އެމްޓީޑީގެ ލީޑަރު، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަދިިވެސް އޮތީ ހޮސްޕިޓަލްގައި ކަމަށާއި އޭނާ އޮތީ އޮބްޒަވޭޝަނަށް ބާއްވާފައި ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.
ކަރެކްޝަންސް އިން ބުނީ އަދީބު އަދިވެސް އޮތީ އޮބްޒަވޭޝަންގައި ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އޭނާ އަލުން ޖަލަށް ބަދަލު ކުރާނެ ވަކި ދުވަހެއް ނޭނގޭ ކަމަށެވެ. އަދީބު ހޮސްޕިޓަލްގައި ބާއްވާފައި އޮތީ ޖަލު ގޮޅިއަށް ވެއްޓިގެން އޭނާގެ ބޮލަށް ލިބުނު އަނިޔާތަކާއި ގުޅިގެންނެވެ.
އަދީބު ބަންދުކޮށްފައި ހުރި ޖަލުގެ ގޮޅި ތެރެއަށް ހޭނެތިގެން ވެއްޓިގެން އެމަޖެންސީގައި އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދޭން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ޅ. މާބިންހުރާ ހިޔާނާތުގެ މައްސަލައިގެ އިސްތިއުނާފް ޝަރީއަތުގައި ސުޕްރީމް ކޯޓުން ވަނީ އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. އަދީބުގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ފަރާތުން އެދުނީ އޭނާ ފިލައިދާނެ ކަމުގެ އިހުތިމާލު އޮތީމަ އެވެ.
އަދީބުގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް އޭނާ ވަނީ މި މަހުގެ ފުރަތަމަ ދުވަހު ފިލައިގެން ގޮސް އިންޑިއާއަށް އެތެރެވާން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އިންޑިއާއަށް ގަވާއިދާ ހިލާފަށް އެތެރެވަނިކޮށް އެ ގައުމުގެ ފުލުހުން އޭނާ ހައްޔަރުކުރި އެވެ. އަދި ފަހުން ދިވެހި ފުލުހުންނާ ހަވާލުކޮށް، ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ރާއްޖެ ގެނަ އެވެ.
ހިޔާނާތާއި ޖީނާއީ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަދީބު ބޭސްފަރުވާއަށް މި އަހަރުގެ ތެރޭގައި އިންޑިއާއަށް ވަޑައިގެންފައިވެ އެވެ. އަދި ހަ މަހުން އެއް ފަހަރު އިންޑިއާއަށް ވަޑައިގެން ޑޮކްޓަރަށް ދެއްކުމަށް ޑޮކްޓަރުން ވަނީ ލަފާ ދީފަ އެވެ. މީގެ ކުރިން ޖަލުގައި ބަންދުކޮށް ބަހައްޓާފައި ވަނިކޮށް ސިއްހީ ހާލަތު ގޯސްވެގެން އަދީބު އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދީފައި ވެއެވެ.