ހަބަރު

ބޮޑެތި ހުކުމްތަކުގެ ދުވަހެއް, އެންމެން އިންތިޒާރުގައި!

ރައްޔިތުން މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފެދިފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މި މެންބަރުންނަކީ 60،000 ރައްޔިތުން ތަމްސީލް ކުރާ މެންބަރުން އެވެ. އެ މެންބަރުންގެ ބައިވެރިވުމެއް ނެތި މަޖިލިސް ހިނގަމުން ދިޔުމަކީ މިވަގުތަށް އޮތް އެންމެ ބޮޑު އެއް ދުސްތޫރީ މައްސަލަ އެވެ. މިއީ ނިހާއީ ހުކުމެއް އަންނަން ޖެހޭ މައްސަލައެއް ކަމަށް ސުޕްރީމް ކޯޓުން ވެސް އޮތީ އިއުތިރާފްވެ ބަސްބުނެފަ އެވެ.

އެ މައްސަލަތައް ސުޕްރީމް ކޯޓްގައި ހިފެހެއްޓިފައި ހުންނަތާ އެތައް ދުވަހަކަށް ފަހު އޭގެ ތެރެއިން ހަތަރު މެންބަރެއްގެ ގޮނޑިއާ މެދު މިއަދު ގޮތެއް ނިންމާނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ހިލާފު އުފެދިފައިވާ ހަތަރު ދާއިރާއެއްގެ ގޮނޑިއާމެދު ފައިސަލަނާ ކުރަނިވި ހުކުމެއް ސުޕުރީމްކޯޓުން މިއަދު އިއްވާނެ ކަން މި އޮތީ ގާތްގަނޑަކަށް ޔަގީންވެފަ އެވެ.

ދުސްތޫރީ ބޮޑު މައްސަލަތަކެއްގެ ގޮތުގައި ފާހަގަ ކުރެވޭ މި މައްސަަލަތަކުގެ ތެރެއިން އެންމެ ފުރަތަމަ އޮތީ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)ގެ މައްސަލަ އެެވެ. އެ މައްސަލަ ތާވަލްކޮށްފައި އޮތީ މިއަދުގެ 10:00 އަށެވެ.

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ މައްސަލަ 11:00 އަށް ތާވަލްކޮށްފައިވާ އިރު، ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފު މުހައްމަދުގެ މައްސަަލަ ތާވަލްކޮށްފައިވަނީ މިއަދު 13:00 އަށެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ މައްސަލަ 14:00 ގައި އޮންނާނެ އެވެ.

މި ހަތަރު މައްސަަލަ އަކީވެސް ސުޕުރީމްކޯޓުގައި ގިނަ ދުވަސްތަކެއް ވެފައިވާ ބޮޑެތި މައްސަލަތަކެކެވެ. މި ހަތަރު މެމްބަރުންގެ އިތުރުންވެސް ގޮނޑިއާމެދު ހިލާފު އުފެދިފައިވާ އިތުރު 8 މެމްބަރެއްގެ މައްސަލަ ވަނީ ސްޕްރީމްކޯޓަށް ހުށަހަޅާފަ އެވެ. އެހެން ނަމަވެސް އަދި އެމައްސަަލަތަކުގެ އަޑުއެހުމެއް ބާއްވާފަ އެެެއްނުވެއެވެ.

މީގެ އިތުރުންވެސް ސަރުކާރު ހިންގަ ޕާޓީ ޕީޕީއެމް އިން ރިޔާސީ އިންތިހާބުގެ ނަތީއްޖާ ބާތިލް ކުރުމަށް މިއަދު ކޯޓަށް ހުށަހަޅާނެ ކަމުގެ އަޑުތަށް ވަނީ ފެތުރިފަ އެވެ. އެހެން ނަމަވެސް އެ ވާހަކަތަކުގެ ސައްހަކަން އަދި ކަށަވަރު ކުރެވިފަ އެއް ނުވެ އެވެ. އެކަމާ މެދު ރައީސް ޔާމީން ފަޅީގެ ބޭފުޅުން ވެސް އެއްޗެއް ބުނަން ބޭނުމެއް ނުވެ އެވެ.

އެކަމަކު އެންމެންގެ އިންތިޒާރަކީ ސުޕްރީމް ކޯޓުން އެ މެންބަރުންގެ ގޮނޑިއާ މެދު ނިންމާނީ ކިހިނެތް ހެއްޔެވެ؟ 60،000 ރައްޔިތުންގެ ހައްގު ހިމެނޭ މި މައްސަލައާ މެދު ސުޕްރީމް ކޯޓުން ނިންމާ ފަހުގެ ނިންމުމަށް އެންމެން މިތިބީ އިންތިޒާރުގަ އެވެ.