12 މެންބަރުންގެ މައްސަލަ

މަސީހުގެ މައްސަލައިގައި ސޮއިކޮށްގެން ގޮނޑި ނުގެއްލޭނެ: ހުކުމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި ސޮއިކޮށްފައިވަނީ ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ނެރުނު ހުކުމްގެ ކުރިން ކަމަށްވާތީ އެ ހުކުމް އެ ހާލަތުގައި ނުހިނގާނެ ކަމަށް މިއަދު ސުޕްރީމް ކޯޓުން
ބުނެފި އެވެ.

ސުޕްރީމް ކޯޓުން މިހެން ބުނީ، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދުގެ ގޮނޑީގެ މައްސަލާގައި އިއްވި ހުކުމްގަ އެވެ.

އެ ހަތަރު މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅީ އިންތިހާބުވާ ޕާޓީއިން ވަކިވެއްޖެނަމަ ނޫނީ ޕާޓީ ބަދަލުވެއްޖެނަމަ މެންބަރުކަން ގެއްލޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން ނެރުނު ފްލޯ ކްރޮސިން ގާނޫނަށް ރިޔާއަތްކޮށެވެ. އެ ހުކުމް އިއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި މެންބަރުން ސޮއި ކުރެއްވީ ޖުލައި މަހުގެ ތިންވަނަ ދުވަހު އެވެ. އެ ސޮއި އަނބުރާ ނެގުމަށް ޕީޕީއެމްއިން މެންބަރުންނަށް އެންގީ ޖުލައި މަހުގެ 17 ވަނަ ދުވަހު އެވެ. ސޮއި އަނބުރާ ނުނެގުމުން މެންބަރުންނާމެދު ސުލޫކީ ފިޔަވަޅު އަޅައި ޕާޓީއިން ވަކިކޮށްފައިވާކަން އިލެކްޝަން ކޮމިޝަނަށް އެންގީ ޖުލައި މަހުގެ 18 ވަނަ ދުވަހު އެވެ.

މިއަދު އިއްވި ހުކުމްގައި ބުނީ، ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ނެރެފައިވާ އެއްވެސް އުސޫލެއް އެ ހުކުމް ނެރުމުގެ ކުރިން ހިނގާފައިވާ ކަމަކާ ގުޅިގެން ތަތުބީރު ނުވާނެ ކަމަށެވެ. އެހެންވެ، އަމީތާއި ސައުދާއި ލަތީފް އަދި ވައްޑެއަށް އެޅި ސުލޫކީ ފިޔަވަޅަކީ ސައްހަ ސުލޫކީ ފިޔަވަޅެއް ކަމަށް ބެލި ނަމަވެސް، އެ ހުކުމަށް ރިޔާއަތްކޮށް މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށެވެ.

ސަބަބެއް ކަމަށް ހުކުމްގައި ބުނެފައި އޮތީ، ސުލޫކީ ފިޔަވަޅު އެޅި އަމަލު ކަމަށްވާ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރުމަކީ ހުކުމްގެ ކުރިން ހިނގާފައިވާ އަމަލެއް ކަމަށްވާތީ ކަމަށެވެ. އެ މެންބަރުންނާމެދު އެޅި ފިޔަވަޅުގެ އިޖުރާއަތްތައް ފެށިފައިވަނީ ހުކުމްގެ ކުރިން ކަމަށްވާތީ އެ ހުކުމަށް ރިޔާއަތްކޮށް މެންބަރުންގެ ގޮނޑި ގެއްލޭނެ ހަމައެއް ނެތް ކަމަށް ބުނެފައިވެ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރެއްވި އިތުރު އަށް މެންބަރެއްގެ ގޮނޑި ވެސް އިލެކްޝަން ކޮމިޝަނުން ވަނީ ގެއްލުވާލާފަ އެވެ. އެ މެންބަރުން ވެސް ސުޕްރީމް ކޯޓަށް މައްސަލަ ވަނީ ހުށަހަޅުއްވާފަ އެވެ.

މެންބަރުންގެ ވަކީލްކަން ކުރައްވާ ހިސާން ހުސެއިން މިއަދު ވިދާޅުވީ، މިއަދު އިއްވި ހުކުމްތަކުން އެހެން މެންބަރުންގެ ގޮނޑިތައް ވެސް ސަލާމަތްވާނެކަން އެނގިގެންދާ ކަމަށެވެ. އެއީ މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި ސޮއި ކުރުމަކީ ހުކުމްގެ ކުރީގެ ކަމަކަށްވާތީ އެކަމަށް ހުކުމް ތަތުބީރު ނުކުރެވޭނެ ކަމަށް ސާފުކޮށް އެނގެން އޮތީމަ ކަމަށެވެ.

އެ އަށް މެންބަރުން ވެސް ފްލޯ ކްރޮސިންގެ ހުކުމްގެ ކުރިން ޕީޕީއެމްއިން ވަކިވާން ސިޓީ ހުށަހެޅުއްވި އެވެ. މިއަދު މެންބަރު ލަތީފްގެ މައްސަލާގައި އިއްވި ހުކުމްގައި ބުނެފައިވަނީ ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީއިން ވަކިވާން މެންބަރަކު އެދޭ ހިސާބުން އެ މެންބަރަކު ޕާޓީއިން ވަކިވާނެ ކަމަށެވެ. އެގޮތުގެ މަތިން ލަތީފް ޕާޓީއިން ވަކިވާން ޕީޕީއެމްއަށް ސިޓީ ހުށަހަޅުއްވައި އެ ސިޓީ އިލެކްޝަން ކޮމިޝަނަށް ކޮޕީކޮށްފައިވުމުން ލަތީފް ޕީޕީއެމްއިން ޖޫން މަހުގެ 19 ވަނަ ދުވަހު ވަކިވެފައިވާކަން ޔަގީންވާ ކަމަށް ހުކުމްގައިވެ އެވެ.

އެހެންވެ، އޭނާ ޕާޓީއިން އަމިއްލައަށް ވަކިވެފައިވަނިކޮށް ޕީޕީއެމްއިން އިސްނަގައިގެން ސުލޫކީ މައްސަލައެއް ބަލައި އޭނާއާމެދު މެންބަރެއްގެ ހައިސިއްޔަތުން ފިޔަވަޅެއް ވެސް އަދި އެއްވެސް އެންގުމެއް ނޭންގޭނެ ކަމަށް ހުކުމްގައިވެ އެވެ. އަދި މެންބަރަކު ވަކިވާން އެދުމުން ވެސް ނަން ދަފްތަރުން އުނިނުކޮށް އޮތުމަކީ އެ މެންބަރެއްގެ ހައްގަށް ގެއްލުން ދެވޭނެ ކަމެއް ނޫން ކަމަށް ވެސް ހުކުމްގައިވެ އެވެ.