ހަބަރު

ގޯތި ހޯދަން އެތައް ސަތޭކަ ބަޔަކު ތޮއްޖެހިއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގޯއްޗަށް އެދި ފޯމް ހުށަހެޅުމަށް މިއަދު އަލުން ހުޅުވާލުމާ އެކު އެ ފޯމް ލުމަށް އެތައް ސަތޭކަ ބަޔަކު ހައުސިން މިނިސްޓްރީއަށް ޖަމާވެއްޖެ އެވެ. މީހުން ގިނަވެ އެ ސަރަހައްދު ވަނީ ހަލަބޮލިވެފަ އެވެ.

ހައުސިން މިނިސްޓްރީން ދޫކުރުމަށް ނިންމާފައިވަނީ 1000 އަކަފޫޓުގެ 400 ގޯއްޗެވެ. އެ ގޯތިތަކަށް އެދުމުގެ ފޯމް އެ މިނިސްޓްރީން ދޫކުރަން ފެށީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެހެން ނަމަވެސް އޭސީސީގެ އެންގުމަކާ ގުޅިގެން އެކަން މެދުކަނޑާލި އެވެ. އެހެން ނަމަވެސް އޭސީސީއިން އިއްޔެ އަންގާފައި ވަނީ އާ އުސޫލެއް ތައާރަފްކޮށް ގޯތި ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ނަމަވެސް އޭސީސީގެ އެ އެންގުމާ ހިލާފަށް ހުޅުމާޅެއިން ގޯތި ދޫކުރަން ނިންމައި، ފޯމް ބަލައިގަތުމުގެ ކަންކަން ހައުސިން މިނިސްޓްރީން ކުރިއަށްގެންދާއިރު، މިނިސްޓްރީގެ ސިސްޓަމްތަކަށް ބާރުބޮޑުވެގެން ނަންބަރު ޕްރިންޓް ނުކުރެވި، އެތައް ސަތޭކަ ބަޔަކު ތިބީ ފޯމް ލެވޭ ގޮތްނުވެ ކިޔޫގައި ރުޅިގަދަވެފަ އެވެ. މިނިސްޓްރީން ދޫކުރަނީ ދުވާލަކަށް 500 ނަންބަރެވެ. ނަމަވެސް ކިޔުބީ އެޕަށް ވެސް މިހާރު ނުވަދެވޭއިރު މިނިސްޓްރީގެ ސިސްޓަމްތަކުން ވެސް ނަންބަރު ދޫކުރުން މިއަދު ވަނީ ވަރަށް ބޮޑަށް ލަސް ވެފަ އެވެ.

ގޯތި ފޯމް ލާން ދިޔަ ބައެއް މީހުން ރޭ ފަތިހުއްސުރެ ތިބީ ކިޔޫގަ އެވެ. ނަންބަރު ލިބުން ލަސްވެ، ކިޔޫގައި ގިނަ އިރު ތިބެންޖެހުމުން އެ ސަރަހައްދުގައި މިނިސްޓްރީގެ އޮފިޝަލުންނާ ޒުވާބުކުރުމާއި އަރައިރުން ވަނީ ފެށިފަ އެވެ.

ހައުސިން މިނިސްޓްރީއިން މިދިޔަ އާދީއްތަ ދުވަހު އިއުލާންކޮށްފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން 1000 އަކަފޫޓުގެ 400 ގޯތި ދޫކުރުމަށެވެ. އަދި ހަފްތާއެއްގެ ތެރޭގައި އިދާރީ މަސައްކަތްތައް ނިންމާ، އަންނަ ހޮނިހިރު ދުވަހު ގުރުއަތު ނަގައިގެން ގޯތި ދޫކުރުމަށެވެ. ނަމަވެސް އެކަމުގައި ނާޖާއިޒް ފައިދާއަށް މަގުފަހިވާ ކަންކަން ހުރުމުން އޭސީސީއިން ވަނީ އެކަން ހުއްޓުވަައިފަ އެވެ.

އޭސީސީ އިން ބުނީ ހައުސިން މިނިސްޓްރީއަށް ސޯޝަލް ހައުސިންގެ ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން 400 ގޯތި ދޫކުރުމުގެ ކަންތައްތައް ކުރިޔަށް ގެންދެވޭނީ އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން އެ ބިންތައް ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރުމަށް ނިންމައި، އެ ޕްރޮސެސް ކުރިޔަށް ގެންދިއުމަށް ހައުސިން މިނިސްޓްރީއާ ހަވާލުކޮށްފައިވާ ނަމަ ކަމަށެވެ. އެގޮތުން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ގޯތި ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުމާލޭގެ އެތެރެއިން ސޯޝަލް ހައުސިންއަށް 400 ބިން، އަކަފޫޓަކަށް 300 ރުފިޔާ އާއި 400 ރުފިޔާއާ ދެމެދު އަގަކަށް ވިއްކުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށާއި، އަދި މި ބިންތައް ދޫކުރާ ފަރާތްތައް ކަނޑައަޅާނީ ހައުސިން މިނިސްޓްރީން ކަނޑައަޅާ ހަމަހަމަ އުސޫލެއްގެ ދަށުންކަމަށް އެޗްޑީސީ އިން ހައުސިން މިނިސްޓްރީއަށް ސިޓީއަކުން އަންގާފައިވާ ކަމަށް އޭސީސީ އިން ބުންނެވެ.