ހަބަރު

ގާނޫނާ ހިލާފަށް ފާސްކޮށްފައިވާ ހުރިހާ ގާނޫނުތައް ރުޖޫއަކުރާނަން: ލަތީފު

ރައްޔިތުން މަޖިލީިހުގެ ތެރެއިން ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ހިލާފަށް ފާސްކޮށްފައިވާ ހުރިހާ ގާނޫނުތަކެއް އަނބުރާ ރުޖޫއަ ކުރާނެ ކަމަށް ދިއްދޫ ދާއިރާގެ މެންބަރު، އަބްދުލްލަތީފް މުހައްމަދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ އޭނާ ތަމްސީލް ކުރާ ދާއިރާގެ މެންބަރުކަން ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެންނެވެ.

ސުޕްރީމް ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވައި ލަތީފް ވިދާޅުވީ، ސުޕްރީމް ކޯޓުން މިއަދު ލިބުނު ކާމިޔާބީގެ ދަށުން މަޖިލީހުން ރައީސް އަބުދުﷲ މަސީހްގެ އިތުބާރުނެތް މައްސަލަ ނެގާނެ ކަމަށާއި އޭގެ ފަހުން ދެން މިސްރާބުް ޖަހާނީ ރައީސް އަބުދުﷲ ޔާމީންގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް ކަމަށެވެ. އަދި އެކަމަކީ ރައީސް ޔާމީން އެންމެެ ބިރުގަންނަ އެއް ކަންތައް ކަމަށްވެސް ލަތީފް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަބުދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގާނަން، ގާނޫނު އަސާސީއާ ހިލާފަށް ފާސްކޮށްފައިވާ ހުރިހާ ގާނޫނުތަކެއް އަނެއްކާ އަނބުރާ ރުޖޫއަށް ގެންނަން މަސައްކަތް ކުރާނަން،" ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ، ރައީސް ޔާމީންގެ އަނިޔާވެރިކަމަކަށް ރައްޔިތުުން އަބަދަކު އާނއެކޭ ނުބުނާނެކަން ސާބިތުކޮށްދީފައިވާ ކަމަށާއި ގާނޫނު އަސާސީއާ ގާނޫނާ ހިލާފަށް ކުރި ހުރިހާ ކަމެއްގެ ހައްގު އަދަބު އެމަނިކުފާނަށް ލިބޭނެ ކަމަށެވެ.

"ރައީސް ޔާމީންގެ އަނިޔާވެރިކަން ނިންމުމަށް އެންމެ ތަންފުކެއްވެސް ދުލެއް ނުކުރާނަން، އެމަނިކުފާނު އިސްތިއުފާ ދެއްވަން ޖެހޭނީ، މިހާރުވެސް މިދަންނަވަނީ އިސްތިއުފާ ދޭށޭ، ރައީސް ޔާމީންގެ އިތުބާރުނެތް ވޯޓް ނަގާނަން، އޭގެ މަސައްކަތްވެސް ކުރާނަން، އަޅުގަނޑުމެން އެންމެ ތަންފުކެއްވެސް ދޫނުކުރާނަން،" ލަތީފް ވިދާޅުވި އެވެ.

"އެމަނިކުފާނު ސަރުކާރު ހިންގީ ދޮލަނގެއް ތެރެއަށް ލައިގެން ސޮދަގާތު ފަނޑެއް ހަދައިގެން އެ ނިމުމަކަށް ގެންނަން މަސައްކަތް ކުރީ، އަނިޔާވެރިކަން އިސްކުރީ، ދައުލަތުގެ ފައިސާއާ މުދާ ބޭނުންހާ ގޮތަކަށް ބޭނުންކުރީ. އެހެންކަމުން އަނިޔާވެރިކަން ނިމިގެން ދިޔައީ ރައްޔިތުން 130000 ވޯޓްދެއްވައި،"

ލަތީފް ވިދާޅުވީ، ރައީސް ޔާމީނަށް އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދިނުން ކަމަށެވެ. އަދި މަޖިލީހުގެ ރައީސް އަބުދުﷲ މަސީހާއި ނައިބް ރައީސް ރީކޯ މޫސާ މަނިކަށްވެސް އެންމެ ރަނގަޅު ގޮތަކީ އަވަހަށް އިސްތިއުފާ ދިނުން ކަމަށް ލަތީފް ވިދާޅުވި އެވެ.

ސުޕްރީމްް ކޯޓުން މިއަދު ވަނީ ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމަވާފަ އެވެ. އެހަތަރު މެންބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް، ލޯޔަރު ވައްޑެއާ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފު މުހައްމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތެވެ.