ރާއްޖެ ކުޅިވަރު

ފަހު ވަގުތު ގަތަރުން ރާއްޖެ ރޮއްވާލައިފި

މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑާއެކު، ވޯލްޑް ކަޕް ކޮލިފައިންގެ ގުރޫޕް ސީގައި މިރޭ ދިވެހިރާއްޖެ އަތުން 1-0 އިން ގަތަރު މޮޅުވެއްޖެ އެވެ.

މެޗުގެ ނުވަ ދިހަ މިނިޓާއި އިތުުރު ވަގުތުގެ ބޮޑުބައިގައި ދިވެހިރާއްޖޭގެ ޓީމުން ވަނީ ގަތަރު ހަމަލާތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައި، ގަތަރު ހިފަހައްޓައިފަ އެވެ.

އެކަމަކު މެޗުގެ އިތުރު ވަގުތު ގޮތުގައި ޖަޕާންގެ ރެފްރީ ދެއްކި އަށް މިނިޓު ހަމަވެ، އިތުރު ވަގުތު ގޮސްފައި ވަނިކޮށް ގަތަރުގެ އަހުމަދު އަލްސާދު ޖެހި ޝޮޓް ރާއްޖޭގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ގޯލުގެ ތެރެއަށް ވަދެ، ރާއްޖޭން މެޗުން ޕޮއިންޓް ހޯދުމަށް ކުރި އުންމީދުތައް ފެނަށް ދިޔަ އެެވެ.

މެޗުގެ ދެވަނަ ހާފުގައި ގަތަރުގެ ގިނަ ހަމަލާތަކެއް ރާއްޖޭގެ ގޯލްކީޕަރު އިމްރާން މުހައްމަދު ވަނީ ދިފާއުކޮށްަފަ އެވެ. މެޗުގެ އަށް ވަނަ މިނިޓުގައި 14 އަށް ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ހުސް ފުރުސަތުގައި ފޮނުވާލި ބޯޅަ އިމްރާން ދިފާއުކުރިއިރު، 11 ފޮނުވާލި ދެ ހަމަލާއެއް ވަނީ ހުށިހާރުކަމާއެކު ދިފާއުކޮށްފަ އެެވެ.

ރާއްޖޭން ގަތަރު ހަމަލާތައް ހިފެހެއްޓުމުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ރާއްޖެ އަށް އުފެއްދުނ މަދު ހަަމަލާއެކެވެ. ކައުންޓާ އެޓޭކްގައި ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ރާއްޖެ އަށް އެ ފުރުސަތުތަކުގެ ބޭނުމެއް ނުކުރެެވުނެވެ. ހާއްސަކޮށް މުޅި މެޗުގައި ވެސް ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ދެވުނީ ރަނގަޅު ދެ ތިން ބޯޅައެކެވެ.