ހަބަރު

އައްޑޫގައި ޒަހަމްކޮށްލި ޒުވާނާ އައިސީޔޫގައި، ހާލު ސީރިއަސް

Oct 9, 2018
2

ހޮނިހިރުދުވަހުގެ ރޭ އައްޑޫ ސިޓީ މަރަދޫގައި ހިންގި މާރާމާރީއެއްގައި ޒަހަމްކޮށްލާފައިވާ 22 އަހަރުގެ މުހައްމަދު އީވާން އަދިވެސް އޮތީ އައިސީޔޫގައި ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން އީވާންއަށް ހަމަލާދިންއިރު، އޭނާގެ ހަށިގަނޑުގެ 11 ތަނަކަށް ވަޅި ހަރާފައިވެ އެވެ. އެ ޒަހަމްތަކުގެ ސަބަބުން ހަށިގަނޑުގެ ތެރެއަށް ވަރަށް ބޮޑަށް ލޭފައިބައިފައިވުމުގެ ސަބަބުން އޮޕަރޭޝަނެއް ވެސް ކުރަން ޖެހުނެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު "އަވަސް"އަށް ވިދާޅުވީ، އީވާންގެ ހާލު ސީރިއަސް ކަމަށެވެ. އޭނާ މިވަގުތު ވެންޓިލޭޓަރުގައި ބާއްވާފައި އޮތް އިރު، ހޮސްޕިޓަލަށް ގެނައި އިރަށްވުރެ ހާލަތު ތަންކޮޅެއް ރަނގަޅު ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެ ޒުވާނާގެ ހާލު ތަންކޮޅެއް ރަނގަޅު ކަމަށް ޑޮކްޓަރުން ވިދާޅުވަނީ. އެހެން ނަމަވެސް އަދިވެސް އައިސީޔޫގައި ފަރުވާ ދެމުން މިދަނީ،" އައިޖީއެމްއެޗްގެ އޮފިޝަލް ވިދާޅުވި އެވެ.

އީވާނަށް ހަމަލާދިން މައްސަލާގައި މިހާތަނަށް 10 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި 18 އަހަރު ނުވާ ކުޑަކުއްޖަކުވެސް ހިމެނެ އެވެ.

ރޭ މާލޭގައި ވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލާފަ އެވެ. އޭނާއަށް އޭޑީކޭގައި ދަނީ ފަރުވާދެމުންނެވެ.