ހަބަރު

ތިރީހަކަށް މީހުން އެއްވެ މަގާމު ގެއްލުނުކަމަށް ނިންމުމަކީ ޖޯކެއް: އީސީ ޝަރީފު

ވިހި ތިރީސް މީހުން އެއްވެ އޭނާގެ މަގާމު ގެއްލިއްޖެ ކަމަށް ނިންމުމަކީ ބޮޑު ޖޯކެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ. ޝަރީފު އެގޮތަށް ވިދާޅުވެފައިވަނީ އިންތިހާބު އޮޅުވާލާފައިވާކަމަށްބުނެ ސަރުކާރު ހިންގާ ޕީޕީއެމް އިން ބާއްވަމުންދާ އެއްވުންތަކުގައި އޭނާގެ މަގާމު ގެއްލިފައިވާ ކަަމަށް ބުނެ ދައްކަމުންގެންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ނެވެ.

ސަންގުޓީވީގެ ނިއުސްރޫމް ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ޕީޕީއެމްއިން މިހާރު ކުރަމުންދާ މުޒާހަރާތަކަށް އިޝާރާތް ކުރައްވާ ޝަރީފް ވިދާޅުވީ، އެ އެއްވުންތަކުގައި ދައްކަމުންގެންދަނީ ގަބޫލުކުރެވޭ ކަހަލަ ވާހަކަތަކެއް ނޫން ކަމަށާއި، އަދި އެއީ ފިޔަވަޅު ނާޅާ ދޫކޮށްލެވޭނެ ވަރުގެ ވާހަކަތަކެއްވެސް ނޫން ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބުރާހިމް މުއާޒު އަލީ، އިލެކްޝަންސް ކޮމިޝަނާއި، އެކޮމިޝަނުގެ މެމްބަރުންގެ އަބުރަށް އަރައި، ކޮމިޝަންގެ އަގުވައްޓާލަން ދައްކަމުންގެންދާ ވާހަކަތަކާއި ގުޅިގެން އޭނާއާއި، އެވާހަކަތަށް ދައްކަމުން ގެންދާ މީޑިއާތަކުގެ މައްސަަލަ ކަމާބެހޭ ފަރާތަށް މިހާރު ހުށަހަޅާފައިވާ ކަމަށް ޝަރީފު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އަމިއްލަ ހައިސިއްޔަތުންވެސް އޭނާގެ އަބުރަށް އަރައިގަނެފައިވާތީ މުއާޒުގެ މައްސަލަ ސިވިލްކޯޓަށް މާދަމާ ވައްދާނެ ކަމަށް ޝަރީފު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ޕީޕީއެމްގެ އެއްވުންތަކުގައި ދައްކަމުންދާ ވާހަކަތަކަކީ ސައްޙަ ވާހަކަތަކެއް ނޫން ކަމަށާއި، އެވާހަކަތަކުގެ އޯޑިއޯތަށް ހޯދަމުންދާ ކަމަށެވެ. އަދި އެއްވެސް މީހަކު ކޮމިޝަންގެ އަގުވައްޓާލައި، އަބުރަށް އަރާކަމަށްވާނަމަ އެކަމުގެ ބަދަލު ހޯދާނެ ކަމަށް ޝަރީފު ވަނީ ވިދާޅުވެފަ އެވެ.

ޝަރީފު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ތެރޭގައި ރިޔާސީ އިންތިހާބާއި ގުޅިގެން އެއްވެސް ކަހަލަ ހިތް ނުތަނަވަސްކަމެއް އޮތް ކަމަކަށް ނުދެކޭ ކަމަށާއި، މަދު ބަޔަކު އެވާހަކަ ދައްކަން އެއްވި ކަމުގައިވީނަމަވެސް، ނަތީއްޖާ އޮޅުވާލަން އީސީއިން ކުރި ކަމެއް ބުނެދެވިފައިނުވާ ކަމަށެވެ. އަދި އޮޅުވާލީ ކޮންކަމެއް ކަމާއި، އެކަމެއް ސާފުކޮށްދޭން ކޮމިޝަނުގައި އެދިފައިވެސް ނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.