ކޮވިޑް-19 ގެ ސަބަބުން ކޯޓުތަކުން އަމަލު ކުރަން ޖެހޭ ގޮތްތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ ސާކިއުލާއަށާއި އެ ސާކިއުލާގައި ގޯހެއް ނެތް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ ބައެއް މެންބަރުން ނުރުހުން ފާޅު ކުރައްވައިފި އެވެ.
ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާއާ ގުޅޭ ގޮތުން ޖޭއެސްސީން ބުނެފައި ވަނީ އެ ކޯޓުން އެހެން ކޯޓުތަކަށް ދީފައިވާ އިރުޝާދުތަކަކީ ވަގުތާއި ހާލަތަށް ރިއާޔަތްކޮށް ދީައިވާ އިރުޝާދުތަކެއް ކަމަށާއި އޭގެ ސަބަބުން ފަނޑިޔާރުންނަށާއި ޝަރުއީ ދާއިރާގެ މިނިވަން ކަމަށް އަސަރު ކުރާނެ ތަނެއް ނެތް ކަމަށް އެ ކޮމިޝަނަށް ފެންނަ ކަމަށެވެ.
ވެބް ކޮންފެރެންސް މެދުވެރިކޮށް މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެހެން ކޯޓުތަކުން އަމަލު ކުރާނެ ގޮތް ސުޕްރީމް ކޯޓުން އަންގައި އެ ކޯޓުތަކަށް ސުޕްރީމް ކޯޓުން ނުފޫޒު ފޯރުވުމަކީ އޭނާ އެއް ގޮތަކަށް ވެސް ތާއީދު ކުރައްވާ ކަމަށެވެ.
އެމްޑީޕީގެ ލީޑާޝިޕްގެ ގިނަ ބޭފުޅުން ވެސް ޖޭއެސްސީގައި ތިއްބަވަނިކޮށް ސުޕްރީމް ކޯޓުގެ އެފަދަ ނިންމެވުމަކަށް އެ ކޮމިޝަނުން ތާއީދު ކުރެއްވީތީ ހަސަން ލަތީފު ވަނީ އެ ކަމުގައި ވެސް ނުރުހުން ފާޅު ކުރައްވައިފަ އެވެ. އަދި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ރުހުން ދިން ފަނޑިޔާރުން ސުޕްރީމް ކޯޓުގައި ތިބިއިރު އެފަދަ ސާކިއުލާއެއް ނެރުމުން ހިތްހަމަޖެހިވަޑައިނުގެންނެވި ކަމަށް ހަސަން ވިދާޅުވި އެވެ.
"އެމްޑީޕީގެ ގްރޫޕްތަކުގައި މި ވާހަކަ ދެއްކީމަ އަނެއްހެން ވައިގަ ހިފާ ގޮތެއް ނުވޭ، އެކަމަކު އަޅުގަނޑު މި ހުރީއެއް ދޫކޮށްލާ ގޮތަކަށް ވެސް ނޫން، އަޅުގަނޑުމެންގެ ސަރުކާރެއް އޮވެފަ، މި ވަގުތު އޮތް ސުޕްރީމް ކޯޓަކުން އެފަދަ ކަމެއް ކުރީމަ ލޯ މަރައިގެން ނުހުރެވޭނެ، ޖޭއެސްސީގައި ވެސް އެމްޑީޕީގެ ބޭފުޅުން ތިއްބަވައިގެން ކީއްތޯ އެ ކުރައްވަނީ،" ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވަމުން ހަސަން ލަތީފު ވިދާޅުވި އެވެ.
ޖޭއެސްސީގައި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން އިންނަވާ މެންބަރު މަސްތޫރު ހުސްނީ އާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އިންނަވަ އެވެ. ކޮމިޝަންގެ ރައީސް އަކީ ވެސް މެންބަރު ހިސާން އެވެ.
ހަސަން ލަތީފުގެ ވާހަކައަށް ތާއީދު ކުރައްވައި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވީ ޖޭއެސްސީން ނެރުނު ބަޔާނެއްގައި ސުޕްރީމް ކޯޓުގެ ސާކިއުލާއަކީ ރަނގަޅު ސާކިއުލާއެއް ކަމަށް ބުނެފައިވީ ނަމަވެސް އެ ކޮމިޝަންގެ ނިންމުމުގެ ތަފުސީލުތައް ލިޔުމުން ކޮމިޓީއަށް ހޯދުމަށެވެ.
މެންބަރު މުއިއްޒުގެ ހުށަހެޅުއްވުމާ އެއް ގޮތަށް ޖޭއެސްސީގެ ނިންމުމުގެ ތަފުސީލުތައް ހޯދަން ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނިންމި އެވެ. ކޮމިޓީ ބައްދަލުވުމުގައި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އާއި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވެސް ސުޕްރީމް ކޯޓުގެ އެ ސާކިއުލާއާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.
ޖުޑިޝަރީގެ މައްސަލަތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުގައި ޖުޑިޝަރީ ކޮމިޓީއެއް އެކުލަވާލީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގަ އެވެ. އެ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފަނޑިޔާރުން ފިޔަވައި ޖުޑީޝަރީއާ ގުޅޭ ހުރިހާ މުއައްސަސާއަކަށް ފަރާވެރިވުމާއި ޖަވާބުދާރީވުން ހިމެނެ އެވެ.