ރިޕޯޓް

ގޯތި ވިއްކުން އުސޫލުން ބޭރުން! އަނެއް ޖަރީމާ؟!

"ކިތަންމެ ހޫނު ގަދަޔަސް ގޯއްޗެއް ބޭނުމިއްޔާ މި އަތްވަށްވެސް ކެއްކުރާނީ، މި ނޫން ގޮތެއް ނެތް، ބޯހިޔާވަހި ކަމަކީ މިހާރު މާލޭގައި ދިރިއުޅޭ ކޮންމެ މީހެއްގެވެސް ހުވަފެނެއް، ހާއްސަކޮށް އަޅުގަނޑުމެން ކަހަލަ ކުޑަކުޑަ ތަންކޮޅެއްގައި ބޮޑު އާއިލާއަކާއެކު އުޅޭ މީހުންނަށް މިއީ ހަމަ ރަން، ނަމަވެސް މިކަން މިކުރަނީ ކިހިނެތް؟ ފޯމްލާން ހަތަރު ދުވަސް ދިނީ، އަވަސް އަރުވާލަންވީ ކީއްވެ؟ މިއީ ކޮންކަހަލަ އިންސާފެއް؟" ހުޅުމާލެއިން ދޫކުރާ ގޯއްޗަށް އެދެން ކިޔުގައި އިން މީހަކު އޭނަގެ ޝަކުވާ ބަންޑުން ކުރި އެވެ.

މިދިޔަ ހޯމަ ދުވަހު ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި މިނިސްޓަރު މުހައްމަދު މުއިއްޒު ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ދޫކުރަން ފަށަން ނިންމާފައިވާކަން އިއުލާން ކުރައްވައި، 1000 އަކަފޫޓުގެ 400 ގޯތި ދޫކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ގޯތިތައް ދޫކުރާނީ 400،000 ރުފިޔާއަށް، ޑައުން ޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދެއްކުމަށް ފަހު ބާކީ ފައިސާ 10 އަހަރު ތެރޭ ކޮންމެ މަހަކު ދައްކާ ހަލާސް ކުރެވޭނެ އުސޫލަކުން އެވެ.

އަދި ބޭނުންވާ ފަރާތްތަކަށް އެއް ފަހަރާ ފައިސާ ދެއްކުމުގެ ފުރުސަތު ވެސް އޮންނާނެ ކަަމަށް ވެސް މިނިސްޓަރު ވިދާާޅުވި އެވެ. މި ބިންތައް ވިއްކަން ނިންމީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް މާލީ ގެއްލުންވެ، ކޭޝްފްލޯ އިތުރަށް ރަނގަޅު ކުރަން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ގޯއްޗަށް ކުރިމަތިލުމަށް އެދުވަހުގެ ހަވީރު 4:30 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ފޯމް ދޫކުރަން ފަށާނެ ކަމަށާއި އޮންލައިންކޮށް ވެސް ފޯމް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ އަދި ފޯމް ބަލައިގަތުން އަންގާރަ އިން ފެށިގެން މިއަދުގެ ނިޔަލަަށް ކުރިޔަށްދާނެ ކަމަށް އެދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް އެކަން އެގޮތަށް އިއުލާން ކުރުމާއެކު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން އެ ބިިންތައް ނުވިއްކުމަށް އޭސީސީން އަމުރުކުރި އެވެ. ނަމަވެސް އެކަމަށް ބެލުމެއްނެތި އެދުވަހު ހައުސިން މިނިސްޓްރީން ފޯމް ދޫކުރިއިރު، އެތައް ބަޔަކު އެތަނަށް ޖަމާވެ ފޯމް ނެގި އެވެ. މިއީ އޮންލައިން ކޮށްވެސް ލިބޭ ފޯމެކެވެ. ނަމަވެސް ފަހުން ވަނީ ފޯމް ދޫކުރުން ހުއްޓާލައިފަ އެވެ.

އެކަން އެގޮތަށް އެންގި ނަމަވެސް އެދުވަހުވެސް ހައުސިން މިނިސްޓްރީގެ ތެރޭގައި އޮތް ކިއު ލައިން ފެނިފައި ހަމަ އަޖައިބް ކޮށްލާނެ އެވެ. ބޯހިޔާވަހި ކަމަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރު އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައިވެސް ފެނިއްޖެ އެވެ. އެތައް ބަޔަކު މިނިސްޓްރީގެ ތެރެޔަށް ތޮއްޖެހުނީ ބޯހިޔާވަހިކަމެއް ލިބޭނެ ކަމުގެ އުންމީދުގަ އެވެ.

އެކަން އެގޮތަށް އޮއްވައި މިދިޔަ އަންގާރަ ދުވަހު ހައުސިން މިނިސްޓަރު ވަނީ އަނެއްކާވެސް ޕްރެސްއެއް ބާއްވައި އޭސީސީ އިން އެ ބިންތައް ވިއްކަން ހުއްދަ ދީފައިވާކަމަށް ވިދާޅުވެ، ހަމައެދުވަހުގެ ހަވީރު ފޯމް ބަލައި ގަންނާނެ ކަމަށް ވިދާޅުވެފަ އެވެ. އޭސީސީން ވަނީ ބިން ވިއްކާ އުސޫލު ބަދަލުކޮށް ގޯތި ވިއްކުން ހުޅުވާލަން އަންގައިފަ އެވެ. ނަމަވެސް އެއަށް ބެލުމެއްނެތި މިނިސްޓްރީން ފޯމް ބަލައިގަންނަން އެދުވަހު ފެށި އެވެ. އެކަން ހުއްޓުވަން އޭސީސީން ވެސް ފަހުން މަސައްކަތް ކުރިތަނެއްވެސް ނުފެނުނެވެ.

ދުވާލެއްގެ މައްޗަށް 500 ނަމްބަރު ދޫކުރުާއިރު، އެ ނަމްބަރުތަކުގެ ބޭނުމުގައި ކިއުއަށް އަރައި އެތައް ބަޔަކު އެބަތިއްބެވެ. ކަޅުތުއްކަލާ ކޮޅިށް ފެށިގެން މިނިސްޓްރީއާ ހަމައަށް އިއްޔެ މެންދުރުން ފެށިގެން 500 އަށްވުރެ ގިނަ ފަރާތްތައް ތިއްބެވެ. އެއީ މިއަދު ދޫކުރާ 500 ނަމްބަރު ނެގުމަށެވެ. އަންނަ އާދިއްތަ ދުވަހާއި ހަމައަށް މުއްދަތު އޮތް އިރު، ދުވާލަކަށް 500 ނަމްބަރު ދޫކުރުމަކީ ކޮން ކަހަލަ ހަމައެއްގެ ދަށުން ކުރާ ކަމެއް ހެއްޔެވެ؟

ސަރުކާރު ބަދަލުވުމުގެ މަރުހަލާ ކުރިއަށްދާއިރު ކުއްލި ގޮތަކަށް މިހާ އަވަސް އަރުވާލައިގެން އެންމެ ހަތަރު ދުވަހުގެ ތެރޭގައި މިކަން ކޮށް ނިންމާލަން މި އުޅޭ ސަބަބެއް ނުވިސްނުނެވެ. ހާލަކުން ފަހަރަކު ރައްޔިތުންނަށް ލިބޭ މިފަދަ ފުރުސަތަކަށް މިހާ ކުޑަ މުއްދަތެއް ސަރުކާރުން ދޭންވީ ސަބަބެއް އެއްގޮތަކަށްވެސް ވިސްނުމަކަށް ނައެވެ.

"ރައްޔިތުންގެ އިހުސާސްތަކާ މިހާ ބޮޑަށް ގުޅިފައި ހުރި ކަމެއް ބޯހިޔާވަހި ކަމަކީ، މިހާ ކުޑަ އަގެއްގައި ބިން ވިއްކާއިރު ކާކު ބޭނުން ނުވާނީ، އެކަމަކު އެންމެ ހަތަރު ދުވަސް މި ލިބުނީ، ކޮންމެ ދުވަހަކަށް 500 ނަމްބަރު، އިންސާފުވެރިކޮށް ކުރިއަށް ގެންދާނެ ކަމަށް ބުންޏަސް މިކަން ފެށިފައިވެސް މިއޮތީ ބޭއިންސާފުން، މިކަމުންވެސް ފައިދާ ވާނީ އެއް ބަޔަކަށް، ހެޔޮނުވާނެ އެންމެނަށް ފުރުސަތު ލިބޭހެން ކުރިއަށް ގެންގޮސްދީ" މއީ އިއްޔެ ހައިސިން މިނިސްޓްރީ ސަރަހައްދުގައި ހުރި ފަރާތެއްގެ އާދޭހެވެ.

އެކަމާ ގުޅިގެން ހައުސިން މިނިސްޓަރު ވިދާޅުވީ، މިކަން ކުރިއަށް ގެންދަނީ އަވަސް އަރުވާލައިގެން ނޫން ކަމަށާއި މިއީ ކުރިންވެސް އެކަން ކުރަން ރާވާފައިވާ ގޮތް ކަމަށެވެ.

"ކުރިން އޮތީ އިންތިހާބުގެ ކުރިން މިކަން ކުރިއަށް ގެންދަން، ނަމަވެސް ރަައީސް ޔާމީން ބޭނުން ފުޅުވީ އިންތިހާބުގެ ފަހުން މިކަން ކުރިއަށް ގެންދިއުމަށް، އެއީ އިންތިހާބަށް ކުރާ ކަމެއް ކަމަށް ބުނެފާނެތީ، މިކަން ކުރައްވަނީ އަވަސް އަރުވާލައިގެން ކަމަށް ނުދެކެން، މިއީ ކުރިންވެސް ރޭވިފައިވާ ގޮތް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރަށް މިކަން ކުރިއަށް ގެންދަނީ އަވަސް އަރުވާލައިގެން ނޫން ކަމަށް ވިދާޅުވި ނަމަވެސް ރައްޔިތުން އެކަމަށް އެއްބަހެއް ނުވެ އެވެ. ކުރިން ރޭވި ނަމަވެސް ނުވަތަ ފަހުން ރޭވި ނަމަވެސް އިންތިޒާމް ކުރި ފަރާތުން ވަގުތު ކަނޑައެޅުމުގައި މިވަނީ އިހުމާލުވެފައި ކަމަށް އެންމެންހެން ދެކެ އެވެ.

"ރައްޔިތުންނަށް އެދެނީ ފުރުސަތަކަށް ކަމަށާއި އެ ފުރުސަތަށް އެކަށީގެންވާ ވަގުތަށެވެ. އެވަގުތު ނުދީ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި މިކަން ނިންމާލަން ހެޔޮވެސް ނުވާނެ،" ބޯހިޔާވަހި ކަމަށް ބޭނުންވެފައިވާ ރައްޔިތަކު އޭނާގެ ހިޔާލު ފާޅުކުރި އެވެ.

ދުވާލަކަށް 500 ނަމްބަރު ދޫކުރާއިރު ބާކީ އޮތީ އެންމެ ދެ ދުވަހެވެ. ކުރިއަށް ނި އޮތް ދެ ދުވަހު ކޮންމެ ގުރުބާނީއެއްވެގެން ވެސް ބިން ކޮޅެއް ލިބޭތޯ މަސައްކަތް ކުރަން މި އޮތީ ޖެހިފަ އެވެ. ރައްޔިތުން ތިބީ މިފަދަ ފުރުސަތަކަށް ފެން ބޮވައި ގަނެފަ އެވެ. ބޯހިޔާވަހި ކަމަކީ ރައްޔިތުންގެ އިހްސާސްތަކާއި އެހާ ބޮޑަށް ގުޅިފައިވާ ކަމަކަށްވާއިރު، މިގޮތަށް ރައްޔިތުންގެ އިހްސާސްތަކާއި ކުޅެން ހެޔޮވާނެ ހެއްޔެވެ؟