ހަބަރު

އަދީބު މާލެ ގެނެސް އެޑްމިޓްކޮށްފި

މާފުށީ ޖަލު ބަންދުގައި ހުންނެވި ކުރީގެ ނައިބު ރައީސް މާލެ ގެނެސް އައިޖީއެމްއެޗްގައި އަނެއްކާވެސް އެޑްމިޓްކޮށްފި އެވެ.

ބޮޑެތި ޖިނާއީ ކުށްތަކެއް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ އަދީބު މާލެ ގެނެސްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް އޭނާ ނިސްބަތްވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް އިން ބުންޏެވެ. އަދި އައިޖީއެމްއެޗްގެ އެމަޖަންސީގައި ފަރުވާ ދިނުމަށް ފަހު މިހާރު އޮތީ ހޮސްޕިޓަލުގައި ބާއްވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

އަދީބުގެ އާއިލާ އިންނާއި އޭނާގެ ވަކީލުން އަންނަނީ ސަރުކާރުން އަދީބުގެ ބޭސްފަރުވާއަށް އިހުމާލުވެފައިވާ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. އާއިލާއިން އެދެނީ އޭނާ ގޭ ބަންދުގައި ބަހައްޓައިގެން ފަރުވާ ދިނުމަށެވެ. އެގޮތަށް ބަހައްޓާފައި ވަނިކޮށް އިގުރާރާ ހިލާފުވުމުގެ ސަބަބުން ކަރެކްޝަނުން މިފަހުން ވަނީ އަދީބު ޖަލަށް ބަދަލުކޮށްފަ އެވެ.

އަދީބުގެ މައްސަލަ ބޮޑު ޝަކުވާއަކަށް ބަދަލުވެފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އަދީބާމެދު ކަންކުރާ ގޮތުގައި ގޯހެއް އޮތް ކަމަށް އެމަނިކުފާނަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.