ރާޅުގަނޑު ސަރަހައްދުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ފޯރިގަދަ ޝޯއާއެކު، ޓްރައިލް ބައިކް ނުވަތަ ބައިސްކަލް އިން ސްޓަންޓް ހެދުމުގައި މަޝްހޫރު ރެޑްބުލްގެ އެތުލީޓް ތޯމަސް އޮލާ ރާއްޖެ އަށް ކުރި ޓުއާ ނިންމާލައިފި އެވެ.
ޓްރައިލް ބައިކްގެ ދުނިޔޭގެ ޗެމްޕިއަންކަން ކުރިން ހޯދައިފައިވާ ޓޮމް ހުނަރުދައްކާލުމަށް ރާޅުގަނޑުގައި ރޭ ބޭއްވި ޝޯ ބަލާލުމަށް ގިނަ އަދަދެއްގެ މީހުން އެ ސަރަހައްދަށް ޖަމާވި އެވެ. ޓޮމްގެ ޓުއާގައި މީގެ ކުރިން ބޭއްވި ޝޯތަކާ ހިލާފަށް، ފަހު ޝޯ ކުރިއަށް ގެންދިޔައީ މަޝްހޫރު ބޮޑުބެރު ގުރޫޕް ހަބޭސްގެ އައިޓަމްތަކާއި އެހެން ބައެއް މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު އެވެ.
ރާއްޖެ އަށް ކުރާ ޓުއާގައި ޓޮމް ވަނީ ޖުމްލަ އަށް ޝޯ ދީފަ އެވެ. މީގެ ތެރޭގައި މާލެ އާއި ވިލިނގިލި އަދި ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ޏ. ފުވައްމުލަކުގައި ބޭއްވި ޝޯތައް ހިމެނެ އެވެ. ގިނިސް ވޯލްޑް ރެކޯޑް ފޮތުން ދެ ފަހަރު ޖާގަ ހޯދައިފައިވާ ޓޮމް އަށް ވަނީ ކޮންމެ ޝޯއެއްގައި ބޮޑު ތަރުހީބެއް ލިބިފަ އެވެ. ކޮންމެ ޝޯއަކަށް ފަހު ވެސް، ގިނަ އަދަދެއްގެ ބެލުންތެރިން ޓޮމްގެ އޮޓޯގްރާފެއް ނުވަތަ އޭނައާއެކު ފޮޓޯއެއް ނެގުމަށް ޖަމާވި އެވެ.
"ވަރަށް ތަފާތު ތަޖުރިބާއެއް މިއީ. މި ފުރަސަތު ލިބުނީމަ އުފާކުރަން،" ޓޮމް ބުންޏެވެ. "އަހަރެމެންނަށް ދިން މެހެމާންދާރީ ސަޕޯޓާމެދު ވަރަށް ހިތްހަމަޖެހޭ. އަހަރެމެން ދިޔަ ކޮންމެ ތަނެއްގައި ވެސް ވަރަށް ރަނގަޅު މެހެމާންދާރީއެއް އަދާކުރި. ރާއްޖޭގެ މީހުންނާއި ސަގާފަތާއި ދިވެހި ކެއުން ތަޖުރިބާކުރެވުނު މި ދަތުރުގައި. ވަރަށް ހިތްހަމަޖެހޭ."
ޓޮމް ބުނީ ރާއްޖެ އަށް ކުރި ޓުއާގެ ކޮންމެ ދަތުރަކީ ވެސް ތަފާތު ތަޖުރިބާއެއް ކަމަށެވެ.
"އައްޑޫ އަށް ދިޔަ ފުރަތަމަ ދުވަހު ވެސް އައްޑޫ އަކީ ތަފާތު ތަނެއްކަން އެނގުނު. ފުވައްމުލަކުގެ ވެސް މުޅިން ތަފާތު މަންޒަރުތަކެއް. ދެން މާލެ އައީމަ މި ފެންނަނީ މުޅިން ތަފާތު މަންޒަރެއް. އެހެންވީމަ ކޮންމެ ތަނަކީ ވެސް މުޅިން ތަފާތު ތަނެއް. ތަފާތު ތަޖުރިބާއެއް."
ބައިސްކަލުގައި ސްޓަންޓް ހެދުމުގެ އާދަޔާ ހިލާފު ހުނަރުތަކެއް ލިބިފައިވާ ޓޮމް ،31، ބޮޑަށް މަޝްހޫރުވެފައިވަނީ އޭނާ ހަދައިފައިވާ ދުނިޔޭގެ ރެކޯޑްތަކުންނެވެ. ބައިސްކަލެއްގައި ހައި ޖަމްޕް ހެދުމުގެ ދުނިޔޭގެ ރެކޯޑާއި 400 މީޓަރުގެ ހާޑަލްސްއެއް ބައިސްކަލެއްގައި ފުރިހަމަކޮށްގެން ޓޮމް ވަނީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފަ އެވެ.
ޓްރައިލް ބައިކް ނުވަތަ ބައިސްކަލްގައި ސްޓަންޓް ހެދުމުގެ ހުނަރުތައް ޓޮމް ވަނީ ވަރަށް ހަގު އުމުރެއްގައި ދަސްކޮށްފަ އެވެ. ޕްރޮފެޝަން ޓްރައިލް ބައިކް އެތުލީޓެއްގެ ގޮތުގައި ޓޮމް ވާދަވެރި މުބާރާތްތަކުގައި ބައިވެރިވާން ފެށީ އުމުރުން 15 އަހަރުގަ އެވެ. އޮސްޓްރިއާ ޓްރައިލް ބައިކް ޗެމްޕިއަންކަން ޓޮމް އެންމެ ފުރަތަމަ ހޯދީ އުމުރުން 18 އަހަރުގަ އެވެ. އޮސްޓްރިއާގެ ޗެމްޕިއަންކަން އޭނާ ވަނީ ޖުމްލަ ހަ ފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ޓޮމް ވަނީ 2006 ވަނަ އަހަރު ޔޫރަޕިއަން އިންޑޯ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ. ދުނިޔޭގެ ޗެމްޕިއަންކަން ޓޮމް ހޯދީ 2008 ވަނަ އަހަރެވެ.