ހަބަރު

އަދީބު މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފި

ޖިނާއީ ބޮޑެތި ކުށްތަކެއް ސާބިތުވެ ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފި އެވެ.

އެނގިފައިވާ ގޮތުގައި އަދީބު މާލެ ގެނެސް ދައްކާފައި ވަނީ އައިޖީއެމްއެޗަށެވެ. އޭނާ މާލެ ގެނެސްފައިވަނީ މިއަދު ހެނދުނު 10:00 އެހާއިރެވެ.

އެނގިފައިވާ ގޮތުގައި އަދީބް ވަނީ ޔޫރޮލޮޖިސްޓަކަށް ދައްކާފަ އެވެ. އޭގެ އިތުރުން އޭނާގެ ސްކޭންތަކެއް ވެސް ވަނީ މިއަދު ހަދާފަ އެވެ. ޑޮކްޓަރަށް ދެއްކުމަށްފަހު އޭނާ ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ.

އަދީބު މިއަދު މާލެ ގެނެސްފައިވާ އޭނާ ވަނީ ވަރަށް ގިނަ ދުވަސް ތަކަކަށްފަހު މިދިޔަ ހުކުރު ދުވަހުވެސް މާލެ ގެނެސް ޑޮކްޓަރަށް ދައްކާފަ އެވެ. އެފަހަރު މާލެ ގެނެސް ދައްކާފައި ވަނީ އައިކެއާ އޮޕްޓިކަލްސް އަށެވެ.

މިދިޔަ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ޑޮކްޓަރަށް ދެއްކުމުން އަދީބު ލޮލުގެ ސާޖަރީއެއް ހަދަން ވީއެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ފުރަން ޖެހޭ ކަމަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށް އާއިލާއިން ބުނެ އެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މެޑިކަލް ބޯޑަށް ހުށަހަޅައިގެން ރާއްޖެއިން ބޭރަށް ފޮނުވާ ދިނުމަށް ދައުލަތުގެ އެއްވެސް މުއައްސަސާ އަކުން މަސައްކަތް ކުރަމުން ނުދާ ކަމަށްވެސް އާއިލާއިން ބުނެ އެވެ.

އަދީބުގެ ލޮލުގެ ހާލަތު ގޯސްވެފައިވަނީ ލޮލުގެ ނުރައްކާތެރި މައްސަލައެއް ކަމަށްވާ ގޮލޮކޮމާ ޖެހިފައިވާތީ އެވެ. އެކަން އައިޖީއެމްއެޗްގެ ޑޮކްޓަރުން އަދީބަށް އެންގިތާ މިހާރު އެތައް މަހެއް ވަނީ ވެފަ އެވެ. ލޮލުގެ ސިއްހީ މައްސަލައެއް ކަމަށްވާ "ކެޓެރެކްޓް" އަދީބުގެ ލޮލަށް ޖެހިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީގެ އިތުރުން އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.