ކުޅިވަރު

ކުޑަހީނާ އެންމެފަހުން ކޯޗިން ކޯހަށް, ދިނީ ވަރުގަދަ މެސެޖެއް!

ކުރީގެ އެއް ވަނަ ކުޅުންތެރިޔާ އިސްމާއީލް އާސިފް 'ކުޑަހީނާ' އަކީ މޮޅު ޓެކްޓީޝަނެކެވެ. އޭނާ ވިޔަންސާއަށް ކޯޗު ކޮށްދިންއިރު، ވިޔަންސާގެ ޓީމު ގޮވައިގެން، ހުއްރިއްޔާ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނިކުމެ އެ ޓީމާ އެއްވަރު ކުރި މެޗެކެވެ. އޭރު ހުއްރިއްޔާއަކީ މަޝްހޫރު ކުޅުންތެރިން ގިނަ ޓީމެކެވެ. އެ މެޗުގައި ވިޔަންސާގެ ޓީމު ކުޅުނު ސްޓައިލް، އެފްއޭއެމްގެ އޭރުގެ ޓެކްނިކަލް ޑައިރެކްޓާ މެ؛ލޭޝިއާގެ ކިމް ޖުން އަށް ކަމުދިޔަ އެވެ. މެޗަށް ފަހު އޭނާ ކުޑަ ހީނާއާ ބައްދަލުކޮށް ތައުރީފު ކުރި އެވެ.

މިދިޔަ އަހަރު ކުލަބު މޯލްޑިވްސް ބޭއްވި މައިލޯ 14 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕްގެ ފައިނަލް މެޗުގައި، އިންޑިއާގެ ޓިޕްސް އެފްސީ ބަލިކޮށް އާލީޓަޗް އެކެޑެމީއަށް ޗެމްޕިއަންކަން ހޯދައިދިނީ ކުޑަހީނާ އެވެ. އެ މެޗުގައި އާލީޓަޗު ކުޅުނު ސްޓައިލް ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އެވެ. ގިނަ ޕާސްތަކެއް ޖަހައިގެން ރީތި ފުޓްބޯޅައެއް ކުޅުނު ގޭމަށް ޓިޕްސް އެފްސީގެ ކޯޗުވެސް ތައުރީފު އޮއްސާލި އެވެ.

ކުޑަހީނާ އަކީ ފުޓްބޯޅަ ބަދަލު ކުރުމުގައި މޮޅު މީހެކެވެ. ނަމަވެސް ކޯޗިން އެޑިއުކޭޝަންގައި އޭނާ އަތުގައި އެއްވެސް ލައިސެެންސެއް ނެތެވެ. އެކި ޑިވިޝަންތަކުގެ ޓީމުތަކަށް އޭނާ ކޯޗު ކޮށްދޭތާ 12 ވަރަކަށް އަހަރު ވެއްޖެ އެވެ. ކޯޗިން ކޯސް ނުހަދާތީ އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ އެވެ. އެހެންވެ ފުޓްބޯޅައިގެ ބައެއް މީހުން އޭނާ ފާހަގަ ކުރަނީ، "ގޮތްދޫ ނުކުރާ" މީހެއްގެ ގޮތުގަ އެވެ.

އޭނާގެ ކުޅުންތެރިޔަކުވެސް ވަނީ، ކުރިން އަޅުގަނޑު ގާތު އެ ވާހަކަ ދައްކާފަ އެވެ. ހީނާ ކޯޗިން ކޯސް ނުހަދަން އުޅެނީ ކީއްވެތޯ އެންމެންވެސް ސުވާލު އުފައްދަ އެވެ.

"ތުއްތުު [ކުޑަހީނާ] އަކީ މޮޅު މީހެއް، އެކަމަކު އޭނާ ނޫޅޭ ކޯޗިން ކޯސް ހަދައިގެން މިކަން ރަނގަޅަށް ކުރާކަށް،" ކުޑަހީނާ ބެލުމުގެ ދަށުން ފުޓްބޯޅައަށް ނިކުތް އޭނާގެ ކުޅުންތެރިޔަކު އަޅުގަނޑު ގާތު ކުރިން ބުނެފައިވެ އެވެ. "ލައިސެންސް ނެތިއްޔާ އޭނާއަށް ފުރަތަމަ ޑިވިޝަންގައި ކޯޗުކަމެއް ނުކުރެވޭނެ، އެތައްބަޔަކު އޭނަ ގާތު ކިޔާ ކޯޗިން ކޯސް ހަދަން."

އުމުރުފުރާ ލެވަލްގެ ގައުމީ ޓީމުގެ ކޯޗަކަށް އޭނާ ގެންނަން ވެގެން، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުވެސް، ކޯޗިން ކޯސް ހެދުމަށް ކުޑަހީނާ ގާތުން އެދުނެވެ. ނަމަވެސް ޑައިވިން އިންސްޓްރަކުޓަރު ކޯސް ހަދަން އުޅޭކަމަށް ބުނެ ރާގު ބަދަލު ކޮށްލި އެވެ. ކުލަބު ވެލެންސިއާ ބޮޑު އަނދަވަޅަކަށް ވެއްޓިފައި އޮއްވައި އެ ކުލަބު ގޮވައިގެން ނިކުމެ 2016 ވަނަ އަހަރުގެ އެފްއޭ ކަޕުގެ ޗެމްޕިއަންކަން ހޯދައިދިނެވެ. އެ ޓީމު ރޭވުމާއި ހުރިހާ ޓެކްޓިކްސްއެއް ފަރުމާ ކުރީވެސް ކުޑަ ހީނާ އެވެ. ފުޓްބޯޅައިގެ އެންމެންނަށް އެކަން އެނގެ އެވެ.

އެހެން ނަމަވެސް އޭނާގެ ނަން ކޯޗެއްގެ ގޮތުގައި ޖެހެން ނޯވެ އެވެ. ކޯޗުގެ މަސްއޫލިއްޔަތު އުފުލަމުން ދިޔަ ނަމަވެސް ކޯޗެއްގެ ގޮތުގައި ލިސްޓް ކޮށްފައި ވަނީ ވެލެންސިއާ އާއި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު މުހައްމަދު އިގްބާލް 'އައިކިޔު' އެވެ. އެ އަހަރުގެ އެފްއޭއެމް އެވޯޑްގެ އެންމެ މޮޅު ފަސް ކޯޗުންގެ ލިސްޓަށް އެފްއޭއެމުން ނޮމިނޭޓް ކުރަން ޖެހުނީ އައިކިޔުގެ ނަމެވެ.

ރާއްޖޭގެ މަޝްހޫރު ކޯޗަކު ބުނީ، ކޯޗިން ކޯސް ނުހެދުމުން ކުޑަހީނާއަށް ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ ރިސްކު ނަގަން ނޭންގުން ކަމަށެވެ. އެއީ ވަރަށް ބޮޑު ތެދެކެވެ. މި ސީޒަންގައި ނިއުރޭޑިއަންޓްގެ ކޯޗަކަށް ހުރި ސްޕެއިންގެ އޮސްކާ ބުރުޒޮން ބަރޭރަސް، ޖުލައި މަހު ނިއުގެ ވަޒީފާ ދޫކޮށްލުމުން، އެޓީމަށް ގެންނަން ކުލަބުން ޝޯޓް ލިސްޓް ކުރި ލިސްޓްގެ ކުރީގައި ކުޑަހީނާގެ ނަން އޮތެވެ. ނަމަވެސް ނިއުގެ ހުށަހެޅުމަށް އޭނާ އިޖާބައެއް ނުދިނެވެ. އެއީ އެވަރުގެ ބޮޑު ސްކޮޑެއް މެނޭޖުކުރުމުގައި އޭނާ އަށް ގެރެންޓީ ނެތުމުން ކަމަށް ވެދާނެ އެވެ.

ހުރިހާ ފާޑުކިޔުންތަކެއްގެ ތެރެއިން އެންމެ ފަހުން ކުޑަހީނާ ނިކުތީ ކޯޗިން ކޯހަށެވެ. މިމަހު ނިމިގެން ދިޔަ އޭއެފްސީ ކޯޗިން ކޯހުގެ 'ސީ' ލައިސެން ކޯސް ކުޑާހީނާ ފުރިހަމަ ކުރި އެވެ. އޭނާ މިހާރު ބުނަނީ، ކޯޗިން ކޯސް ހަދަން ކުރިން ވަގުތު ނުވަނީ ކަމަށެވެ. ކޯޗިން ކޯހާއެކު އޭނާގެ ރާގު ބަދަލުވި އެވެ. މިހާރު އޭނާ ދެކެނީ ކޯޗިން ކޯސް މުހިންމު ކަމަށެވެ.

"ހީކުރި ވަރަށް ވުރެ ރަނގަޅަށް ކޯސް ދިޔައީ،" ކުޑަހީނާ އަވަސް އާ ވާހަކަ ދެއްކި އެވެ. "އެ ކޯހުގައި ޝާޒް [ޝާޒްލީ މުހައްމަދު] ކިޔަވަދޭން ބޭނުން ކުރާ މެތަޑްތައްވެސް ވަރަށް ރަނގަޅު، ހީކުރިވަރަށް ވުރެ މާބޮޑަށްވެސް އޭނާ އިންސްޓްރަކުޝަންތައް ވަރަށް ތަރޯ، ރަނގަޅު."

ކޯޗިން ކޯހަށް ފަހު އޭނާގެ ވިސްނުން ހުރީ ލެވަލް ބީ ވެސް ފުރިހަމަ ކުރުމަށެވެ. ހަމައެއާއެކު އެންމެންނަށްވެސް އޭނާ ރެކޮމެންޑް ކުރަނީ ލެވަލް ސީ ފުރިހަމަގައި ބައިވެރި ވުމަށް. އޭނާ ބުނީ ފުޓްބޯޅައިގައި މަސައްކަތް ނުކުރިނަމަވެސް، ލެވަލް ސީގެ ކޯޗިން ކޯހަކީ ހުރިހާ ފަރާތްތަކުންވެސް ފުރިހަމަ ކުރަން ރަނގަޅު ކޯހެއް ކަމަށެވެ. ކޮންމެ ދާއިރާއްގެ އުޅޭ މީހަކަށް ވިޔަސް މީހަކަށްވެސް އެ ލެވަލްގެ މުހިންމުކަން އޭނާ ފާހަގަ ކުރި އެވެ. އެއީ ފުޓްބޯޅައަކީ އެންމެން ޝާމިލުވާ ކުޅިވަރަކަށް ވުމުންނެވެ.

"މިއީ ވަރަށް މުހިންމު ކޯހެއް، ކޮންމެހެން ކޯޗަކަށް ވާން ނޫޅުނަސް މި ކޯސް ހެދުމަކީ ވަރަށް މުހިންމު ކަމެއް، ފުޓްބޯޅަ ލިޔާ ނޫސްވެރިންވެސް، މެނޭޖުމެންޓްގައި އުޅޭ މީހުންވެސް ފުޓްބޯޅަ ބަލާ މީހުންވެސް މި ކޯސް ހަދަން ރަނގަޅުވާނެ، ތިއޮރެޓިކަލީ ރަނގަޅު އާ ކަންތައްތަކެއް ކޯހުން އެނގިގެން ދިޔަ، ހަމަ ކޮންމެ ދާއިރާއެއްގެ މީހަކުވެސް ފުރިހަމަ ކުރަން ރަނގަޅު ލެވަލް އެއް މީ."

ކުޑަހީނާގެ ކޯޗިން ކޯހުން ފާހަގަވި އެހެން ކަމެއްވެސް އެބައޮތެވެ. އެ ކޯހުގައި ދެންތިބި ބައިވެރިންނަކީ އޭނާއަށް ވުރެ ޒުވާން އަދި އެތައް ގޮތަކުން ތަޖުރިބާ މަދު މީހުންނެވެ. ނަމަވެސް އޭނާ ކަހަލަ ގިނަ ދުވަހު ފުޓްބޯޅަ ކުޅެ ގިނަ ދުވަހު ކޯޗަކަށް އުޅުނު މީހަކު ކޯހަށް ދިއުމުން އޭނާގެ ހިތްތިރިކަން ފާހަގަ ކުރެވެއެވެ. އިލުމެއް އުނގެނުމަށްޓަކައި ފެންވަރުގެ ގޮތުން ތިމާއަށްވުރެ ދަށް ލެވަލްގެ މީހުންނާ އެއް ލެވަލަކަށް ގޮސް ކިޔެވުމަކީ ޖެހިލުންވާންވީ ކަމެއް ނޫންކަން އޭނާ ސާބިތު ކޮށްދިނެވެ.

އެފްއޭއެމްގެ ކޯޗިން ޑިޕާޓްމެންޓްގެ ހެޑް ޝާޒްވެސް އެކަން ފާހަގަ ކުރި އެވެ. އޭނާ ބުނީ ކުޑަހީނާ ކަހަލަ ފުޓްބޯޅައިގެ ތަޖުރިބާކާރު މީހަކު އައިސް ކޯޗިން ކޯހުގައި ބައިވެރިވެ ކޯސް ފުރިހަމަ ކުރުމަކީ ރީތި މިސާލެއް ކަމަށެވެ.

"ކޯހުގައި ދެން ހިމެނުނީ ތަންކޮޅެއް ޒުވާން ކުދިންތަކެއް، އެކަމަކު ހީނާގެ ފަރާތުން ކޯހަށް ފުރިހަމަ އެއްބާރުލުން ލިބުނު އެހެން ކުދިންނަށްވެސް އޭނާގެ ފަރާތުން، އެހީތެރިކަން ލިބުނު،" ސާޒް ކިޔައި ދިނެވެ. "ހަގީގަތުގައި ތަޖުރިބާއަށް ބަލާއިރު އަޅުގަނޑަށް ވުރެވެސް ކުޑަހީނާގެ ތަޖުރިބާ ފުޓްބޯޅައިގައި ބޮޑުވާނެ، އަޅުގަނޑަށް ވުރެ ގިނަ ދުވަހު ކުޅުނު، އަޅުގަނޑަށްވުރެ ގިނަ ދުވަހު ކޯޗިންގަވެސް އުޅުނު، އެކަހަލަ ތަޖުރިބާ ބޮޑު މީހަކު އަޅުގަނޑުގެ ގާތަށް ކިޔަވަން އައިރުވެސް އަޅުގަނޑަށް ފުރިހަމަ އިހުތިރާމު ދިން، އެއީ އަޅުގަނޑަށް ވަރަށް ފާހަގަ ކުރެވުނު ކަމެއް."