ހަބަރު

ސްޓްރެސް ފްރީ ތަނެއްގައި އަދީބު ބަހައްޓަން ލަފާ ދީފި: އާއިލާ

Feb 26, 2019
9

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު، ސްޓްރެސް ފްރީ ތަނެއްގައި ބެހެއްޓުމަށް ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

އަދީބު، މިއަދު އައިޖީއެމްއެޗްއަށް ގެނެސް ފަރުވާ ދީފައިވެ އެވެ. އަދި ފަރުވާއަށްފަހު މިހާރު ވަނީ ޖަލަށް ގެންގޮސްފަ އެވެ. އޭނާ މިއަދު ހޮސްޕިޓަލަށް ގެނައި ސަބަބު ނޭނގޭ ކަމަށް އަނބިކަނބަލުން މަރިޔަމް ނަޝްވާ ވަނީ ވިދާޅުވެފަ އެވެ.

ނަޝްވާ މިއަދު ވަނީ މި މަހުގެ 16 ވަނަ ދުވަހު ޑޮކްޓަރު ދީފައިވާ ލިޔުމެއް ޓްވިޓާގައި ހިއްސާ ކުރައްވާފަ އެވެ. އެ ލިޔުމުގައި ޑޮކްޓަރު ވަނީ އަދީބު، ސްޓްރެސް ފްރީ މާހައުލެއްގައި ބެހެއްޓުމަށް ލަފާ ދެއްވާފަ އެވެ. އަދި އޭނާ ހޭނެތުމުގެ ބިރު އެބަ އޮތް ކަމާއި އެހެންވެ އެކަނި ނުބެހެއްޓުމަށް ވެސް އެދިފައިވެ އެވެ.

މީގެ ދުވަސްތަކެއް ކޮޅެއް ކުރިން ވެސް އަދީބު ސްޓްރެސް ފްރީ މާހައުލެއްގައި ބެހެއްޓުމަށް ޑޮކްޓަރުން ލަފާ ދިނެވެ. އޭރު އޭނާގެ ކިޑްނީގެ ސާޖަރީއެއް އައިޖީއެމްއެޗްގައި ހެދި އެވެ. އެއަށްފަހު އަދީބު ގެއަށް ބަދަލުކުރި އެވެ. ނަމަވެސް ފަހުން އަނބުރާ ޖަލަށް ބަދަލުކުރިި އެވެ.

ޖަލަށް ބަދަލުކުރި ފަހުން ވެސް ހާލު ގޯސްވެގެން އައިޖީއެމްއެޗްގައި އެޑްމިޓް ކުރަން ޖެހުނެވެ. އޭގެ ފަހުން ހައިކޯޓުން ވަނީ އަދީބު ގޭބަންދަށް ބަދަލުކުރުމަށް އަމުރެއް ނެރެފަ އެވެ. އެ އަމުރު ނެރުނީ އަދީބުގެ ބޭސްފަރުވާއަށް އިހްމާލުވާ ކަމަށް ބުނެ އޭނާ ހުށަހެޅި މައްސަލާގަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ އަމުރަށް އަމަލުކުރުން ހުއްޓުވާފަ އެވެ.

އޭގެ ފަހުން އަދީބު މާފުށީ ޖަލަށް ގެންދެވި ގޮތަށް ހުންނެވީ ޖަލުގަ އެވެ.