޒްގައި ހާޝެލް ގްރީންގެ ރޯލު ކުޅެފައި އެވެ. އެއީ އެ ސީރީޒްގެ ސީޒަން ދޭއް، ތިނެއް އަދި ހަތަރެއްގަ އެވެ. ޖުމްލަ 30 އެޕިސޯޑަކުން އޭނާ ފެނިގެންދިޔަ އެވެ.

މިހާރު ދައްކަން ފަށާފައިވާ މި ސީރީޒްގެ ނުވަ ވަނަ ސީޒަންގައި ވެސް ސްކޮޓް ފެނިގެންދާނެ އެވެ.

ސްކޮޓް ވަނީ ފިލްމުތައްވެސް ކުޅެފައި އެވެ. އެންމެ ފުރަތަމަ ފިލްމަކުން ލީޑު ރޯލެއް އޭނާއަށް ލިބުނީ 1967 ވަނަ އަހަރު އެވެ. އެއީ "އިން ދި ހީޓް އޮފް ދި ނައިޓް" އިންނެވެ. އަދި 1974 ގައި ނިކުތް "ދި ގްރޭޓް ގެޓްސްބައި" ގައި އޭނާ ކުޅުނު ރޯލަށްވެސް ތަރުހީބު ލިބިފައިވެ އެވެ.

މަރުވިއިރު ސްކޮޓްގެ އަނބެތް ދުނިޔޭގައި އެބަހުއްޓެވެ. އެ ދެމީހުން ކައިވެނިކުރީ 1977 ވަނަ އަހަރު އެވެ. އެ ދެމަފިރިންގެ ދަރިއަކު ނުހުރެ އެވެ.