ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އެ މަގާމުން ވަކި ކުރުމަށް ނޯކޮންފިޑެންސް ވޯޓެއް ނެގުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ)ގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއިި ގުޅިގެން ރިޔާޒް ވިދާޅުވީ، މިއަދަކީ އިދިކޮޅު ޕާލިއަމަންޓް ގްރޫޕަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް، ރައްޔިތުންނަށްޓަކައި މަޖިލީހުގެ ތެރެއިން ކުރުމަށް ރާވާފައިވާ ލެޖިސްލޭޓިވް ކަންތައްތައް ކުރުމަށްޓަކައި ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ރިޔާޒް ވިދާޅުވީ، މިއަދު ފަނޑިޔާރުންގެ ހުކުމްތަކުން ސާފުވެގެންދާ ކަމަކީ 12 މެންބަރުންގެ ގޮނޑީގެ މައްސަލަވެސް ނިމިގެންދާނީ ރަނގަޅަށް ކަމަށް ބެލެވޭ ކަމަށާއި އެކަން ވެގެންދާނީ އެބޭފުޅުންނަށް މަޖިލީހުގައި މިނިވަންކަމާއެކު އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރުމަށް ލިބިގެންދާނެ ކަމަށެވެ. އަދި އެބޭފުޅުންނަށް ގައުމަށާއި ރައްޔިތުންނަށްޓަކައި މަސައްކަތް ކުރަން ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެއާއެކު މަޖިލީހުގެ މެޖޯރިޓީ އޮންނާނީ އިދިކޮޅުގެ އަތުގައި ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ.
"ވަރަށް އިހްލާސްތެރިކަމާއެކު ވަރަށް އަދަބުވެރިކަމާއެކު މަސީހް ހަމަ ދަންނަވަން ވަގުތު އެބައޮތް، އަވަހަށް އަމިއްލަ ފުޅަށް އިސްތިއުފާދީ، މިއަދު ސުޕްރީމް ކޯޓްގެ އަމުރު ނެރުމުން ވަރަށް ސާފުކޮށް އެބަ އިނގޭ މަޖިލީހުގެ ދައުރުވެސް އެބައޮތްކަން މީގައި ނުބައިކޮށް ހިންގުމުގައި،" ރިޔާޒް ވިދާޅުވި އެވެ.
"މަސީހް އިސްތިއުފާ ނުދެއްވާ ކަމަށްވަންޏާ ނޯކޮންފިޑެންސް ނަގައިގެން އެމަގާމުން ބޭރުކުރާނަން، އެމަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ، އެޕޮސިޝަން ބަދަލެއް ނުވޭ، އެމަސައްކަތް ކުރިއަށްދޭ،"
ރިޔާޒް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުކުމަށް ބެލުމަށްފަހުވެސް އަވަހަށް އިސްތިއުފާދެއްވުމަށްފަހު މަޖިލީހުގެ މެޖޯރިޓީގެ ވިންދާއެއްކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ދެއްވަންޖެހޭ ކަމަށެވެ. އަދި ސިފައިންނާއި ފުލުހުންވެސް އަވަހަށް މެންބަރުންނަށް މަޖިލީހަށް ވަނުމަށް ފުރުސަތު ދެއްވައި މި ސަރުކާރުން އަންގާ ޣައިރު ގާނޫނީ އަމުރު ތަކަށް ކިޔަމަން ނުވުމަށް ގޮވާލާ ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ، އަހަރަކަށްވުރެ ގިނަ ދުވަސް ވަންދެން މަޖިލީހަށް މެންބަރުން ވަނަ ނުދީ އަނިޔާވެރިކަން އިސްކޮށްގެން މުޅި މަޖިލީހުގެ ބާރު ކަނޑުވާލައި ރައީސް އަބުދުﷲ ޔާމީނާއި މަޖިލީހުގެ ރައީސް ކަމުގައި "ގަދަބާރުން ވެރިވެ ހުންނެވި" މަސީހް އާއި އޭރުގެ އީސީގެ މެންބަރުން ގުޅިގެން ހިންގެވި އަމަލު ކުށްވެރިކުރާ ކަމަށެވެ.
"ހުކުމުންވެސް ވަރަށް ސާފުކޮށް އިނގޭ މިފަދަ ކަންކަން ނުކުރެވޭކަން، މަކަރާ ހީލަތުން ޖިނާއީ ބޮޑު ކުށެއްގެ ތެރެއިން މަޖިލީސް ހުއްޓާލާފައި އޮތްކަން މީގެން ވަރަށް ސާފުކޮށް އިނގޭ، މިއީ މިކަންކަން ބެލިގެން އިންސާފުގެ މަގަށް ރާއްޖެ ގެނައުމުގައި ބަލަން ޖެހޭނެ މައްސަލައެއް، މަޖިލީހުގެ ބާރު ކަނޑުވާލި މައްސަލައަކީ ހަމައެކަނި މި ހުކުމުން ނިމެންޖެހޭނެ މައްސަލައެއްނޫން، މިކަން ވަރަށް ސީރިއަސްކޮށް ބަލަން ޖެހޭނެ،" ރިޔާޒް ވިދާޅުވި އެވެ.